-8402fff9.png)
ފާތިމަތު މިޝްކާ

ފޮޓޯ: އެމްއެންޔޫ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ޑީންގެ މަޤާމަށް ޑޮކްޓަރ ޢާއިޝަތު ސަނޫރާ، އަދި ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަޤާމަށް ޑޮކްޓަރ އާމިނަތު ރިޔާޒް އައްޔަންކުރައްވައިފި އެވެ.
މިއީ މަތީ ތަޢުލީމު ކުރިއެރުވުމަށާއި، ތަޢުލީމީ ފެންވަރު މަތިކުރުމުގެ އިތުރުން، ސިއްހީދާއިރާއާއި އިންސާނީ ޢިލްމުތަކުގެ ދާއިރާއިން ގައުމީ އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެ ޔުނިވާސިޓީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއްކަމަށް އެ ޔުނިވާސިޓީއިން ދެކެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ އައު ޑީން ޑޮކްޓަރ ޢާއިޝަތު ސަނޫރާ ވަނީ ކުރިއަށް އޮތް ދައުރުގައި އެ ފެކަލްޓީ ކުރިއެރުވުމަށް ގެންގުޅުއްވާ ތަސައްވުރު ހިއްސާކުރައްވާފައެވެ.
"ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ޤައުމަށް އެންމެ ބޭނުންތެރި ދާއިރާތަކުން ފޯސްޓްގްރެޖުއޭޓް ފެންވަރުގެ އައު ކޯސްތައް ތަޢާރަފުކޮށް، މަތީ ތަޢުލީމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުން. މީގެ އިތުރުން، މުގައްރަރުތަކާއި ގަވާއިދުތައް ދިރާސާކޮށް އިސްލާހުކުރުމުގެ ތެރެއިން، ސިއްހީ ދާއިރާގައި ބޭނުންކުރާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކަށް ދަރިވަރުން އަހުލުވެރިކުރުވުމަކީ އަޅުގަނޑުމެންގެ މަގްސަދެއް،" ޑޮކްޓަރ ސަނޫރާ ވިދާޅުވިއެވެ.
ފެކަލްޓީ އޮފް އާޓްސްގެ ކުރިމަގާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޑީން ޑޮކްޓަރ އާމިނަތު ރިޔާޒް ވަނީ ތައުލީމުގެ ސަބަބުން މުޅި މުޖުތަމަޢަށް ކުރާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.
"އަޅުގަނޑުގެ އުންމީދަކީ އަޅުގަނޑުމެން ކުރާ ތަޢުލީމީ މަސައްކަތްތަކަކީ ހަމައެކަނި ކްލާސްރޫމްތަކަށް ހަނިވެފައިވާ މަސައްކަތްތަކަކަށް ނުވެ، މުޅި މުޖުތަމަޢަށް އޭގެ މަންފާ ލިބިގެންދިއުން،" ޑޮކްޓަރ ރިޔާޒް ވިދާޅުވިއެވެ. "އަޅުގަނޑު ދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑުމެންގެ ދަރިވަރުންނަކީ ހަމައެކަނި ފެންވަރު ރަނގަޅު ތަޢުލީމެއް ލިބިފައިވާ ބަޔަކަށް ވުމުގެ އިތުރުން، ޢަމަލީ ތަޖުރިބާއާއެކު މުޖުތަމައުގައި ހަރަކާތްތެރިވާ، ޤައުމަށް ފައިދާހުރި ބަޔަކަށް ވެގެންދިއުން. އަދި ހަމައެހެންމެ، އިލްމީ ދިރާސާތަކުގެ ތެރެއިން ފެންނަން އޮތް ނަތީޖާއެއް ދެއްކުމަކީ މުހިންމު ކަމެއް." ޑރ. އާމިނަތު ރިޔާޒް ވިދާޅުވި އެވެ.
މި ދެ ފެކަލްޓީއަށް ޑީނުން އައްޔަން ކުރުމަކީ ރާއްޖެ އާއި ދުނިޔޭގެ ސްޓޭންޑަޑްތަކަށް ފެތޭ ތައުލީމެއް ފޯރުކޮށްދިނުމަށް އެމްއެންޔޫއިން ކުރަމުންދާ މަސައްކަތް ހާމަކޮށްދޭކަމެއް ކަމަށް އެ ޔުނިވާސިޓީއިން ބުނެ އެވެ.

5 މަސް ކުރިން

5 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން