-8402fff9.png)
ދިވެހި އަންހެން ވޮލީ ބޯޅަ ދުށް އެންމެ ފުރިހަމަ ކުޅުންތެރިއަކީ ކޮބައިތޯ ކުރެވޭ ސުވާލެއްގެ ޖަވާބުގައި އެންމެ މަގުބޫލު ނަމަކަށް މިހާރު ވާނީ ލ ގަމަށް އުފަން އުމުރުން 31 އަހަރުގެ އާއިޝަތު މާޖިދާއެވެ. ރާއްޖޭގައި ބާއްވާ ލޯކަލް މުބާރާތްތަކުން ފެށިގެން ގައުމީ ލެވެލްގައި ކުޅޭ މުބާރާތްތަކުގައި ވެސް މާޖިދާ ޓީމަކުން ނުފެނި ދިއުމަކީ ނާދިރުކަމެކެވެ. އަދި ހާއްސަ ކަމަކީ އެ މުބާރާތްތަކުގައި ކުޅޭ ހުރިހާ ޓިމެއްގެވެސް ފެވަރިޓް ލިސްޓްގެ ކުރީގައި ހިމެނޭނީ މާޖިދާކަމެވެ. މާޖިދާ ފާހަގަކޮށްލެވިފައިވަނީ މި ފަހުން އައިސް ރާއްޖޭގެ ވޮލީދުށް، އެއް ފެންވަރެއްގައި ދުވަހެއް ދުވަހަކަށް ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނަ މަދު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެޔާއެކު މާޖިދާއަކީ ދިވެހި ވޮލީބޯޅައިގައި އުފެދުނު ހުރިހާ ހުނަރެއް އެކުލެވި އެންމެ ފުރިހަމަ ކުޅުންތެރިޔާކަމާމެދު ދިވެހި ގިނަ ވޮލީ ކޯޗުން ދެބަހެއް ނުވެއެވެ.
މާޖިދާގެ ވޮލީގެ ފުރަތަމަ ފެށުމަކީ 2010 ވަނަ އަހަރު ލ ގަމުގައި ބޭއްވުނު ގައުމީ އަންހެން ވޮލީ މުބާރާތެވެ. އެ މުބާރާތައް އެކުލަވައިލި ޓިމާއެކު މާޖިދާގެ ވޮލީގެ ފުރަތަމަ ފެނިލުމުގެ ތެރެއަށް އޭނާގެ ހަނދާންތައް ގެންދިޔައެވެ.
ދެން އޭރު ކުޑަ ވީމަ، ގިނައިން މަންމައަށް ސިއްރުން ކުޅެންވެސް ދަނީ، އުމުރުން ވާނީ އޭރު އެންމެ 17 އަހަރު - މާޖިދާ
އެ ފަހަރުގެ މުބާރާތުން މާޖިދާގެ ހުނަރުވެރިކަން ފާހަގަ ކުރެވި ގައުމީ އަންހެން ވޮލީ ޓިމަށް ވޮލީބޯޅަ އެސޯސިއޭޝަނުން މާޖިދާ ގެނައެވެ. އެހާ ހިސާބުން މާޖިދާގެ ވޮލީގެ ފޮނި ހުވަފެންތަކާއި ކާމިޔާބަށް ކުރެވުނު އުއްމީދީ ދަތުރު އަދި ފެށުނީއެވެ.
" އޭރު އެންމެ މޮޅަށް ކުޅޭ ކުޅުންތެރިންނަށް ރާއްޖޭގައި އުޅޭނީ، ޝައްފައާއ ނާޒިމާ، އެމީހުން އަރައި އެޓޭކް ކޮށްލާތަން ފެނުނީމަ މާޖި ހިތަށް އަރައި އަދި އެވަރަށް އެޓޭކް ކޮށްލާނަމޭ އެއްދުވަހަކުން"
ފަހަރަކު ހަނދާނެއް އައުކުރަމުން މާޖިދާ ފާހަގަ ކޮށްލިއެވެ.
ޓީމަށް ނެގުމާއެކު މާޖިދާ އައު ހިތްވަރާއެކު އޭނާގެ އުއްމީދުތަކާއި ހުވަފެންތަކުގައި ހަގީގީ ކުލަ ޖެއްސުމަށް ނުގުޑާ އަޒުމަކާއެކު ކަމަރު ބަނދެލިއެވެ. ކަން ދިމާކުރި ގޮތުން އުމުރުން ހަގު ވުމުން އެ އަހަރުގެ މުބާރާތައް އޭނާގެ މައިންބަފައިން އޭނާ ނުފޮނުވި ނަމަވެސް އުމުރުން 17 އަހަރުން ފެށިގެން މާޖިދާ އައީ ގައުމީ ޓީމަށް ކުޅެމުންނެވެ.
މާޖިދާ ގައުމީޓީމަށް ފުރަތަމަ ފަހަރަށް ނެގުނުފަހުން މުބާރާތަކަށް ފަހު މުބާރާތަކުން އޭނާ އައި ހީވެސް ނުކުރާފަދަ ހަލުވި އަދި ރަނގަޅު ކުރިއެރުންތައް ހޯދަމުންނެވެ. އެއާއެކު އަންހެން ކުޅުންތެރިއަކު އެންމެ ސަމާލުކަން ދޭންޖެހޭ އެއްކަންތައް ގޮތުގައި މާޖިދާ ބަލާ، ފިޓްނެސް ދެމެހެއްޓުމަށް މާޖިދާ އައީ ގިނަ މަސައްކަތްތަކެއް ކުރަމުނެވެ. އެގޮތުން ކެއުމުގައި ރަނގަޅު އާދަތައް ގެންގުޅުމާއި، ކަސްރަތު ކުރުމާއި ދުވުމަކީ މާޖިދާ ފިޓްނެސް މެއިންޓެއިން ކުރުމަށް ކުރަމުން އައި މުހިއްމު ކަންތައްތަކެވެ.
އަސްލު މާޖި ދެކޭގޮތުގައި މީހަކު ޕްރެކްޓިސް ކޮށްދޭނެކަމަށް ނުވަތަ ޓްރެއިން ކޮށްދޭނެކަމަށް ޕްރެކްޓިސް ނުކޮށް ކަސްރަތު ނުކޮށް ހުންނަންވީއެއް ނޫން، އަމިއްލައަށްވެސް ޕްރެކްޓިސް ކުރަންވީ ގޭގައި ކަސްރަތުތަކާ އެއްޗިސް - މާޖިދާ
ގައުމީޓީމަށް ނެގުނު ފަހުން 2017 ގެ މުބާރާތްތަކަށްފަހު އެކި ސަބަބުތަކާހުރެ ގައުމީ ޓީމާއި ދުރަށް މާޖިދަ ދިޔައެވެ. އެހެން ނަމަވެސް އެ މުއްދަތުގައި މާޖިދާގެ ކުޅުމަކަށް އެއްވެސް ވަރަކަށް ބަދަލެއް ނާދެއެވެ. ނުވަތަ މެދު ނުކެނޑި ކުރެވޭ ޕްރެކްޓިސްތަކެއް ނުލިބުމަކީ ވޮލީގައި ކުރިއަށް ދިއުމަށް މާޖިދާއަށް އޮތް ހުރަހަކަށް ނުވިއެވެ. އެގޮތުން 2018، 2019، އަދި 2020 ވަނަ އަހަރުގެ މުބާރާތްތަކަށް އޭނާ ނިކުތީ އަހަރަކަށް ވުރެ އަހަރެއް މޮޅަށް، އަދި ފިޓްނެސް ކުރިއަށްވުރެވެސް ރަނގަޅުކޮށް ގިނަ ކޯޗުންތަކެއް ސިއްސުވާލައިފައެވެ. އޭނާގެ ލީޑަރޝިޕްގައި އެ މުއްދަތުގައި ގައުމީ މުބާރާތުގައި މާޖިދާ ކުޅުނު ޓީމުތައް ވަނީ ބޮޑެތިކާމިޔާބީތައްވެސް ހޯދައިފައެވެ.
މާޖިދާގެ ވޮލީ ބޯޅަ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔަބީގެ ގޮތުގައި އޭނާ ފާހަގަ ކުރީ، ކުޅިވަރާ ބެހޭ ވުޒާރާއިން ދޭ އަހަރުގެ އެންމެ މޮޅު އަންހެން ވޮލީ ކުޅުންތެރިޔާގެ އެވޯޑު އޭނާއަށް ލިބުމެވެ. އެ އެވޯދު މާޖިދާ ފާހަގަކުރީ، ގިނަ ގޮންޖެހުންތަކާއި ހީވެސް ނުކުރާހާ ބޮޑެތި ހުރަސްތައް ކަޑައްތުކޮށް ކުރެވުނު މަސައްކަތުން ހާސިލްކުރެވުނު އެވޯޑެއްގެ ގޮތުގައެވެ.
އެ އެވޯޑު އަތުގައި ޖެހުނު ވަގުތު ހިތަށް އެރިދެން އާނ އެކޭ ވަރަށް ބުރަ މަސައްކަތުގެ ނަތީޖާއެކޭ މީ، ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވުނު ވަގުތު ކޮޅެއް އެއީ - މާޖިދާ
މީގެ އިތުރުންވެސް މާޖިދާ ވަނީ މިހާރު ނޫހުން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯޑައިފައެވެ. އަދި ހަވީރު އެވޯޑްސްގެވެސް ގިނަ އެވޯޑްތަކެއް މާޖިދާ ވަނީ ހޯދައިފައެވެ. އަދި ގައުމީ ގިނަ މުބާރާތްތަކެއްގެ މޮޅު ކުޅުންތެރިޔާގެ އިތުރުން ގޯލްޑް މެޑަލްއާއި އޭނާ އަތޮޅު ތެރޭގައި ކުޅުނު ގިނަ މުބާރާތްތަކެއްގެ ތަށި ޓީމަށް ހޯދައިދީ އެ މުބާރާތްތަކުގެ މޮޅ ކުޅުންތެރިޔާގެ މަގާމުވެސް މާޖިދާ ވަނީ ހޯދައިފައެވެ.
2019 ވަނަ އަހަރު މާޖިދާ ޒަވާޖީ ހަޔާތެއްފަށައި 2020 ވަނަ އަހަރުގެ ޖޫންގައި އަލަތު ދަރިފުޅު އޭނާއަށް ލިބުނެވެ. އެއާއެކު ކުޅުންތެރިއެއްގެ ހަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު ޗެލެންޖާއި މަޖިދާވެސް ކުރިމަތިލިއެވެ. މަންމައެއްގެ ގޮތުގައި އޭނާގެ ކުޅިވަރު ހަޔާތް ކުރިއަށް ގެންދިއުމެވެ. އެހެން ނަމަވެސް އޭރު އަދި އިތުރު މާބޮޑު ގޮން ޖެހުމަކާ ކުރިމަތިވިއެވެ. އިނތިހާއަށް ބަރުދަން އިތުރުވެ މާޖިދާގެ ކުޅިވަރު ފިޓްނެސް އެއްކޮށް ގެއްލުމެވެ.
މާޖި އަމިއްލައަށްވެސް ހިތަށް އެރި ދެން މި ނިމުނީ ކަންނޭނގެ އޭ ދުވަހަކުވެސް ދެން ހިއެއް ނުވެއޭ ކުޅެނޭހެން، މީހުންވެސް ބުނޭ، މާޖި ވޮލީ ކުޅުނަސް ދެން ކުރިން ކުޅުންހެން ނުކުޅެވޭނޭ، އެވަރަށް މާޖި ހުރީ ފަލަވެފައި - މާޖިދާ
އެހެން ނަމަވެސް ހިތްވަރުގަދަ މާޖިދާގެ ހިތްވަރަށް އިތުރު ހިތްވަރުލައި އަލުން ކުޅިވަރުގެ ބެސްޓް ޝޭޕްއަށް އާދެވޭތޯ އޭނާ މަސައްކަތް ކުރަންފެށިއެވެ. އެހެން ހުއްޓާ އޭނާގެ އަތުގައި ނަސީބު ހިފީ 2021 ވަނަ އަހަރު އެކުލަވާލި އަންހެން ގައުމީ ބީޗް ވޮލީ ޓީމެވެ.
އަބުޅޯ ކޯޗް ގުޅާފަ ބުނީ މިއުޅެނީ އަންހެން ބީޗް ޓީމެއް އަނެއްކާވެސް އެކުލަވާލަންށޭ، އަންނަންވީ ނޫންހޭ، މާޖި ބުނިން މާޖި ވަރަށް ފަލައޭ، ދެން ކޯޗް ބުނީ ބްރެޒިލް ކޯޗެއްވެސް ގެނެސްގެނޭ މިއުޅެނީ، އޭނަގެ ތަމްރީނުތައް ރަންގަޅުވާނޭ، މާޖި ހިއްކާލާނޭ، ހިތްވަރެކޭ ބޭނުންވަނީ
ބްރެޒިލްގެ ކޯޗްގެ ތަމްރީނުތައް މާޖިދާ ފާހަގަ ކުރީ ވަރަށްވެސް ރަނގަޅު އަދި ނަތީޖާ ފެނުން ތަމްރީނުތަކެއްގެ ގޮތުގައެވެ. ދެއިރަށް ކުރި ޕްރެކްޓިސްތަކާއި މާޖިދާގެ ކެއުމަށް ގެނައި ބަދަލުތަކަށްފަހު، މާޖިދާ ވިހެއި ފަހުން ބޭއްވި ފުރަތަމަ ގައުމީ މުބާރާތުގައި ފިޓް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ނިކުމެ އެ މުބާރާތުގެ ޗެމްޕިއަންކަން ވެމްކޯއާއެކު އުފުލާލައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު އަނެއްކާވެސް ހޯދިއެވެ.
މާޖިދާ ފާހަގަ ކުރިގޮތުގައި އަންހެން ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބޭރުގެ ގައމުތަކާއި ހިލާފަށް ރާއްޖޭގެ ލައިފް ސްޓައިލެވެ. ބޭރުގެ ކުޅުންތެރިން ހަމަ އެކަނި ކުޅިވަރާއި ޕްރެކްޓިސްތަކަށް ހުސްވި ނަމަވެސް ރާއްޖޭގައި ވަޒީފާ އަދާކުރަމުން ގޭތެރޭގެ ކުރިހާ ޒިންމާތަކެއް އުފުލަމުން ކުޅެން ޖެހުމަކީ އެންމެ އެކަށީގެންވާ ވަރަށް ކުޅިވަރަށް ވަގުތު ނުދެވޭ ސަބަބެކެވެ.
މީގެ އިތުރުން މާޖިދާ ފާހަގަ ކުރި ގޮތުގައި ބައެއް ކޯޗުންގެ މެދުގައި ކުޅުންތެރިން ތަފާތު ކުރުމަކީ ރާއްޖޭގައި އާންމުކަމެކެވެ. އެގޮތުން އަނިޔާއެއް ލިބުމުން އެ ކުޅުންތެރިއަކު ބާކީކޮށްލުން ކަހަލަ ކަންކަމަކީ ވޮލީބޯޅައިގައިވެސް އާންމު ކަމެއްގެ ގޮތުގައި މާޖިދާ ފާހަގަކުރިއެވެ.
މާޖި އިންޖުރީވެގެން ނުވޭ އެހެނެއް، އެކަމަކު ވަރަށް ގިނަ ކުޅުންތެރިންނަށް އެބަހުރި އެހެން ވެފަ، މާޖި ގަބޫލުކުރަނީ ފުރަތަމަ 6ށް ނޭރި ނަމަވެސް ހުރިހާ ކުޅުންތެރިންވެސް ހަމަ އެއްވަރެއް ވާންޖެހޭނެ ކަމަށް، މުހިއްމު ވާންޖެހޭނީ އެއްވަރަކަށް ކަމަށް - މާޖިދާ
މާޖިދާ ފާހަގަ ކުރިގޮތުގައި ގައުމީ ލެވެލްގައި އޭނާ ބޭނުންވާ ހުރިހާ ކާމިޔާބީއެއް ﷲ ގެ ރަހުމަތްފުޅާއެކު މިހާރު ހާސިލް ކުރެވިއްޖެއެވެ. އަދި ބައިނަލްއަގްވާމީ މުބާރާތްތަކުންވެސް ލޯ މެޑައްޔަކާއި ރިހި މެޑައްޔެއްވެސް އޭނާއަށް ހާސިލްކުރެވިއްޖެއެވެ. ވުމާއެކު މާޖިދާގެ މިހާރުގެ އެންމެ ބޮޑު އުންމީދަކީ ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެއަށް ރަން މެޑައްޔެއް ހޯދުމެވެ. އަދި މޮޅު ކުޅުންތެރިއެއްގެގޮތުގައި އަދިވެސް ގިނަ އަހަރުތަކެއް ވަންދެން ކުޅުމެވެ.
