-8402fff9.png)
ސައިފުﷲ އަލީ

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް --- ފޮޓޯ: އަވަސް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ރޮބޮޓިކް ސާޖަރީގެ ހިދުމަތް ތައާރަފްކުރުމަށްޓަކައި، އެކަމަށް ބޭނުންވާ މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމް ފޯރުކޮށްދީ، ހަރުކޮށް، މެއިންޓެނަންސްގެ ހިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މާދަމާއިން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500 ރުފިޔާ ނުވަތަ 100 ޑޮލަރު ދައްކަންޖެހޭއިރު، ރަޖިސްޓްރީ ކުރުމަށްފަހު އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން އޮންލައިންކޮށް ބިޑު ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. ހުށަހަޅާ ބިޑުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ ބިޑު ހުށަހަޅާ މުއްދަތު ހަމަވާތާ ޖެހިގެން އަންނަ ދުވަހުގެ މެންދުރު 1:00 ގަ އެވެ.
މަލްޓި-ޕޯޓް ރޮބޮޓިކް ސާޖިކަލް ސިސްޓަމަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސާޖަރީތައް ކުރުމަށް ފަރުމާކޮށްފައިވާ މިނިމަލީ އިންވޭސިވް މެޑިކަލް ޕްލެޓްފޯމެކެވެ. މި ނިޒާމުގައި 3ޑީ ހައި ޑެފިނިޝަން ކެމެރާއަކާއި ހާއްސަ ރޮބޮޓިކް އިންސްޓްރޫމެންޓްތައް ބޭނުންކޮށްގެން، ބަލިމީހާގެ ހަށިގަނޑުގައި ކުދި ޒަހަމްތަކެއް (ޕޯޓް) ހަދައިގެން އޮޕަރޭޝަންތައް ކުރުމުގެ ގާބިލުކަން ލިބިގެންވެ އެވެ. މި ޓެކްނޮލޮޖީ މެދުވެރިކޮށް އާއްމުކޮށް ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކާއި، އަންހެނުންގެ ހާއްސަ އޮޕަރޭޝަންތަކުގެ އިތުރުން ޖެނެރަލް ސާޖަރީ އަދި ތޮރަސިކް ޕްރޮސީޖާތައް ކުރެވޭނެއެވެ.
އައިޖީއެމްއެޗްގެ ސާޖިކަލް ހިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ދާދި ފަހުން އެ ހޮސްޕިޓަލުން ވަނީ ބަރުދަން ލުއިކުރުމުގެ އޮޕަރޭޝަންތަކާއި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ ކަށީގެ އޮޕަރޭޝަންތައް ވެސް ފަށާފަ އެވެ. ރޮބޮޓިކް ސާޖަރީގެ ހިދުމަތް ތައާރަފްވުމުން، ހޮސްޕިޓަލުން ފޯރުކޮށްދޭ ސިއްހީ ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުވެ، ބަލިމީހުންނަށް ލިބޭ ފަރުވާގެ އަވަސްކަމާއި ފަސޭހަކަން އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

3 މަސް ކުރިން
-d1e42f7f.jpg)
4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން

10 މަސް ކުރިން