-8402fff9.png)
މިންހާ އަބްދުالله

ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމްކުރާގޮތަށް ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނައި އިސްލާހަކީ، ހަގީގަތުގައި މީގެ މާ ކުރިންވެސް ގެންނަން ޖެހިފައިވާ ބަދަލެއް ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ދަތިވުމުގެ މައްސަލައަށް ހައްލު ހޯދުމަށް މި ސަރުކާރުން ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ބޭންކުތަކަށް މާރުކުރަން ލާޒިމްކުރާ ގާނޫނު ތަސްދީގުކޮށްފައިވަނީ މި ހަފްތާގެ ހޯމަ ދުވަހު އެވެ. ބިލު ތަސްދީގު ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމުން ރިސޯޓުތަކަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ވެސް ނުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޖާބިރު ވިދާޅުވީ މިއީ މާ ކުރިންވެސް ގެންނަން ޖެހިފައިވާ ބަދަލެއް ކަމަށެވެ. އަދި އެކި ގޮތްގޮތަށް މީގެ ކުރީގެ ވެރިކަންތަކުގައި ވެސް މިފަދަ އުސޫލެއް އެކުލަވާލުމުގެ ވާހަކަތައް ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
"މިއީ ކުރިންވެސް އަޅަން ޖެހޭ ފިޔަވަޅެއް، ލަސްވެސް ވެއްޖެ، ރާއްޖޭގެ ރައީސަކަށް ޑރ. މުއިއްޒު ވަޑައިގެންނެވި ފަހުން ގެންނަވާ ބަދަލުތަކުގެ ތެރެއިން ވަރަށް ރަނގަޅު ބަދަލެއް މިއީ، މި ބަދަލާއެކީ ޑޮލަރުގެ އަގު ވެސް ތިރިވެގެންދާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ މިއީ ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހެވާއި ލާބައަށް ގެނައި ބަދަލެއް ކަމަށެވެ. މިގޮތަށް ބަދަލު ގެނައުމުން ރިސޯޓުތަކަށާއި މުވައްޒަފުންނަށް ދަތިވާނެ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ސާފު ނުވާ ކަމަށާއި އެފަދަ ދައްޗެއް ކުރިމަތިވެދާނެ ކަމަށް ގަބޫލުނުކުރައްވާކަން ޖާބިރު ހާމަކުރެއްވި އެވެ.
"މިސާލަކަށް ރިސޯޓެއްގެ އޮކިޔުޕަންސީ ދަށް ދުވަސްވަރެއްގައިވެސް ބޭންކުން ޑޮލަރު ގަނެގެން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދެވޭނެދެއްތޯ،؟" މިކަމުގައި ޖާބިރު ހިޔާލު ހުރިގޮތް ހާމަކުރައްވަމުން ވިދާޅުވި އެވެ.
ސަރުކާރުން ގެނައި މި އިސްލާޙުގެ ދަށުން ބޭރު ފައިސާ ގަނެވިއްކޭނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާ ރޭޓުތަކަށް ނުވަތަ ބޭންޑުތަކަށްވުރެ މަތިނުވާ ގޮތަށް ކަމަށް ކަނޑައަޅައި، ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރެވޭނީ އެ އޮތޯރިޓީން ދޫކުރާ ލައިސަންސެއް ހޯދައިގެން ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މި ބިލުގައި، ޑޮލަރުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ފައިސާ މާރުކުރަންޖެހޭ މިންގަނޑުތަކަށް ބަދަލުތަކެއް ގެނެސްފައިވެއެވެ.
އެގޮތުން ގާނޫނުގައި ކަނޑައަޅައިފައިވާ ކެޓެގަރީ އޭ، ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން މަހަކު ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަންޖެހޭއިރު، މީގެ ކުރިން އޮތް ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އޮޕްޝަން ވަނީ އުނިކޮށްފައެވެ. އަދި ކެޓެގަރީ ބީ، އެސްޓެބްލިޝްމަންޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ އާމްދަނީގެ 20 އިންސައްތަ މާރުކުރަންވާނެ ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން