-8402fff9.png)
ސައިފުﷲ އަލީ
-c1f79658.jpg)
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި މަދަނީ ޖަމްޢިއްޔާއެއްގެ މެންބަރުގެ މަގާމު ހުސްވެފައިވާތީ، އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު އެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. އަދި މިއަދުން ފެށިގެން ނޮވެންބަރު 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ފޯމު ބަލައިގަންނަމުންދާނެ ކަމަށް އެ އޮފީހުން މައުލޫމާތު ދެއެވެ.
މީގެ އިތުރުން، މި މަހުގެ 31 ވަނަ ދުވަހު އެލްޖީއޭގެ ބޯޑުގެ އިންތިޚާބީ 2 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުން އޮންނާނެއެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 59 ވަނަ މާއްދާގެ ދަށުން، ރަށު ކައުންސިލަރުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކު އެލްޖީއޭ ބޯޑަށް އައްޔަން ކުރެވޭނެއެވެ.
ޖުމްލަ 9 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެލްޖީއޭގެ ބޯޑުގައި ތިއްބަވަނީ ގާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރުގެ އިތުރުން، ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާ ލިބިފައިވާ މެންބަރެއްގެ އިތުރުން މަދަނީ ޖަމްއިއްޔާގެ މެންބަރެކެވެ.
މީގެ އިތުރުން ސިޓީ ކައުންސިލަރުންގެ ތެރެއިން އިންތިޚާބުކުރާ މެންބަރަކާއި، ރަށު ކައުންސިލުތަކުގެ ތެރެއިން އިންތިޚާބު ކުރާ މެންބަރަކާއި، މާލީ ކަންކަމާ ގުޅޭ ވުޒާރާގެ ވަޒީރު ކަނޑައަޅުއްވާ އެ ވުޒާރާގެ މުވައްޒަފެއްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ހިމެނިވަޑައިގަންނަވައެވެ.

20 ދުވަސް ކުރިން

3 މަސް ކުރިން
-61be376e.jpg)
5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން
-7826e573.jpg)
1 އަހަރަށްވުރެ ގިނަ ކުރިން