-8402fff9.png)
ސައިފުﷲ އަލީ
-81c586bb.png)
އިންޑިއާގެ ޔޫޕީއައި ނިޒާމާއި ރާއްޖޭގެ ފަވަރަ ނިޒާމު ގުޅާލުމުން، ބޭސްފަރުވާއަށާއި ތަޢުލީމު ޙާޞިލުކުރުމަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ފައިސާ ދެއްކުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވެއްޖެއެވެ.
ސަފީރު ޖީ. ބާލަސުބްރަމާނިއަން ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ޔޫޕީއައި އާއި ފަވަރަ ނިޒާމު ގުޅާލުމުގެ މަސައްކަތް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ. މިއީ ދެ ޤައުމުގެ ރައްޔިތުންނަށް މާލީ މުއާމަލާތްތައް ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ގެނެސްދޭނެ މުހިންމު ފިޔަވަޅެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ ވުޒާރާއިން ގެނެސްދޭ ޓްރޭޑް ޑެސްކް ވިތު އަނާ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ސަފީރު ވަނީ މި ނިޒާމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ފަތުރުވެރިކަމުގެ ދާއިރާއިން އެކަނިވެސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރުގެ މުއާމަލާތް ދެ ޤައުމުގެ ދެމެދުގައި ހިނގާއިރު، އިންޑިއާއިން ރާއްޖެއަށް 140،000 އާއި 150،000 އާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާކަން އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ބޭސްފަރުވާއަށާއި ތަޢުލީމު ޙާޞިލުކުރުމަށް ގިނަ އަދަދެއްގެ ދިވެހިން އިންޑިއާއަށް ދަތުރުކުރާއިރު، މި ބޮޑު އާބާދީގެ ބޭނުންތަކަށް ޙައްލެއް ގެނައުމުގެ ގޮތުން، ބޯޑަރު ހުރަސްކޮށް ފަސޭހައިން މުއާމަލާތްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ މުހިންމު އަމާޒެކެވެ.
އިންޑިއާގައި ކުރެވޭ މޯބައިލް މުއާމަލާތްތަކުގެ 50 އިންސައްތައަށްވުރެ ގިނަ މުއާމަލާތް ހިންގަނީ ޔޫޕީއައި މެދުވެރިކޮށްކަމަށްވާއިރު، މި ނިޒާމު ރާއްޖެއަށް ތަޢާރަފުވުމަކީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް އަންނާނެ އިންގިލާބީ ބަދަލެއްކަމަށް ސަފީރު ސިފަކުރެއްވިއެވެ. ޔުނިފައިޑް ޕޭމަންޓްސް އިންޓަރފޭސް ނުވަތަ ޔޫޕީއައި އަކީ އެއް މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ގިނަ ބޭންކު އެކައުންޓްތަކެއް ގުޅުވާލައި، ރައްކާތެރިކަމާއެކު ވަގުތުން ފައިސާގެ މުއާމަލާތްތައް ކުރެވޭ ޑިޖިޓަލް ޕޭމަންޓް ނިޒާމެކެވެ. ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމްކަމަށްވާ ފަވަރަ އާއި ޔޫޕީއައި ގުޅާލުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-d3ae8d55.jpg)
5 މަސް ކުރިން
-30d9c2a3.jpeg)
5 މަސް ކުރިން