-8402fff9.png)
ފާތިމަތު މިޝްކާ

ޖުލައި މަހު އެކަނިވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 42 މައްސަލައެއްގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ އާންމުންގެ އަތުން ގެއްލިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސްކޭމް މައްސަލަތަކުގެ ޖުލައި މަހުގެ ތަފާސްހިސާބުތައް އާންމުކޮށްފައިވާއިރު ޖުމްލަ 334,549.00 ރުފިޔާގެ މާލީ ގެއްލުން ރައްޔިތުންނަށް މިދިޔަ މަހު ލިބިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 163,558.00 ރުފިޔާ އަނބުރާ ހޯދައދީފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ ގެއްލުނު ފައިސާގެ 48.9 އިންސައްތަ ފައިސާ އެވެ. މިއީ މާލީ ކުށްތައް ހުއްޓުވުމަށާއި ރައްޔިތުންގެ މުދާ ރައްކާތެރިކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެއްކަމަށް ފުލުހުން ބުނެ އެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން އޮންލައިން ވިޔަފާރީގެ ސްކޭމްތަކާ ގުޅުންހުރި 15 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނައީ ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާފައިވާ އޮޅުވާލުންތަކެވެ. މިފަދަ 11 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ 8 މައްސަލައަކާއި އެހެން މީހަކަށް ހެދިގެން އޮޅުވާލައިގެން ފައިސާ ހޯދުމުގެ 3 މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެހެނިހެން ގޮތްގޮތުން ހިންގާފައިވާ ސްކޭމްގެ 5 މައްސަލައެއް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދުވާލެއްގެ މައްޗަށް އެވަރޭޖުކޮށް ސްކޭމްގެ 6 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ.
ބުކިންގތައް ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ނަމުގައި ހިންގާ ސްކޭމްތައް މިހާރަކަށް އައިސް އިތުރުވަމުންދާތީ، އެކަމަށް އާންމު ރައްޔިތުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރެ އެވެ. މިފަދަ ސްކޭތަކުގައި، ބުކިންގ ހެދުމަށްފަހު ފައިސާ ދެއްކިކަމުގެ ސައްހަނޫން ސްލިޕް ފޮނުވައި، ކުއްލި ބޭނުމަކު ބުކިން ކެންސަލްކުރަން ޖެހުނުކަމަށް ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމަށާއި އެހެންކަމުން، އެއްވެސް މީހަކަށް ފައިސާ އަނބުރާ ފޮނުވުމުގެ ކުރިން، އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ކަށަވަރުކުރުމަށް ސަމާލުކަން ދިނުމަށް ފުލުހުން އެދިފައިވެ އެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން