-8402fff9.png)
ސައިފުﷲ އަލީ
-3226df97.jpg)
މާލޭ ވިޔަފާރި ބަނދަރުގެ ބައެއް ޚިދުމަތްތައް އަންނަ އޮކްޓޫބަރު މަހުން ފެށިގެން ތިލަފުށިން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަށް ކުރިއަށްގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އެރަށަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރަކީ ސާޅީސް އަހަރުވީ ޕޯޓެއް ކަމަށާއި، ނަމަވެސް ނިމިދިޔަ ސަރުކާރުތަކުން ޕޯޓުގެ ޚިދުމަތް ހަރުދަނާކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ. އެހެންނަމަވެސް ޕޯޓަށް މިހާރު ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ރާއްޖޭގެ އިޤްތިޞާދު އިތުރު މިސްރާބަކަށް ގެންދިއުމުގެ މަޤްޞަދުގައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މިސަރުކާރުން ފައްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސަޢީދު އިތުރަށް ވިދާޅުވީ، މިހާރު ފަށައިގެން ވަރަށް ބާރު ސްޕީޑެއްގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެހެންކަމުން އިރާދަކުރެއްވިއްޔާ ބައެއް އޮޕަރޭޝަންތައް އޮކްޓޫބަރު މަހު ތިލަފުއްޓަށް ބަދަލުކުރެވި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށްދާއިރު، މިހާރުގެ ޕޯޓަށްވުރެ އެތައް ގުނައަކަށް ބަދަލުވެގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އޮކްޓޫބަރު މަހު ތިލަފުށީގައި ފެށުމަށް ހަމަޖެހިފައިވާ ޚިދުމަތްތައް ހިއްސާކުރައްވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޝަފީޤު ވިދާޅުވީ، ތިލަފުށީގައި ގާއިމްކުރާ ސައްތައެއް މީޓަރުގެ މަގަތުފާލަމުގެ މަސައްކަތް އޮކްޓޫބަރަށް ނިންމާލެވޭނެ ކަމަށެވެ. އަދި އަށްޑިހަ މީޓަރުގެ ބާޖެއް ގެނެސް މަގަތުފާލަން ބޭނުންކޮށްގެން ކޮންޓެއިނަރު ކްލިއަރ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ޝަފީޤު ވިދާޅުވިއެވެ.
ޝަފީޤު ވިދާޅުވީ، ތިލަފުށިން ކްލިއަރކުރާ މުދާ ބޯޓަށް ލޯޑުކުރުމުގެ ޚިދުމަތްވެސް ދޭނެ ކަމަށެވެ. އަދި މާލެއަށާއި ހުޅުމާލެއަށް މުދާ ގެނެސް ކްލިއަރުކުރަން ބޭނުންވާ ފަރާތްތަކަށް އެ ޚިދުމަތްވެސް ސޫވީސްގަޑިއިރުގެ ތެރޭގައި ދޭނެ ކަމަށް ޝަފީޤު ވިދާޅުވިއެވެ.
މާލޭގައިވެސް ސައްތައެއް މީޓަރުގެ ކީވޯލެއް އިންނާނެ ކަމަށާއި، އަދި ތިލަފުށީގައިވެސް މިހާރު ތަރައްޤީކުރަނީ އާޓިފިޝަލް ސައްތައެއް މީޓަރުގެ ކީވޯލެއް ކަމަށް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވިއެވެ. އެހެންކަމުން އެއްފަހަރާ ދެ ބަނދަރުން މަސައްކަތް ކުރެވިގެންދާއިރު، މާލޭގައާއި އޮކްޓޫބަރުގައި ތިލަފުށީގައި އެއްވަރަކަށް މަސައްކަތް ހިނގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އެންމެ ބޮޑު ބައެއް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ އަދާހަމަ ވިޔަފާރިވެރިންނަށް ހިއްސާކުރުމަށް އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިއަދު އެރަށަށް ވަނީ ޒިޔާރަތެއް ކުރައްވާފައެވެ. މި ޒިޔާރަތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު ޙުސެއިން ޝަފީޤުގެ އިތުރުން އެކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއިރު، އިމްޕޯޓު ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ބަނދަރުގެ ޚިދުމަތްތައް ބަދަލުވާނެ ގޮތްތައް ވަނީ ހިއްސާކުރައްވާފައެވެ.
-a0c36a24.jpg)
29 ދުވަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން