-8402fff9.png)
ފާތިމަތު މިޝްކާ

މިދިޔަ އަހަރާއި އަޅާ ބަލާއިރު 27 އޮގަސްޓް 2026 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 6.9 އިންސައްތަ އިތުރުވެފައިވާކަމަށް މާލީ ވުޒާރާއިން ހާމަކޮށްފި އެވެ.
މި އަހަރުގެ އޮގަސްޓް 27ގެ ނިޔަލަށް 27.92 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 26.12 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %6.9 އިތުރު އަދަދެއް ކަމަށް އެ ވުޒާރާއިން އާންމުކުރި ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުގައި ހާމަކޮށްފައިވެ އެވެ.
މި ކުރިއެރުން ލިބިފައިވަނީ ޓެކްސް އާމްދަނީ އާއި، މުދަލާއި ބިންބިމުން ލިބުނު އާމްދަނީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމާ ގުޅިގެންނެވެ. މާލީ ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ހަފުތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިމްޕޯޓް ޑިއުޓީންނެވެ.
27 އޮގަސްޓުގެ ނިޔަލަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ޖުމްލަ 2.21 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ ހަމައަށް ލިބުނު 1.97 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12.1 އިންސައްތަ އިތުރު އަދަދެކެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 239.5 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކްސް (ޓީ.ޖީ.އެސް.ޓީ) ގެ ގޮތުގައި 7.52 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރު ލިބުނު 7.20 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %4.4 އިތުރު އަދަދެކެވެ.
ޖުމްލަ ޓެކްސް އާމްދަނީއަށް ބަލާއިރު، 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 19.91 ބިލިއަން ރުފިޔާއާ އަޅާބަލާއިރު %9.2 އިތުރުވެ، ޖުމްލަ 21.73 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. ވިޔަފާރި އާއި މުދަލުން ލިބުނު ޓެކްސް އާމްދަނީ %19.7 އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކޯޕަރޭޓް އިންކަމް ޓެކްސް ވަނީ %6.1 އިތުރުވެ 2.87 ބިލިއަން ރުފިޔާއަށް އަރާފައެވެ. އާންމު މުދަލާއި ހިދުމަތުގެ ޓެކްސް (ޖީ.އެސް.ޓީ) ގެ ގޮތުގައި 3.56 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗަރޖާއި ޑިޕަރޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ %8.2 އިތުރުވެ 1.26 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
މުދަލާއި ގޯތިގެދޮރުން ލިބުނު އާމްދަނީއަށް ވެސް %32.0 ގެ ކުރިއެރުމެއް ލިބިފައިވާއިރު، މި އަދަދު ވަނީ 1.68 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރޭގައި ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު 1.17 ބިލިއަން ރުފިޔާއާއި، ބިން ގަތުމާއި ބިމުގެ ބޭނުން ބަދަލުކުރުމުގެ ފީގެ ގޮތުގައި ލިބުނު 424.0 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު %88.0 އިތުރުވެ، 250.9 މިލިއަން ރުފިޔާއިން 471.8 މިލިއަން ރުފިޔާއަށް ވަނީ އުފުލިފައެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން
-2e33d5a7.jpeg)
3 މަސް ކުރިން
3 މަސް ކުރިން