-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން -- ފޮޓޯ: ޕޮލިސް މީޑިޔާ
ކުށުގެ ވެށީގައި ކުރިން އުޅުނު މީހުންނަށް ވުރެ ކުޑަކުދިން ފެންނަ ވަރު މިހާރު ގިނަ ކަމަށާއި، އެކަމަކީ ކަންބޮޑުވާ ކަމެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން ވިދާޅުވެއްޖެއެވެ.
މިއަދު ހޯމް މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަވީން ވަނީ، މިދިޔަ ދެ އަހަރުގެ ތެރޭގައި ފުލުހުން ކުރި މަސައްކަތްތަކާއި ފުލުހުންނަށް ފާހަގަކުރެވުނު އެކި މައްސަލަތަކުގެ މުހިންމު މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ކަންބޮޑުވުމާއި އެކު ކުޑަކުދިންގެ ވާހަކަތައް ހިއްސާކުރައްވަމުން ނަވީން ވިދާޅުވީ، އާންމުކޮށް ކުށުގެ ވެށި ނުވަތަ ގޭންގުތައް އުޅޭ ސަރަޙައްދުތަކުގައި ގްރޫޕް ހަދައިގެން އުޅޭކަމަށް ފެންނަނީ 17 ނުވަތަ ކިރިޔާ 18 އަހަރުވެފައިވާ ކުދިން ކަމަށެވެ. އަދި މިވަގުތަށް ގިނަ ކުދިންނަށް ނަސޭހަތްދީ ފޮނުވާލި ނަމަވެސް، އެ ކުދިން ކުށުގެ ވެށީގެ ތެރެއަށް ވަދެގެން ދިޔުމުގެ ބިރު ވަރަށް ބޮޑު ކަމަށް ވެސް ނަވީން ވިދާޅުވިއެވެ.
ކުޑަކުދިން ފެންނަނީ. އެންމެ ފަހުން ނުވަތަ މިދިޔަ އަހަރު އޯލެވެލް ހެދި ކުދިން، ކިރިޔާ 18 އަހަރުވެފައި ތިބި ކުދިން ނޫނީ 17 އަހަރުގެ ކުދިން މިހާރު އެ ފެންނަނީ އެތަންތަނުން. އަޅުގަނޑުމެން ހޮޓްސްޕޮޓްސްއޭ މިކިޔާ މި ގްރޫޕުތައް އެއްވެގެން އޮންނަ ތަންތަނުން މި ފެންނަނީ 17 އަހަރުގެ ކުދިން. އަޅުގަނޑުމެންނަށް ކަންބޮޑުވާ ދަރަޖައަކަށް އެބަފެނޭ މި ކުދިން، ނަސޭހަތް ދީފައި މި ފޮނުވާލަނީ މި ކުދިން މިހާރު އެއްވެސް ކުށެއް ނުކުރާތީވެ. އެކަމަކު ކުރިޔަށް އޮތް ތާނގައި އަޅުގަނޑުމެންނަށް ބިރުބޮޑީ މި ކުދިން ކުށުގެ ތެރެއަށް ވަދެގެންދާނެތީ، - ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން
އެހެންކަމުން ނަވީން ވަނީ އެފަދަ ކުދިންނަށް އިތުރު ސަމާލުކަމެއްދީ، އެކުދިންނަށް އަޅާލުމަށް ބެލެނިވެރިންގެ އަރިހުން އެދިވަޑައިގަންނަވައިފައެވެ. އެގޮތުން އެކުދިން ދާތަންތަން ބެލުންފަދަ ކަންކަން ކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ނަވީން ވިދާޅުވިއެވެ.
އެހެންވީމަ އަޅުގަނޑު ބެލެނެވެރިންގެ ސަމާލުކަމަށް ދަންނަވާލަން މިކުދިން މިގޮތަށް ވިޔަނުދޭން އެހެން ނޫނީ އެމީހުން އުޅޭ ތަންތަން، 17 އަހަރުގެ ކުދިންނަކީ އަޅުގަނޑުމެން ބަލަންޖެހޭ ކުދިން ކަމަށްވާތީވެ މިކުދިންނަށް ބަލާލާ، އަޅާލާ، މި މީހުން ގޮސް އުޅޭ ތަންތަނާއި އެއްޗެހި އޮވާސައިޓެއް ބޭއްވުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން، - ކޮމިޝަނާ އޮފް ޕޮލިސް އިސްމައީލް ނަވީން
ނަވީން އެފަދައިން ވިދާޅުވިއިރު، މިފަހުން ރާއްޖޭގައި ހިނގި މާރާމާރީތަކާއި އަދި މަރާއި ގުޅުން ހުރި ވަރަށް ގިނަ މައްސަލަތަކުގައި ކުޑަކުދިންގެ ބައިވެރިވުން ހިމެނިފައިވެއެވެ. އެފަދަ މައްސަލަތަކުގައި އެފަދަ ކުދިންގެ މައްޗަށް ބަންދުގެ ޙުކުމްތައް ވެސް ޖަހައިފައިވާކަން ފާހަގަކުރެވެއެވެ.
އަދި އެފަދަ މައްސަލަތަކާއި ގުޅިގެން، ޤާނޫނީ ގޮތުން ޒިންމާ އުފުލަންޖެހޭ އުމުރު 15 އަހަރަށް ހެދުމަށް މި ސަރުކާރުގައި ވެސް ރަސްމީ މަޝްވަރާތަކެއްކުރެވުނުކަން ފާހަގަކުރެވެއެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން