-8402fff9.png)
ފާތިމަތު މިޝްކާ

ދިވެހި މެޑިކަލް ގްރެޖުއޭޓުން ތަމްރީނުކުރުމާ ގުޅޭ ގޮތުން ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ އާއި ސްރީލަންކާގެ ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ. ސުވަސެވަނާ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ޑިރެކްޓަރ މިސްޓަރ ބަންޑުލާ އެގޮޑަގޭ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ގީލާ އަލީ ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ޑޮކްޓަރުން ތަމްރީނު ކުރުމުގައި މިއަދު ސޮއި ކުރެވުނު އެމްއޯޔޫގެ ސަބަބުން ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަނާ ފާހަގަކުރެއްވި ގޮތުގައި މި ޕާޓްނަރޝިޕްއަކީ މުހިއްމު ޕާޓްނަރޝިޕް އެއްކަމާ، އޭގެ ސަބަބުން ދިވެހި މެޑިކަލް ގްރެޖުއޭޓުންނަށް ޚާއްސަ ކްލިނިކަލް ތަމްރީނާއި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުސަތު ފުޅާވެ، އެފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ.
މި އެމްއޯޔޫގެ މަގުސަދަކީ އިންތިޒާމުވެގެން ހިންގޭ ކްލިނިކަލް އިންޓަރންޝިޕް ޕްރޮގްރާމެއްގެ ޒަރީއާއިން ޤާބިލު މެޑިކަލް ޕްރޮފެޝަނަލުން ބިނާކުރުމުގައި މި މިނިސްޓްރީ އާއި ސުވަސެވަނާ ހޮސްޕިޓަލާ ދެމެދު އޮތް ގުޅުން ބަދަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން، ސުވަސެވަނަ ހޮސްޕިޓަލުން ދިވެހި އެމްބީބީއެސް ގްރެޖުއޭޓުންނަށް އެއް އަހަރު ދުވަހުގެ ކްލިނިކަލް އިންޓަރންޝިޕްގެ ފުރުސަތު ފޯރުކޮށްދޭނެއެވެ. އަދި އަހަރަކު 20 ދަރިވަރުން ތަމްރީނުކުރުމުގެ ޖާގަ ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ، އަދި ރާއްޖޭގެ މެޑިކަލް ތަޢުލީމާއި ޤާބިލުކަން އިތުރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން