-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ސްޕެނިޝް ސުޕަ ކަޕް: ސެމީ ފައިނަލުގައި ލަނޑު ޖެހުމަށްފަހު ރަފީނިއާ އުފާފަޅުކުރަނީ -- ފޮޓޯ: އޭޕީ
ސްޕެނިޝް ސުޕަ ކަޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާއިން އެތްލެޓިކް ބިލްބާއޯގެ މައްޗަށް ކުރިހޯދައި، ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ބާސާއިން ވަނީ މެޗުގެ ފުރަތަމަ ހާފުގައި އެކަނިވެސް ހަތަރު ލަނޑު ޖަހައި އެތްލެޓިކް ލަދުގަންނަވާލާފައެވެ. މެޗުގެ ފުރަތަމަ ލަނޑު 22 ވަނަ މިނެޓުގައި ފެރާން ޓޮރޭޒް ކާމިޔާބުކޮށްދިންއިރު، އޭގެ އަށް މިނެޓު ފަހުން ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ފާމިން ލޮޕޭޒް ވަނީ ބާސާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
ބާސާގެ ތިންވަނަ ލަނޑު މެޗުގެ 34 ވަނަ މިނެޓުގައި ފެނުނީ ރޫނީ ބާޑްޖީގެ ފަރާތުންނެވެ. އޭނާ ވަނީ އެތްލެޓިކްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކީޕަރު ފޫއަޅުވާލައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަފީނިއާ ވަނީ އަރިމަތިން ބޯޅަ ހިފައިގެން ވަދެ، ގޯލުގެ މަތީ ދާގަނޑަށް ބާރު ހަމަލާއެއް ފޮނުވާލައި ބާސާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
ދެވަނަ ހާފުގައިވެސް ބާސާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، މި ހާފުގައި ފެނުނު ހަމައެކަނި ލަނޑުވެސް ޖަހައިދިނީ ރަފީނިއާއެވެ. މި ލަނޑާއެކު މެޗު ނިމިގެންދިޔައީ 5-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެގެންނެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ރެއަލް މެޑްރިޑާއި އެތްލެޓިކޯ މެޑްރިޑެވެ. މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ބާސެލޯނާއާއެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަންވެސް ހޯދީ ބާސެލޯނާއެވެ. އެއީ ފައިނަލުގައި ރެއަލް މެޑްރިޑް ބަލިކުރުމަށްފަހުއެވެ.

9 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން