-8402fff9.png)
ސައިފުﷲ އަލީ
އެކްސިޑެންޓެއް ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ / ފައިލް ފޮޓޯ: މާހިލް، ނުކުތާ
މާލޭގެ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ސީރިއަސް އަނިޔާތަކެއްވި މައްސަލައާ ގުޅިގެން ނުރައްކާތެރިކޮށް ސައިކަލު ދުއްވި މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި، ޒިގްޒެގްކޮށް އަދި ނުރައްކާތެރިކޮށް ސައިކަލު ދުއްވުމުގެ ސަބަބުން އިތުރު ސައިކަލެއްގައި ޖެހިގެން ކަމަށް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން އެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ. ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފައެވެ.
މި އެކްސިޑެންޓު ހިނގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު 1:23 ހާއިރުއެވެ.
ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ފުލުހުން ބުނީ އޭނާ ނުރައްކާތެރިކޮށް ދުއްވި ސައިކަލު އެހެން ސައިކަލެއްގައި ޖެހުމުގެ ސަބަބުން، އަނެއް ސައިކަލުގައި ތިބި ދެ މީހުންގެ ސިކުނޑިއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ދެ މީހުންގެ ހާލަތު ވަރަށް ނާޒުކުވެފައިވާ ކަމަށެވެ.
އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ސައިކަލު ދުއްވައިގެން މިއަހަރުގެ ތެރޭގައި ފުލުހުން އޭނާ ހަތަރު ފަހަރު ހުއްޓުވާފައިވާ ކަމަށްވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
މި އެކްސިޑެންޓުގައި އޭނާއަށްވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާތީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އިއްޔެ ދޫކޮށްލުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.
މި ހާދިސާ ހިނގިގޮތް ސީސީޓީވީ ފުޓޭޖުން ސާފުކޮށް ފެންނަން ހުރި ކަމަށްވެސް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.
މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ވެގެން ފަރުވާދެމުންދަނީ އުމުރުން 22 އަހަރުގެ ދިވެހި ފިރިހެނަކަށާއި އުމުރުން 26 އަހަރުގެ ދިވެހި އަންހެނަކަށެވެ.
އޭގެ ތެރެއިން އުމުރުން 22 އަހަރުގެ ފިރިހެން މީހާއަކީ އެ ސައިކަލު ދުއްވަން އިން މީހާއެވެ. އަންހެން މީހާއަކީ ސައިކަލުގެ ފަހަތުގައި އިން މީހާއެވެ.
އަނިޔާވި އަންހެން މީހާއަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލްގައެވެ. ފިރިހެން މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ގައެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން