-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންދާ ޖިނާއީ ތަހުގީގުތައް އަވަސްކުރުމަށާއި، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް އެ މައްސަލަތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ގަވާއިދުން ފޯރުކޮށްދިނުމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހްމަދު މުހައްމަދު އެދިވަޑައިގެންފިއެވެ.
ސީޕީ މިކަމަށް ބާރުއެޅުއްވީ، ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ އިސް އޮފިސަރުންނާއެކު މިއަދު ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުމަކީ ތަހުގީގު ދާއިރާގެ ގާބިލުކަން އިތުރުކުރުމަށާއި، މަސައްކަތުގެ ހަލުވިމިން ރަނގަޅުކުރުމުގެ އިތުރުން، ހިދުމަތް ހޯދާ ރައްޔިތުންނާއި އަނިޔާ ލިބޭ ފަރާތްތަކަށް ދެވޭ ހިދުމަތުގެ ފެންވަރު މަތިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވަނީ، ތަހުގީގުގެ މިންގަނޑުތަކަށާއި ހެކީގެ ރައްކާތެރިކަމަށް އެއްވެސް އުނިކަމެއް ނާންނާނެހެން، އަވަސް އަދި ފުރިހަމަ ތަހުގީގުތަކެއް ކުރިއަށްގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ލަސްވުންތައް ކުޑަކޮށް، ނުނިމި ހުރި މައްސަލަތައް މަދުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި، ތަހުގީގުކުރާ ބަހާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ކޮމިޝަނާ އިރުޝާދު ދެއްވިއެވެ.
މީގެއިތުރުން، ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ތަހުގީގުގައި ކުރިއަށްދާ މަރުހަލާތަކުގެ މައުލޫމާތު ގަވާއިދުން ހިއްސާކުރުމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށް ކޮންމެހެން ބޭނުންތެރި ކަމެއްކަން ކޮމިޝަނާ ފާހަގަކުރެއްވިއެވެ. އަދި ތަހުގީގުގެ ހުރިހާ މަރުހަލާއެއްގައިވވެސް އަނިޔާ ލިބޭ ފަރާތްތަކާ މުއާމަލާތްކުރުމުގައި އޯގާތެރިކަމާއި، އިހުތިރާމާއި އަދި ޕްރޮފެޝަނަލިޒަމް އިސްކުރުމަށް ބާރުއެޅުއްވިއެވެ.
ޒަމާނީ ކުށްތަކަށް އަންނަ ބަދަލުތަކާއެކު ކޮމްޕްލެކްސް މައްސަލަތައް ތަހުގީގުކުރުމަށްޓަކައި، އިންވެސްޓިގޭޝަން އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ކޮމިޝަނާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ޒަމާނީ ޓެކްނޮލޮޖީއާއި، އިންޓެލިޖެންސް އަދި ފައިނޭންޝަލް އެނަލިޓިކްސްގެ ބޭނުން ފުޅާ ދާއިރާއެއްގައި ހިފުމަށް އެދިލެއްވިއެވެ. ހަމައެއާއެކު، ތަހުގީގުތައް ކުރިއަށްދާ ގޮތް ގާތުން ބަލައި، އިންވެސްޓިގޭޝަން އޮފިސަރުންނަށް ބޭނުންވާ އިރުޝާދު ދިނުމާއެކު، ކޮންމެ ފަންތިއެއްގައިވެސް ޖަވާބުދާރީވުމާއި، ސުލޫކީ އަދި އަހުލާގީ މަތީ މިންގަނޑުތައް ހިފެހެއްޓުމަށް ކޮމިޝަނާ އެދިވަޑައިގެންނެވިއެވެ.
ސެންޓްރަލް އިންވެސްޓިގޭޝަން އަކީ ޖިނާއީ ބޮޑެތި ކުށްތަކާއި ހާއްސަ މައްސަލަތައް ތަހުގީގުކުރުމުގެ ޒިންމާ އުފުލާ ބަހާއެވެ. މި ކޮމާންޑުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ފައިނޭންޝަލް އެނަލިޓިކްސް، ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަން، ޑްރަގް އެންފޯސްމަންޓް، ގޭންގް ކްރައިމް އެންފޯސްމަންޓް، ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން، މޭޖަރ ކްރައިމް އިންވެސްޓިގޭޝަންސް، އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސް އަދި ސްޕެޝަލިސްޓް އިންވެސްޓިގޭޝަން ސަޕޯޓް ހިމެނެއެވެ.

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން

17 ދުވަސް ކުރިން