-8402fff9.png)
ފާތިމަތު މިޝްކާ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން އިސްނަގައިގެން، ހިމަބިހި ފެތުރުން ކޮންޓްރޯލްކުރުމަށް ޚާއްސަ ވެކްސިން ޕްރޮގްރާމެއް ފަށައިފިއެވެ. މިއީ ޞިއްޙީ ވުޒާރާއާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީއާ ގުޅިގެން، ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ވެކްސިން ޕްރޮގްރާމް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޞިއްޙީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަނެވެ. މި ރަސްމިއްޔާތުގައި އެމްއެންޔޫގެ ޗާންސެލަރ ޑރ. މަޙުމޫދު ޝައުޤީއާއި، ވައިސް ޗާންސެލަރު ޑރ. ޢާއިޝަތު ޝެހެނާޒު އާދަމްގެ އިތުރުން އެޗްޕީއޭގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤު ޙަސަން ފާހަގަކުރެއްވި ގޮތުގައި، މިވަގުތު ހިމަބިހި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އުމުރުން 15 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ މެދުގައެވެ. ހިމަބިއްސަކީ ވަރަށް އަވަހަށް ފެތުރޭ ބައްޔެއްކަމުގައި ވިޔަސް، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން ބަލިޖެހުމުގެ ފުރުސަތު 97 އިންސައްތަ ކުޑަކޮށްދޭކަން އޭނާ ބަޔާންކުރެއްވިއެވެ. އަދި ބަލިޖެހުނު ކަމުގައިވިޔަސް ބަލީގެ ނުރައްކާ ކުޑަވާކަމަށާއި، މިހާތަނަށް މި ބަލި ކޮންޓްރޯލް ކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން 4468 މީހުންނަށް ވެކްސިން ދީފައިވާކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
އެމްއެންޔޫގެ ވައިސް ޗާންސެލަރު ޝެހެނާޒު ވިދާޅުވީ، މިއީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ދުޅަހެޔޮ ޞިއްޙަތާއި މުޖުތަމަޢުގެ ލާބަ ހާސިލުކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ އުމުރުފުރާތަކުގެ ދަރިވަރުން ވެކްސިން ފުރިހަމަކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މާލޭގެ ކެމްޕަސްތަކުގައި މިހާރު ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށްދާއިރު، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ގެ ފަހުންކަމަށް ޔުނިވާސިޓީން މަޢުލޫމާތުދެއެވެ.
ހިމަބިއްސަކީ ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއްކަމަށް ކަނޑައަޅާފައިވީނަމަވެސް، ފަހަކަށްއައިސް ކޭސްތައް ފެންނަ މިންވަރު އިތުރުވުމާ ގުޅިގެން އެޗްޕީއޭއިން ދަނީ އާންމުން ހޭލުންތެރިކުރުމާއި ވެކްސިން ދިނުމުގެ މަސައްކަތްތައް ފުޅާކުރަމުންނެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން