-8402fff9.png)
ސައިފުﷲ އަލީ

ޅ. އޮޅުވެލިފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ކޮޕާ ރޭމަންސް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި 4-0 އިން އޮޅު ސިޓީ ފްލަޔާސް ބަލިކޮށް މޮނާކީ އެފްސީން ފެށުން ވަރުގަދަކުރިއިރު، ދެވަނަ މެޗުގައި ޖަންކީސް ޔުނައިޓެޑާއި ބީޖޭ ސިޓީ 1-1 އިން އެއްވަރުވެއްޖެއެވެ.
ރޭ ކުޅުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި މޮނާކީން ވަނީ އޮޅު ސިޓީ ފްލަޔާސްގެ މައްޗަށް ބޮޑު ނަތީޖާއަކުން ކުރިހޯދައި މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ. މި މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ މޮނާކީގެ ޖޯޒީ ނަންބަރު 7 އިޔާޒް އިލްޔާސްއެވެ. މުބާރާތް ފެށުމުގެ ގޮތުން ކުޅުނު ފުރަތަމަ މެޗުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
މިއަދު ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޖަންކީސް ޔުނައިޓެޑާއި ބީޖޭ ސިޓީއެވެ. ވާދަވެރި ކުޅުމަކަށްފަހު މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. މިއަދުގެ މެޗުގެ މޭން އޮފް ދަ މެޗުގެ މަގާމު ހޯދީ ބީޖޭ ސިޓީގެ އިބްރާހީމް ސައީދު (އޮސްކާ) އެވެ.
ޅ. އޮޅުވެލިފުށީ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތަކީ އެ ރަށުގައި ސިލްސިލާކޮށް ކުރިއަށްދާ ފޯރިގަދަ ފުޓްބޯޅަ މުބާރާތެކެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 4 ޓީމަކުން ވާދަކުރާއިރު، މުބާރާތުގެ ޗެމްޕިއަން ޓީމަށް 80,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.