-8402fff9.png)
ސައިފުﷲ އަލީ

އަމާން އުދަރެސް ފްލެޓްތައް --- ފޮޓޯ: މިހާރު
އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނު އެހީގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ގަވާއިދުން ކުލި ނުދައްކާ ދެ އެޕާޓްމަންޓެއްގެ އެއްބަސްވުން ބާތިލުކޮށް، އެ ތަންތަން ހުސްކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އަންގައިފިއެވެ.
އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ 4,000 ހައުސިން ޔުނިޓު ހަވާލުކުރުމުގެ ކުރިން ވެފައިވާ ޔުނިޓު ކުއްޔަށްދިނުމާއި މިލްކުކުރުމުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އެގޮތުން، އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ނުދައްކާ ހުރި ފައިސާ ދެއްކުމަށް 135 ދުވަހުގެ ތެރޭގައި އެ ފަރާތްތަކަށް ތަކުރާރުކޮށް ފުރުސަތު ދީފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މި މުއްދަތުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ޕޭމަންޓް ޑިފޯލްޓް ނޯޓިސް ފޮނުވުމުގެ އިތުރުން، އެއްބަސްވުން ނިމުމަކަށް ގެނައުމުގެ ކުރިން ދޭންޖެހޭ 30 ދުވަހުގެ ނޯޓިސް ވެސް ވަނީ ދީފައެވެ. އެ ނޯޓިސްތައް ފަހި ޕޯޓަލް، އެސްއެމްއެސް، އީމެއިލް އަދި ލިޔުމުން ވެސް އެ ފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ނަމަވެސް، އެކަށީގެންވާ ފުރުސަތު ދިނުމުން ވެސް އަދި ކަނޑައެޅިފައިވާ މުއްދަތު ފަހަނައަޅައި ދިޔައިރު ފައިސާ ދައްކާފައި ނުވާތީ އެއްބަސްވުން ބާތިލުކޮށް، ނޯޓިސް ލިބޭތާ 15 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހުސްކުރުމަށް ވަނީ އަންގައިފައެވެ. އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ ފަރާތްތަކުގެ އެފްޑީސީ ޕޯޓަލް އެކައުންޓަށް ދީފައިވާ އެކްސެސް ވެސް މިހާރު ވަނީ ކަނޑާލައިފައެވެ.
މިއީ އެއްބަސްވުމުގެ އުސޫލުތައް ނެގެހެއްޓުމަށާއި، އެންމެހައި ފަރާތްތަކުގެ މައްޗަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު އުސޫލުތައް ތަންފީޒުކުރުމުގެ މަގުސަދުގައި އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން އިމާރާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓައި، ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި، އެއްބަސްވުމާ އެއްގޮތަށް ގަވާއިދުން މަހުން މަހަށް ކުއްޔާއި މެއިންޓެނަންސް ފީ ދެއްކުމަށް އަމާން ޓަވަރުތަކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
އެފްޑީސީން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން އަމާން ޓަވަރުތަކުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 32 ޓަވަރުގައި 4,000 ފްލެޓް ހިމެނެއެވެ.