-8402fff9.png)
ސައިފުﷲ އަލީ
-b7403a22.jpg)
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުޢާމަލާތްކޮށް، އަމިއްލަ އެކައުންޓުތަކުގައި ފާއިތުވި ތިން އަހަރު ތެރޭ ފަންސާސް ހަތަރު މިލިއަން ރުފިޔާއާއި އެކެއް އިންސައްތަ ހައެއް މިލިއަން ޑޮލަރު ދައުރުކުރި ހަ ބިދޭސީއަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަ ނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުޢާމަލާތް ކުރާ މީހުން ދެނެގަތުމަށް އެކުލަވައިލައިފައިވާ ޚާއްޞަ ޓާސްކްފޯސްއިން ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން މި ހަ ބިދޭސިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ހަތަރު ރައްޔިތުންނާއި އިންޑިއާގެ ދެ ރައްޔިތުން ހިމެނެއެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްއަށް ނިސްބަތްވާ އެކައުންޓެންޓެއްގެ ވަޒީފާގައި ހުރި މުހައްމަދު ރާހުލް އަމީންއާއި، ވެއިޓަރެއްގެ ވަޒީފާގައި ހުރި މަސްއޫދު މިއާއާއި، ޑްރައިވަރެއްގެ ވަޒީފާގައި ހުރި އެމްޑީ ފަރީދުއްދީންގެ އިތުރުން ސާފުކުރުމުގެ މަސައްކަތްކުރާ މުހައްމަދު މަހަމުދުރު ހަސަން ހިމެނެއެވެ. އަދި އިންޑިއާއަށް ނިސްބަތްވާ އިންޖިނިއަރެއްގެ ވަޒީފާގައި ހުރި ދުލްކަރުނައި އިމްރާން ޚާންއާއި ސޭލްސްޕާސަނެއްގެ ވަޒީފާގައި ހުރި މުހައްމަދު އަސަތު ކަލަންދަރު ހުސައިންވެސް ހިމެނެއެވެ.
މިހާތަނަށް ތަޙުޤީޤަށް އެއްކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި ތިން އަހަރު ތެރޭގައި އެ މީހުންގެ އެކައުންޓުތަކުގައި ޖުމުލަ ފަންސާސް ހަތަރެއް އިންސައްތަ ހަތަރެއް މިލިއަން ރުފިޔާއާއި އެކެއް އިންސައްތަ އެކެއް ހަޔެއް ތިނެއް މިލިއަން ޑޮލަރު ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ. އަދި އެ މީހުންނަކީ ދީފައިވާ މަސައްކަތްކުރުމުގެ ހުއްދައިގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން އައި ބަޔެއްކަން ދެނެގަނެވިފައިވާ ކަމަށްވެސް އެ މުއައްސަސާއިން ބުންޏެވެ.
ޤާނޫނާ ޚިލާފަށް ބޭރު ފައިސާ ގަނެ ވިއްކާ މީހުންގެ މައްސަލަތައް ބެލުމަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު، ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ޤާނޫނާ ޚިލާފު އަމަލުތަކުން ހޯދާ ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެ ބިދޭސީންނާ ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއްވެސް މީހެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއް އެހެން ބަޔަކު ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެ މީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއް ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން ޤާނޫނާ ޚިލާފު އަމަލުތައް ހިންގުމަށް އެއްވެސް މީހަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުޞަތު ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި އެފަދަ ޤާނޫނާ ޚިލާފު އަމަލުތައް ކުރާ މީހުން ހޯދައި ޤާނޫނީ ފިޔަވަޅު އަޅަމުންދާނެކަމުގެ ޔަޤީންކަން ފުލުހުންގެ މުއައްސަސާއިން ވަނީ ދީފައެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ހުއްދަ ނުނަގައި ގަވައިދާ ޚިލާފަށް ފައިސާ އެކްސްޗޭންޖު ކުރަމުންދިޔަ ހަތް ފަރާތެއްގެ މައްސަލަ ބެލިއިރު، ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި އެ ފަރާތްތަކުން 76މިލިއަން ޑޮލަރު ކަޅުބާޒާރުގައި މާރުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުން ވަނީ ޑޮލަރުގެ ކަޅު ބާޒާރު ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ނިންމައިފައެވެ. އޭގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާކަން އިޝްތިހާރުކުރުމާއި ޕްރޮމޯޓުކުރުން މަނާކުރުން ހިމެނެއެވެ. މިގޮތުން ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ނުވަތަ އެ ނޫންވެސް ގޮތަކަށް ކަޅުބާޒާރުގެ ރޭޓުތައް ހާމަކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އެފަދަ އަމަލެއް ކޮށްފިނަމަ އާންމު ފަރުދަކު 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ޤާނޫނީ ޝަހުސަކުން ނުވަތަ ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިއަކުން އެފަދަ މައުލޫމާތެއް އާންމުކޮށްފިނަމަ 100,000 ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އެ ބަދަލުތައް ޤާނޫނަށް ގެނައުމަށް، ވެރިކަން ކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވައިފައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

11 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން