-8402fff9.png)
އައިޝަތު ހިދާޔާ

ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް —-
ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން ދިނުމަށް ނިންމާފައިވާ ނިންމުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވައިލައި, ރައްޔިތުންގެ މަޖިލީހަށް އިދިކޮޅު އެމްޑީޕީން ގަރާރެއް ހުށަހަޅައިފިއެވެ.
މަޖިލީސް އިދާރާ ކުރިމަތީގައި މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ, މި ގަރާރު މަޖިލީހަށް ހުށަހެޅީ މީގެ ދެ ދުވަސް ކުރިން މިމަހުގެ ދެވަނަ ދުވަހު ކަމަށެވެ. މިއީ ގައުމީ މަޖިލީހުން މަތިކޮށްފައިވާ ޒިންމާއެއް ކަމުގައި ދެކެގެން ހުސަހެޅި ގަރާރެއް ކަމަށް ނާޒިލް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ ބަދަލާއެކު ގަރާރު ހުށަހަޅަން ގޮންޖެހުން ހުރި ނަމަވެސް, މި ގަރާރުގެ މަސައްކަތް ކުރިއަށްދާނެކަމާމެދު ޝައްކެއް ނެތްކަމަށް ނާޒިލް ވިދާޅުވިއެވެ.
"އަޅުގަނޑު އިތުރުކޮށްލަން ބޭނުންވީ މި ރަސްމާލެ ކަންތަކުގައި އަޅުގަނޑުމެން ހުއްޓުމެއް ނެތި އެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ. އަޅުގަނޑުމެންނަށް އެ މަސައްކަތް އެގޮތަށް ކުރިއަށް ގެންދަން އެ އޮތީ ގައުމީ މަޖިލީހުން ފާސްކޮށް އެ ޒިންމާ އަޅުގަނޑުމެންނަށް ހަވާލުކޮށްފަ," ނާޒިލް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ވެސް ވަނީ ގަރާރެއް ފާސްކޮށްފައެވެ. މި މަގާރު ފާސްކުރީ މިމަހުގެ އެއްވަނަ ދުވަހުގެ ރޭ ބޭއްވި އެމްޑީޕީގެ ކުއްލި ގައުމީ މަޖިލިސް ޖަލްސާގައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސްގައި ގައުމީ މަޖިލީހުގެ ބައެއް މެންބަރުން ވަނީ އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދީގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ސީދާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި މި މަޝްރޫއާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ފަހު ނޫނީ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް ވެސް ބައެއް މެންބަރުން ވަނީ ގޮވާލައްވާފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވަނީ ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި ނަޝީދު ވަނީ އެމްޑީޕީން ފަހަކަށް އައިސް އަމާޒު ހިފާފައިވާ މިސްރާބާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނެގުމަކީ ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތައް ޒަޔަނިޒަމްއާ ގުޅުވައި، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެއް ކަމަށް ނަޝީދުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.
އެމްޑީޕީ އުފެދިގެން އައީ އިންސާނީ ޙައްޤުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަން ހޯދުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ ޕާޓީ ސިފަވަނީ ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވާ ބައެއްގެ ގޮތުގައި ކަމަށާއި، މިއީ ޕާޓީގެ ކުރީގެ މެންބަރުން ތަސައްވަރުކުރި ގޮތެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

3 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-3186f67e.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން