-8402fff9.png)
ސައިފުﷲ އަލީ

ގައުމީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު / ފޮޓޯ: ހެލްތު އެންޑް ފެމިލީ މިނިސްޓްރީނި
އާއިލީ ދިރިއުޅުމުގެ ހުރިހާ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުންކަމަށް ކަމާއި ގުޅޭ ދިރާސާ ރިޕޯޓަކުން ދައްކައިފި އެވެ.
ކުޑަކުދިންނާއި އަންހެނުންނަށް އާއިލީ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ކުރިމަތިވާ ނާޒުކު ހާލަތްތަކާއި ގުޅޭގޮތުން ކުރިއަށްގެންދިޔަ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓު އިފްތިތާހުކުރީ "ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމް" ރަސްމީކޮށް ފެށުމަށް ބޭއްވި ހަފްލާގަ އެވެ.
މިއީ ސިއްހަތާ އާއިލާއާ ބެހޭ ވުޒާރާ އާއި ޔުނިސެފް، ފެމިލީ ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގުޅިގެން ކުރިއަށްގެންދާ "ޗައިލްޑް އެންޑް ފެމިލީ ވެލްބީންގ ޕްރޮޖެކްޓް" ގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މީރުމާގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި، ދިރާސާ ރިޕޯޓް އިފްތިތާހކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، ގީލާ އަލީ އެވެ. އަދި ގައުމީ މީޑިއޭޝަން ތަމްރީން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ކުޑަކުދިންގެ ދުޅަހެޔޮކަމާއި އެކުދިންގެ ކުރިއެރުން ސީދާގޮތެއްގައި ގުޅިފައިވަނީ އަންހެނުން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކުގެ ތަޖުރިބާތަކާއެވެ. އިންސާނާގެ ހަޔާތުގެ ހުރިހާ މަރުހަލާއެއްގައި ވެސް ނާޒުކު ހާލަތްތައް ކުރިމަތިވާކަން މި ދިރާސާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ކައިވެނީގެ ކުރިން، ކައިވެނީގެ ތެރޭގައި، ދެމަފިރިން ވަކިވާ މަރުހަލާގައި އަދި ވަރިވުމަށްފަހު ވެސް އާއިލާތަކަށް ނާޒުކު ހާލަތްތައް ދިމާވާ ޢާއްމު ގޮތްތައް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
މިއިން ކޮންމެ މަރުހަލާއެއްގައި ވެސް އާއިލީ ހަމަޖެހުން ގެއްލެން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ މުއާމަލާތް ކުރުން ކުޑަވުން ނުވަތަ މުއާމަލާތް ކުރުމުގައި ހުރި ހުރަސްތައްކަން ދިރާސާއިން ވަނީ ހާމަވެފައެވެ. މިކަމުގެ ސަބަބުން ކުޑަކުދިން އިތުރަށް ނާޒުކު ހާލަތްތަކަށް ހުށަހެޅިގެންދާކަން ވެސް މި ދިރާސާ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާ ރިޕޯޓަކީ އާއިލީ ނުތަނަވަސްކަމުގެ ސަބަބުން ކުޑަކުދިންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަނެ، އެކަންކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ. އަދި މި ދިރާސާގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ޤައުމީ ފެމިލީ މީޑިއޭޝަން ތަމްރީނު ޕްރޮގްރާމަކީ އާއިލާތަކަށް ކުރިމަތިވާ އެކި މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންވާ ހުނަރާއި ގާބިލުކަންހުރި މީޑިއޭޓަރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ހެލްތު އެންޑް ފެމިލީ މިނިސްޓްރީއިން ބުނެ އެވެ.
14 ދުވަސް ކުރިން
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން