-8402fff9.png)
ސައިފުﷲ އަލީ
-fb62d78b.jpeg)
މަގުމަތީގެ އާންމު އުސޫލުތަކާއި ޓްރެފިކް ގާނޫނުތަކާ ތަކުރާރުކޮށް ހިލާފުވާ މީހުންނާ މެދު "އެންމެ މަތީ ދަރަޖައިގައި" ހަރުކަށި ފިޔަވަޅުތައް އަޅަން ފުލުހުންގެ އެކި ސެކްޝަންތަކަށް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު އަންގަވައިފިއެވެ.
މާލޭގައި ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ޒުވާން އަންހެނަކު ނިޔާވި ހާދިސާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ނެރުއްވި މެސެޖެއްގައި ވިދާޅުވީ މަގުމަތީގެ އަމާންކަން ބެލެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށެވެ. އެ ފިޔަވަޅުތައް ވަގުތުން ތަންފީޒު ކުރަން ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި ފިޔަވަޅުތައް ގްރޭޓާ މާލެ އޭރިއާގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައިވެސް އަޅަމުންދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު ވިދާޅުވިއެވެ. މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވޭ މި މަސައްކަތުގައި އެންމެހާ ރައްޔިތުންގެ އެއްބާރުލުމަށްވެސް ސީޕީ ވަނީ އެދިވަޑައިގެންފައެވެ.
ޕޮލިސް ކޮމިޝަނަރު ވިދާޅުވީ މި ފިޔަވަޅުތަކުގެ މަގުސަދަކީ މަގުމަތީގެ ރައްކާތެރިކަން އެންމެންނަށް ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި މަދު ބައެއްގެ ސަބަބުން ތަކުރާރުކޮށް ހިނގާ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ހަރުކަށި ފިޔަވަޅުތައް އަޅަން ފުލުހުން ނިންމާފައިވަނީ ސޯސަންމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާން އަންހެނަކު ނިޔާވުމާ ގުޅިގެންނެވެ. އެ ހާދިސާގައި ނިޔާވީ ށ. ފޯކައިދޫ، މަގުމަތީގޭ، އާއިޝަތު މާހިދާ، 26، އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ތ. ދިޔަމިގިލި، އައްސޭރި، މާހު ހަސަން، 21، ހައްޔަރުކޮށްފައެވެ. ތަހުގީގުގެ ބޭނުމަށް އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ދީފައެވެ.
ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި މާހުއަކީ ލައިސަންސް ނެތި ދުއްވައިގެން މި އަހަރުގެ ތެރޭގައިވެސް ހަތަރު ފަހަރަށް ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ މީހެކެވެ. ކޯޓު އަމުރުން އެނގޭ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ނުރައްކާތެރިކޮށް ދުއްވަނިކޮށް އަނެއް ސައިކަލުގައި ޖެހިގެންނެވެ.

1 ދުވަސް ކުރިން

4 ދުވަސް ކުރިން

5 ދުވަސް ކުރިން
-67446365.png)
8 ދުވަސް ކުރިން

9 ދުވަސް ކުރިން

12 ދުވަސް ކުރިން

12 ދުވަސް ކުރިން

15 ދުވަސް ކުރިން