-8402fff9.png)
ސައިފުﷲ އަލީ

ދިވެހި ރައްޔިތުންނަށް އަމިއްލަ ބޯހިޔާވަހިކަން ހޯދައިދިނުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ 'ހެލްޕް ޓު ބިލްޑް' އަދި 'ހެލްޕް ޓު ބައި' ސްކީމްތައް ތަންފީޒުކުރުމަށް މާލީ ހަތަރު އިދާރާއަކާއެކު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ މާލީ ބައިވެރިންގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) އަދި މޯލްޑިވްސް ފައިނޭންސް ލީސިންގ ކޮމްޕެނީ (އެމް.އެފް.އެލް.ސީ) އިން ވަނީ ބައިވެރިވެފައެވެ.
މި ފަހުމުނާމާގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މާލީ އިދާރާތަކުގެ ފަރާތުން ސޮއިކުރެއްވީ ބީ.އެމް.އެލްގެ މެނޭޖިންގ ޑިރެކްޓަރ އަދި ސީ.އީ.އޯ މުޙައްމަދު ޝަރީފް، އެމް.އައި.ބީގެ މެނޭޖިންގ ޑިރެކްޓަރ މުފައްދަލް އިދްރީސް ޚުމްރީ، އެޗް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދު، އަދި އެމް.އެފް.އެލް.ސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ އިބްތިޝާމާ އަޙްމަދު ސަޢީދެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމް.ޔޫ.ޑީ.އާރް.ޕީ) ގެ ދިރާސާތަކުން ދައްކާފައިވަނީ، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު މާލީ ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ. ސަރުކާރުން ތަޢާރަފްކުރި މި ސްކީމްތަކުގެ މައިގަނޑު މަޤްޞަދަކީ އެ ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ މާލީ ދަތިތަކާ ހުރެ ގެދޮރު އިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
'ހެލްޕް ޓު ބިލްޑް' ސްކީމުގެ ދަށުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މިބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. ނަމަވެސް ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނެއެވެ.
މި ސްކީމުގެ ދަށުން 1,000,000 ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200,000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. މާލޭގެ ބިންތަކަށް ޚާއްޞަކޮށް، އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތްތަކުގައި، ބޮލަކަށް 200,000 ރުފިޔާގެ މަގުން 1,000,000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީ ޕޭމަންޓް ހަމަޖައްސައިދެވޭނެއެވެ.
ކުރެހުމާއި ބީ.އޯ.ކިއު އަށް ބަލައި 1,000,000 ރުފިޔާއަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް 200,000 ރުފިޔާއެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތެއް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.
ދެވަނަ ބައި ކަމަށްވާ 'ހެލްޕް ޓު ބައި' ސްކީމުގެ ދަށުން، ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕް (ޕީ.ޕީ.ޕީ) އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް 250,000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެއެވެ. މިއީ 2024 ވަނަ އަހަރުގެ 'ހިޔާވަހި' ސްކީމާ ވަކިން ހިންގޭ ސްކީމެކެވެ.
މީގެއިތުރުން ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250,000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެއެވެ. މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-16a0682e.jpg)
3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން