-8402fff9.png)
އައިޝަތު ހިދާޔާ

ނ. ވެލިދޫގައި އަޅާ ހޮސްޕިޓަލުގެ އިމާރާތުގެ މަސައްކަތް މި ދައުރުތެރޭ ނިންމޭނެ ކަމަށާއި, މި ހޮސްޕިޓަލުން ޚިދުމަތްދޭން ފެށުމުން ސިއްހީ ޚިދުމަތް އިތުރަށް ފުޅާވާނެކަމަށް ހެލްތް މިނިސްޓަރު ގީލާ އަލީ އިއްޔެ ވިދާޅުވެއްޖެއެވެ.
ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގީލާ ވިދާޅުވީ, ވެލިދޫގައި އަޅާ 30 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތަކީ މިހާރު އެރަށުގައި ކުރިއަށްދާ އެންމެ ބޮޑު ތަރައްގީގެ މަޝްރޫއުކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ދައުރު ނިމުމުގެ ކުރިން އާ ހޮސްޕިޓަލް ހުޅުވި, މިހާރަށްވުރެ މާ ފުޅާ ދައިރާއެއްގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ރައްޔިތުންނަށް ލިބެން ފަށާނެ," ގީލާ ވިދާޅުވިއެވެ.
އޭނާ ވަނީ ވެލިދޫ ސިއްހީ މަރުކަޒުން މީގެކުރިން ދިން ޚިދުމަތްތަކަށް އަލި އަލުވައިލައްވައި ވާހަކަ ދައްކަވާފައެވެ. އެގޮތުން, މި މަރުކަޒުގެ ޚިދުމަތްތައް ތަރައްގީކޮށް ފުޅާ ކުރުމަށް މި ސަރުކާރުން މަސައްކަތް ކުރިކަން ފާހަގަކުރައްވައި ގީލާ ވިދާޅުވީ, އެތެރެހަށީގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތާއި ޑަޔަލަސިސްގެ އިތުރުން, އެކްސްރޭގެ ޚިދުމަތް ވެސް މިހާރު ވެލިދޫ ހޮސްޕިޓަލުން ފޯރުކޮށްދޭ ކަމަށެވެ.
މީގެއިތުރުން, ބިދޭސީންގެ ވޯކް ޕާމިޓާއި މެޑިކަލް ހެއްދުމުގެ އިންތިޒާމާއި ކުއްލި ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ސީއެމްބިއުލާންސްގެ ޚިދުމަތް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހަމައެއާއެކު ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް, އަވަސް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގޮތުން މަރުކަޒުގެ މުވައްޒަފުންގެ އަދަދު ވެސް ވަނީ އިތުރު ކުރެވިފައި," އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ނ. އަތޮޅުގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ވެސް މި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައި ވާކަމަށެވެ. އެގޮތުން, އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫ, ނަފުސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޚިދުމަތާއި ފިޒިއޯތެރަޕީގެ ޚިދުމަތް އަލަށް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.
ނ. އަތޮޅު ކެނދިކުޅުދޫ ހޮސްޕިޓަލުގެ ޚިދުމަތް ވެސް އަންނަ މަހު ފެށޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން