-8402fff9.png)
ސައިފުﷲ އަލީ
-633fa659.png)
ވ. އަލިމަތާ ކޭވްއަށް ޑައިވް ކުރަން އުޅުމުގެ ތެރޭގައި އިޓަލީގެ ފަސް ޑައިވަރުން ވެސް މަރުވީ، އޮކްސިޖެން ހުސްވެގެން ކަމަށް ދާއިރާގެ މާހިރުންގެ ރިޕޯޓަކުން ދައްކައިފިއެވެ.
މިދިޔަ މެއި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ޖެނޯއާ ޔުނިވާސިޓީގެ މެރިން ބަޔޮލޮޖީ ޕްރޮފެސަރު، އުމުރުން 51 އަހަރުގެ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ ދަރިފުޅު، އުމުރުން 23 އަހަރުގެ ޖިއޯޖިއާ ސޮމަކާލް ހިމެނެއެވެ. މަރުވި އިޓަލީގެ އަނެއް ތިން މީހުންނަކީ ރިސާޗަރެއް ކަމަށްވާ، 31 އަހަރުގެ މުރިއެލް އޮޑެނީނޯއާއި، 30 އަހަރުގެ ފެޑެރިކޯ ގުއަލްޓިއޭރީ އަދި ޑައިވިން އިންސްޓްރަކްޓަރު، 44 އަހަރުގެ ޖިއަންލޫކާ ބެނެޑެޓީއެވެ.
އިޓަލީން މި މައްސަލަ ތަހުގީގު ކުރަމުން އަންނައިރު، މައްސަލަ ބަލާ ޕްރޮސިކިއުޓަރުން ވަނީ ޑައިވަރުން މަރުވި ސަބަބު ހޯދުމަށް މާހިރުންގެ ލަފާ ހޯދާފައެވެ. އިޓަލީގެ ނޫސްތަކުގައިވާ ގޮތުން، މާހިރުންގެ ލަފާ ހިމެނޭ ރިޕޯޓު މިހާރު ވަނީ ޕްރޮސެކިއުޓަރުންނާ ހަވާލުކޮށްފައެވެ. އިޓަލީގެ އުތުރުގައި ހުންނަ ގަލަރާޓޭ ހޮސްޕިޓަލުގައި މެއި މަހުގެ 25 އާއި 26 ވަނަ ދުވަހު ހެދި ޕޯސްޓްމޯޓަމް ރިޕޯޓުތަކާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އެ މީހުން މަރުވާން މެދުވެރިވީ ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުން ކަމަށެވެ.
އިޓަލީގެ ނިއުސް އެޖެންސީ ލަޕްރެސްއިން ބުނި ގޮތުގައި، ޑައިވަރުން މަރުވީ އެ މީހުންގެ އޮކްސިޖެން ފުޅިތައް ހުސްވިއިރު ވެސް މައްޗަށް އެރޭގޮތް ނުވުމުންނެވެ. އެ މީހުންގެ ޓޮކްސިކޮލޮޖިކަލް ޓެސްޓުތަކެއް ވެސް ހަދާފައިވާއިރު، އެއްވެސް ބާވަތެއްގެ ވިހައެއް ނުވަތަ ނުރައްކާތެރި މާއްދާއެއްގެ އަސަރު ފެނިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ. މީގެ އިތުރުން، މިޔަރެއްގެ ހަމަލާއެއް ނުވަތަ އެހެންވެސް ބޮޑު އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ހޯދުންތަކުން ޑައިވަރުންގެ އަތުގައި ހުރި ގޭސް ހުސްވިކަން ކަށަވަރުވި ނަމަވެސް، ގޭސް ހުސްވިއިރު ވެސް އެ މީހުންނަށް މައްޗަށް ނޭރުނު ސަބަބެއް އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ. އިޓަލީގެ ނޫސްތަކުން ލަފާކުރާ ގޮތުގައި، ކަނޑުއަޑީގެ ހޮހަޅައިގެ ތެރޭގައި ޑައިވަރުންނަށް މަގު އޮޅުނީ ކަމަށް ބެލެވެއެވެ. އެހެންކަމުން، އެ ހާދިސާ ހިނގާފައިވާ ގޮތުގެ ތަރުތީބު ދެނެގަތުމަށް ތަހުގީގީ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
މި ހާދިސާގައި ގެއްލުނު ޑައިވަރުން ހޯދުމަށް ދިވެހި ސިފައިންނާއި ފުލުހުން ފުރަތަމަ ވަނީ ބޮޑެތި މަސައްކަތްތަކެއް ކޮށްފައެވެ. އަދި ފަހުން އިޓަލީ ސަރުކާރުގެ އެދުމުގެ މަތިން ރާއްޖެ އައި ފިންލޭންޑުގެ ތިން ތަޖުރިބާކާރުންނާއެކު ހިންގި އޮޕަރޭޝަނެއްގައި، އެ މީހުންގެ ހަށިގަނޑުތައް ހޮހަޅައިގެ ތެރެއިން ނަގާފައިވަނީ މެއި މަހުގެ 20 ވަނަ ދުވަހުއެވެ. މި ހާދިސާ ހިނގުމާ ގުޅިގެން މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކޮށް، ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ވަނީ އެ ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ. ނަމަވެސް، މި ރިކަވަރީ އޮޕަރޭޝަނުގެ ތެރެއިން ދިވެހި ސިފައިންގެ ޑައިވަރެއް ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވަނީ މަރުވެފައެވެ.

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން