-8402fff9.png)
ފާތިމަތު މިޝްކާ

ރާއްޖެއިން ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 15އަށް އަރާފައިވާތީ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަލިފެތުރޭ މިންވަރު ގާތުން ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ފަށައިފިއެވެ.
ބަލީގެ ހާލަތާއި ފެތުރެމުންދާ މިންވަރުރާއްޖެއަކީ ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައި އޮތް ނަމަވެސް، މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު ފެނުނު ކޭސްއަކާ ގުޅިގެން ބަލި ފެތުރެން ވަނީ ފަށާފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް އަލަށް ހަތަރު މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް ރެކޯޑުކުރެވުނު ހުރިހާ ކޭސްއެއްވެސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި އަވައްޓެރި ގައުމުތަކުގައާއި ދުނިޔޭގެ އެކި ހިސާބުތަކުގައި މިދުވަސްވަރު ހިމަބިހި ދަނީ ނުރައްކާ މިންވަރަކަށް އިތުރުވަމުންނެވެ. ރާއްޖެއަކީ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ އަދި ދިވެހިންވެސް ބޭރަށް ދަތުރުކުރާ ގައުމަކަށް ވުމުން ބަލި އެތެރެވުމުގެ ފުރުސަތު ބޮޑެވެއެވެ. ނަމަވެސް، ރާއްޖޭގައި ކުރިން ހިންގާފައިވާ ކާމިޔާބު ވެކްސިން ކެމްޕޭންތަކުގެ ސަބަބުން، ބަލި ބޮޑުވެ ނުރައްކާތެރި ހާލަތަކަށް ދިއުމުގެ ފުރުސަތު ކުޑަ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
ބަލި ފެތުރުން ހުއްޓުވުމަށްޓަކައި އެޗްޕީއޭއިން ދަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން، ބަލިޖެހުނު މީހުންނާ ދިމާވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އިދާރާތަކުން ގުޅުމުން މައުލޫމާތުތައް ތެދުވެރިކަމާއެކު ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. މިހާރު ވެކްސިން ދެމުންދަނީ ހަމައެކަނި ޕޮޒިޓިވްވި މީހުންނާ ސީދާ ދިމާވި މީހުންނަށެވެ. އެހެންނަމަވެސް، ވެކްސިން ނުޖަހާ ތިބި މީހުންނަށާއި ވެކްސިން ޖެހިކަން ކަށަވަރުނުވާ މީހުންނަށް އަމާޒުކޮށްގެން މުޅި ރާއްޖޭގައި ބޮޑު ވެކްސިން ކެމްޕޭނެއް ފެށުމަށް ވެކްސިން ހޯދުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކަކީ ގަދައަށް ހުންއައުމާއެކު ހަށިގަނޑުގައި ކުދި ރަތް ބިހިތަކެއް ނެގުމެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ. މީގެ އިތުރުން، އާންމު ހުމާއި ރޯގާގެ އަލާމާތްތައް ހުރި ނަމަވެސް މާސްކު އެޅުމަށާއި، ގިނަގިނައިން އަތްދޮވުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ނުދިއުމަށް ވަނީ އިރުޝާދުދީފައެވެ.
މި ބަލީގެ ނުރައްކާ އެންމެ ބޮޑީ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނަށް ކަމަށްވާތީ، އެންމެންވެސް ހިމަބިހީގެ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވޭތޯ ކަށަވަރުކުރުން ވަރަށް މުހިންމެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން