-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުން ލެވަންޓޭގެ މައްޗަށް 0-3 ގެ ނަތީޖާއަކުން ކުރިހޯދައި، ބާސެލޯނާއިން އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ބާސެލޯނާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މޮޅު ކުޅުމެއް ދައްކައި، މެޗު ފުރިހަމައަށް ކޮންޓްރޯލް ކޮށްފައެވެ.
މި މެޗުގައި ބާސާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ 18 އަހަރުގެ ޒުވާން ކުޅުންތެރިޔާ މާކް ބާނަލް އާއި ތަޖުރިބާކާރު މިޑްފީލްޑަރު ފްރެންކީ ޑިޔޮންގްގެ އިތުރުން ފާމިން ލޮޕޭޒްއެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ދެ ލަނޑުގެ ލީޑެއް ނެގިއިރު، ތިންވަނަ ލަނޑު ފާމިން ލޮޕޭޒް ކާމިޔާބުކުރީ މެޗުގެ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައެވެ.
މުޅި މެޗުގައިވެސް ބާސެލޯނާއިން މޮޅު ކުޅުމެއް ދެއްކިއިރު، ވަކިން ޚައްސަކޮށް މި ސީޒަނުގައި އަލުން އެ ޓީމާ ގުޅުނު ޕޯޗުގަލްގެ ވާތު ފުލްބެކް ޖޮއާއޯ ކަންސެލޯގެ ފަރާތުން ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ފެނުނެވެ.
މިއީ އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވުމަށްފަހު ބާސާއިން ހޯދި މުހިންމު މޮޅެކެވެ. އެ ޓީމު ވަނީ އެންމެ ފަހުން ކޮޕަ ޑެލްރޭގައި އެތްލެޓިކޯ މެޑްރިޑް އަތުން 4-0 އިން އަދި ލަލީގާގައި ޖިރޯނާ އަތުން 2-1 އިން ބަލިވެފައެވެ.
ބާސެލޯނާއަށް ތާވަލުގެ އެއްވަނަ ލިބުނީ ވާދަވެރި ރެއަލް މެޑްރިޑުން ހޮނިހިރު ދުވަހުގެ ރޭ އޮސަސޫނާ އަތުން 2-1 އިން ބަލިވުމާ ގުޅިގެންނެވެ. މިހާރު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 25 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ރެއަލް މެޑްރިޑަށް 25 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.
ކުރިޔަށް ބާސާއަށް އޮތީ މި ހޮނިހިރު ދުވަހު ލަލީގާގައި އަމިއްލަ ދަނޑުގައި ވިލަރެއަލްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށްފަހު ކޮޕަ ޑެލްރޭގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެތްލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު މެޗު އޮންނާނެއެވެ. އެ މެޗުވެސް ކުޅޭނީ ބާސާގެ އަމިއްލަ ދަނޑުގައެވެ.

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން