-8402fff9.png)
އައިޝަތު ހިދާޔާ

ރާއްޖޭގެ ރުއްތަކަށް ހުދުކޫޑި ބަލި ޖެހޭތީ, އެ ބަލި ކޮންޓްރޯލް ކުރުމަށް ރުއްތަކަށް ބޭސް ލުމުގެ ޕްރޮގްރާމެއް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލްތަކާބެހޭ މިނިސްޓްރީން ފަށައިފިއެވެ.
މިނިސްޓްރީން ބުނީ, ރާއްޖޭގެ އަތޮޅުތަކުގައި ހުރި ރުއްތަކުގައި ހުދުކޫޑި އެޅުމުގެ ސަބަބުން ރުއްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމުގެ ޝަކުވާތައް މިނިސްޓްރީއަށް ލިބެމުންދާކަމަށެވެ. އެހެންކަމުން އެކަން ޙައްލުކޮށްދިނުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި ކޮށްފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.
މިތަޖުރިބާތަކުގެ ނަތީޖާގެ އަލީގައި ހުދުކޫޑި ކޮންޓްރޯލުކުރުމަށްޓަކައި ހުރިހާ ކައުންސިލްތަކަށް ބޭސް ހަވާލުކުރުމުގެ މަސައްކަތް ފަށައިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
ކައުންސިލްތަކަށް ބޭސް ހަވާލުކުރާނީ ރަށްތަކުގައި ހުރި ރުކުގެ އަދަދަށް ބިނާކޮށެވެ. މިޕްރޮގުރާމްގެ ދަށުން ބޭސް ފުރަތަމަ ޙަވާލުކުރެވުނީ ހއ. ބާރަށު ކައުންސިލާ ކަން މިނިސްޓްރީން ފާހަގަކުރިއެވެ. އެއާއެކު އެރަށުގައި ރުއްތަކަށް ބޭސް ލުމުގެ ޕްރޮގުރާމް ހިންގައިފައި ވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ, މިޕްރޮގުރާމްގެ ދަށުން ހއ. ހދ. ށ. އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލްތަކަށް ބޭސް ޙަވާލުކުރުމުގެ ސިޓީތައް ފޮނުވައިފައި ވާކަމަށެވެ. މިއަތޮޅުތަކުން ބޭހާ ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުންކަމަށާއި މިނޫން އަތޮޅުތަކުން ބޭހާ ހަވާލުވާނީ މާލެއިން ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މީގެއިތުރުން މިނިސްޓްރީން ބުނިގޮތުގައި، ހުދުކޫޑީގެ މައްސަލަ ދިމާވެގެން އެކަން ހައްލުކޮށްދިނުމަށް އެދި ލ.ކަލައިދޫ، ގދ. ފިޔޯރީ، އައްޑޫސިޓީގެ މީދޫން މިނިސްޓްރީގައި އެދިފައިވާތީ، އެރަށްރަށަށް ވެސް ބޭސް ޙަވާލުކުރުމުގެ ސިޓީތައް ފޮނުވައިފައެވެ. އިތުރު އަތޮޅުތަކަށް ބޭސް ހަވާލުކުރުމަށް ސިޓީތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

7 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން