-8402fff9.png)
ސައިފުﷲ އަލީ

މާލެ، ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން މާލެ ސަރަޙައްދުގައި ބޮޑެތި ހޮސްޕިޓަލުތަކެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައިވާކަން ޞިއްޙަތާއި، ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ހާމަކުރައްވައިފިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ވިލިމާލޭގައި ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ސަތޭކަ އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ އިތުރުން، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކެންސަރު ބަލި ދެނެގަތުމަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުން ހިމެނެއެވެ. އެ ސެންޓަރުގެ މަސައްކަތުގެ އެއްބަސްވުމުގައި ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ މަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފައްސަތޭކަ އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލުގެ ޢަމަލީ މަސައްކަތް ކުރިއަށް ގެންދާނެ އެންމެ އެކަށޭނަ ގޮތްތަކާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާ ކުރެވެމުންނެވެ. އަދި ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކުރާ ދުއިސައްތަ ފަންސާސް އެނދުގެ މަލްޓި-ސްޕެޝަލިޓީ ހޮސްޕިޓަލުގެ މަޝްރޫޢަށް ބޭނުންވާ ފަންނީ މަޝްވަރާތައްވެސް ހިނގަމުންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ފައިނޭންސްގެ ދަށުން ނޭޝަނަލް ޑިސެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރ ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތެލެސީމިއާ އަދި ލޭގެ ބަލިތަކަށް ޚާއްޞަ ސަތޭކަ އެނދުގެ ތެލެސީމިއާ އެންޑް ހެމަޓޮލޮޖީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަޝްވަރާތައްވެސް ދަނީ ކުރިއަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް މި މަޝްރޫޢުތައް ނިމި ޚިދުމަތް ދޭން ފެށުމުން، ރާއްޖޭގެ ޞިއްޙީ ނިޒާމަށް އިންޤިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހޭ ޖެހުން ނިމުމަކަށް އައިސް، އަމިއްލަ ޤައުމުގައި ތިބެގެން ބައިނަލްއަޤްވާމީ ފެންވަރުގެ އެންމެ ޒަމާނީ ޞިއްޙީ ފަރުވާ ރައްޔިތުންނަށް ލިބިގެންދާނެއެވެ. މީގެ ސަބަބުން ބޭސްފަރުވާއަށް ރައްޔިތުންނާއި ދައުލަތުން ކުރަންޖެހޭ ބޮޑެތި ޚަރަދުތައް ސަލާމަތްވެ، އެތައް ޢާއިލާއަކަށް މާލީ އަދި ނަފްސާނީ ގޮތުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން