-8402fff9.png)
އައިޝަތު ހިދާޔާ

ދާއަޅައިގެން ކުރާ މަސްވެރިކަން ރާއްޖޭގައި ކުރުމުގެ ހުއްދަ ދީފިނަމަ, މަސްވެރިކަމުގެ ސިނާއަތުން ލިބޭ އާމްދަނީ އެތައް ގުނައެއް ބޮޑުވާނެކަމަށް ކާށިދޫދާއިރާގެ ކުރީގެ މެމްބަރު އަބްދުالله ޖާބިރު ވިދާޅުވެއްޖެއެވެ.
"ނުކުތާ"އަށް ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ މީގެކުރީގެ ސަރުކާރުތަކުން ކަންކުރިގޮތުން ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެފައިވާ ކަމަށެވެ. އަދި ޑޮލަރުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި އެންމެ މުހިންމީ ރާއްޖެއަށް ޑޮލަރު ވެއްދޭނެ އިތުރު ދޮރުތައް ހުޅުވައިލުންކަމަށް އޭނާ ވިދާޅުވިއެވެ.
ފަތުރުވެރިކަމުން ވެސް އިތުރު ނަފާ ހޯދޭނެ އެތައް ދޮރެއް ބަންދުވެފައިވާއިރު, ދާއަޅައިގެން މަސްވެރިކަން ކުރުމުގެ ފުރުސަތު މިހާރުންމިހާރަށް ހުޅުވައިލައިފި ނަމަ މަސްވެރިކަމުގެ ދާއިރާއިން ލިބޭ ފައިދާ އެތައް ގުނައެއް އިތުރުވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ދާ އަޅައިގެން ކުރާ މަސްވެރިކަމުން ތިމާވެއްޓަށް އެތައް ގެއްލުމެއް ލިބޭތީ މިކަމަކީ ރާއްޖޭގައި ކުރުން މަނާ ކަމެކެވެ. ނަމަވެސް ޖާބިރު ވިދާޅުވީ ބޭރުގެ ގައުމުތަކުން ދާއަޅައިގެން މަސްވެރިކަންކޮށް އެކަމުން އެތައް ފައިދާއެއް ހޯދާކަމަށެވެ. މިކަމަކީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކުރެވޭނެ ކަމެއްކަމަށް ޖާބިރު ދެކިލައްވަ އެވެ.
"ރާއްޖޭގައި މަސްވެރިކަން މިކުރަނީ ވަކި ހިސާބެއްގައި. އޭގެ ބޭރުން ރާއްޖޭގެ އީއީޒެޑްގެ ތެރެއިން ވަކި ހާއްސަ ސަރަހައްދެއްގައި ދާއަޅައިގެން މަސްވެރިކަން ކުރުމުން ތިމާވެއްޓަށް ގެއްލުމެއް ނުވާނެ. އެއީ އެއްވެސް ވަރަކަށް ޔޫޓިލައިޒް ނުކޮށް ހުރި ސަރަހައްދެއް. މިކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުންވެ, ފަތުރުވެރިކަމަށް ގޯސް އަސަރެއް ކުރާނެ ކަމަކަށް ނުބެލެވޭ," ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ, މިކަމަށް ހުއްދަ ދޭންވީ ކަމާ ގުޅުންހުރި ދިރާސާތައްކޮށް ދާއަޅައިގެން މަސްވެރިކަން ކުރަން އެންމެ ރަނގަޅު ސަރަހައްދެއް ދެނެގަތުމަށްފަހު ކަމަށެވެ.
ދާ އަޅައިގެން މަސްވެރިކަން ކުރުމުން ކެއުމަށް ބޭނުން ނުކުރާ ގިނަ ބާވަތްތަކުގެ މަސް ދަލުގައި ޖެހި, މަރުވާތީ މިއީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާނެ ކަމެއް ނޫންކަމަށް ގިނަ ތަޖުރިބާކާރުން ވިދާޅުވެއެވެ. މި ވާހަކަތަކަށް ރައްދުދެއްވަމުން ޖާބިރު ވިދާޅުވީ, ޓެކްނޮލޮޖީ ކުރިއަރާފައިވާ މިޒަމާނުގައި މިފަދަ ކަންކަމަށް ޓެކްނޮލޮޖީ މެދުވެރިކޮށް ހައްލު ހޯދޭނެކަމަށެވެ. އަދި އެންމެ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވޭނެ ގޮތް ޓެކްނޮލޮޖީގެ އެހީގައި ހޯދައި އެފަދަ ގޮތަކަށް މިކަން ކުރުމަށް ހުއްދަ ދޭން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.
"ދާ އަޅައިގެން މަސްވެރިކަން ކުރަން ހުއްދަދޭވާހަކަ އަޅުގަނޑު މި ބުނަނީ އެއްގޮތަކަށް ވެސް ރާއްޖޭގެ އަތޮޅުތަކާއި ރިޒޯޓުތަކުގެ ފަޅުތެރޭގައެއް ނޫން. މި ބުނަނީ މަސްވެރިން މަސް ވެސް ނުބާނާ ހިސާބުގައި މި ވިޔަފާރި ފަށާށޭ," ޖާބިރު ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ވެސް ރާއްޖޭގެ އިގްތިސާދަށް ކުރާކަން ފާހަގަކުރައްވައި ޖާބިރު ވިދާޅުވީ, ދިވެހީންނަށް މުހިންމުވާންޖެހޭނީ ރާއްޖޭގެ އިގްތިސާދު ކަމަށެވެ. އެހެންކަމުން އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ކުރެވެން ކުރި ހުރިހާކަމެއް ކުރަންޖެހޭކަން އޭނާ ވިދާޅުވިއެވެ.
އިތުރަށް ޖާބިރު ވިދާޅުވީ, އިގްތިސާދު ރަނގަޅުކޮށް ޑޮލަރުގެ އަގު ތިރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވާކަން ގަބޫލުކުރައްވާކަމަށެވެ.
ދާއަޅައިގެން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް މަޖިލީހުގައި ވެސް ޖާބިރު ވަނީ މީގެކުރިން ގޮވައިލައިފައެވެ.
26 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން