-8402fff9.png)
ސައިފުﷲ އަލީ

މީގެ 23 އަހަރު ކުރީގެ މައްސަލައެއް ހައްލުކުރުމުގެ ގޮތުން ހަތަރު ލައްކަ ރުފިޔާއަށް ހުޅުމާލެއިން މީހަކަށް ގޯއްޗެއް ވިއްކަން ނިންމި ނިންމުމުގައި ގޯހެއް ވޭތޯ ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފިއެވެ.
މިކަން ހާމަކޮށް އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ 2003 ވަނަ އަހަރު ހިންގި ސްކީމެއްގެ ދަށުން ގޯތި ލިބުނު މީހަކާ ގުޅޭ މައްސަލައެއް ކަމަށެވެ. އެގޮތުން އެ ފަރާތަށް އޭރު ކަނޑައެޅިފައިވަނީ 904 އަކަފޫޓުގެ ބިމެއް ކަމަށް ރަސްމީ ލިޔެކިޔުންތަކުން އެނގޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބިމުގެ އަގަކީ އޭރު 339000 ރުފިޔާ އެވެ. ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި އެކި ސަރުކާރުތަކަށް ހުށަހަޅައިގެން ވެސް އެ ބިން ހަވާލުކުރެވިފައެއް ނުވެ އެވެ. މި ސަރުކާރުން އެ މައްސަލައަށް ހައްލެއް ހޯދައިދޭން ނިންމީ އެ ފަރާތުގެ ދިރިއުޅުމުގެ ހާލަތަށް ބަލައި ކުރިން އެއްބަސްވެފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އެ މީހާއަށް ވިއްކަން މިހާރު ނިންމާފައިވަނީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ޝަރުތު ހަމަނުވާ ފަރާތެއްގެ އެއްބަސްވުން ބާތިލުކުރުމަށްފަހު ހުސްކޮށް އޮތް ބިމެކެވެ. އެ ބިން ދޫކުރަން ނިންމީ ގުޅިފަޅުން އޭނާއަށް ލިބިފައިވާ ބިމުގެ ހައްގު ދޫކޮށްލަން އެއްބަސްވުމުން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބޯހިޔާވަހިކަމަކީ ނާޒުކު މައްސަލައަކަށް ވާތީ މި މުއާމަލާތުގައި ގޯހެއް ވޭތޯ ބަލަން އޭސީސީއަށް ހުށަހެޅީ މިނިސްޓްރީގެ އަމިއްލަ އިސްނެގުމަށެވެ. ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާނީ އޭސީސީގެ ބަހެއް ހޯދުމަށްފަހު ގާނޫނީ ލަފާ ލިބުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން
-e2c2a041.jpg)
5 މަސް ކުރިން

6 މަސް ކުރިން