-8402fff9.png)
ސައިފުﷲ އަލީ
-f102ecee.png)
ސައޫދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން" ގެ ޗާޓަރުގައި ރާއްޖޭގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރު ޖެނެރަލް އިބްރާހީމް ހިލްމީ މިއަދު ރަސްމީކޮށް ސޮއިކުރައްވައިފިއެވެ.
ބަންޑާރަކޮށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމާއެކު، ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އުފެއްދި މި އިއްތިހާދުގެ ފުރިހަމަ މެންބަރަކަށް ރާއްޖެ ވަނީ ވެފައެވެ. މިއީ ސައޫދީ އަރަބިއްޔާއާއެކު އޮތް ބަދަލުނުވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކޮށް، ކަނޑުމަގުން ކުރާ ވިޔަފާރި މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ އަސްކަރީ މަރުކަޒީ އޮފީސް، ބަންޑާރަކޮށީގައެވެ. މި ހަފުލާގައި ދިފާއީ ވަޒީރު ހަސަން ރަޝީދާއި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހުތާނީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ހާރިޖީ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންވެސް މި ހަފުލާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މި ކޯލިޝަނަކީ ބާބުއަލް މަންދަބު ކަނޑުއޮޅިއާއި، ރަތްކަނޑު އަދި އަދަން ކަނޑުއޮޅި ހިމެނޭ ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށާއި، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރާއި ވިޔަފާރި މަގުތައް ހިމާޔަތްކުރުމަށް އުފައްދާފައިވާ އިއްތިހާދެކެވެ. މި އިއްތިހާދުގެ މައި މަރުކަޒު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ސައޫދީ އަރަބިއްޔާގައެވެ.
ދިފާއީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި މި ކޯލިޝަނުގައި ބައިވެރިވުމުން، ރާއްޖެއަށް މުދާ އެތެރެކުރާ މުހިންމު ކަނޑުމަގުތަކުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ. އަދި ބައިނަލްއަގުވާމީ ކަނޑުގެ މަސްލަހަތުތައް ހިމާޔަތްކުރުމުގައި ރާއްޖެއިން އަދާކުރާ ދައުރު އިތުރަށް ފުޅާވެގެންދާނެކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.
މި ކޯލިޝަނުގައި ރާއްޖެއިން ބައިވެރިވުމަށްޓަކައި އެއްބަސްވުން ތަސްދީގުކުރުމުގެ ރުހުން ރައްޔިތުންގެ މަޖިލީހުން ދީފައިވަނީ ވޭތުވެދިޔަ މަހުގައެވެ. މި ކޯލިޝަނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެކުވެރި ދައުލަތްތަކުގެ ޖަމްއިއްޔާގެ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފައްދާފައިވާ އިއްތިހާދެކެވެ.

27 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
-7939b328.png)
2 މަސް ކުރިން
-c4e48c13.webp)
3 މަސް ކުރިން