ކުޅިވަރަކީ ގޮންޖެހުންތަކާއި ފުރައްސާރަ ގިނަ ދާއިރާއެއްގޮތުގައި ފާހަގަ ކުރަމުން މާޖިދާ ބުނީ، އޭނާއަށް ކުރިމަތިވާ ކަންކަމާއި ކުރިމަތިލަނީ ވަރަށްވެސް ކެރިގެން ކަމުގައެވެ. އެގޮތުން މީހަކު މާޖިދާއަށް ނިސްބަތްކޮށް ބުނާ ބަހަކަށް ނުވަތަ ދައްކާ ވާހަކައަކަށް އޭނާ ނުސިހޭ ކަމަށާއި، އަބަދުވެސް ދެމެހެއްޓެނިފި ފާޑުކިޔުންތައް މާޖިދާ ބަލައިގަންނަ ނަމަވެސް ބޭކާރު ވާހަކަތަކާއި ކަންކަމަށް އޭނާ ސަމާލުކަމެއް ނުދޭ ކަމަށެވެ. އަދި ކޯޓުގައިވެސް ކޯޓުން ބޭރުގައިވެސް އެކަންކަމާއި ވިސްނައި ނުހަދާ ކަމުގައި މާޖިދާ ބުންޏެވެ.
ވޮލީ ކުޅުމަށް ޝައުގުވެރިވާ އަދި ވޮލީއަށް އަލަށް ނިކުންން ކުދިން ގިނަކަން ފާހަގަ ކުރަމުން މާޖިދާގެ ނަސޭހަތަކީ ވޮލީގައި މިހާރަކަށް އައިސް ފުރުސަތުތައް މަދު ނަމަވެސް ފަހަރަށް ނުޖެހި އަމިއްލައަސް ކުރިއަށް ދިއުމަށް އިސްކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގައެވެ. އެގޮތުން ހިތްވަރާއެކު މަސައްކަތްކޮށްފި ނަމަ ކާމިޔާބު ނުވެ ނުދިއުމަކީ ނާދިރުކަމެއް ކަން ފާހަގަކުރަމުން މާޖިދާ ބުނީ ދިވެހި އަންހެން ވޮލީ ބޯޅައަށް މަދުވަނީ މޮޅުވެ ކުރިއަށް ދިއުމުގެ ހިތްވަރު ހުރި ކެރޭ ކުދިން ކަމަށެވެ. އެކަން ރަނގަޅުކޮށް ކުރިމަތިލައިފިނަމަ އެއީ ކާމިޔާބުވުން ދުރު ހުވަފެނެއް ނޫންކަމުގައިވެސް މާޖިދާ ފާހަގަކުރިއެވެ.
މާޖިދާ ފާހަގަކުރި ގޮތުގައި މިއަދު ދިވެހި ވޮލީބޯޅައަށް ފެންނަ މާޖިދާ މާޖިދާއަކަށް ވުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ ދައުރު ބޮޑެވެ. ހާއްސަކޮށް މާޖިދާއަށް ކޯޗުކަން ކޮށްދިން ހުރިހާ ކޯޗުންގެވެސް ދައުރު އެކަމުގައި ބޮޑުކަން ފާހަގަކުރި ނަމަވެސް ވަކިން ހާއްސަކޮށް ޖައްލަ ކޯޗު މާޖިދާ ފާހަގަ ކުރިއެވެ.
ތެދުތެދަށް ބުންނަންޏާ، ޖައްލަ ކޯޗަކީ މާޖި މާޖިއަށް ހަދައިދިން ކޯޗު - މާޖިދާ
ދެން މާޖިދާގެ އާއިލާއާއި ހާއްސަކޮށް ދަރިއަކު ލިބުން ފަހުން ދަރުފުޅުގެ ބައްޕައާއި އާއިލާ މީހުންގެ އެއްބާރުލުން މާޖިދާ ފާހަގަ ކުރިއެވެ. ހާއްސަކޮށް ވިހައިގެން ވޮލީއަށް އެނބުރި އައުމަށް އޭނާ ކުރި ބުރަ މަސައްކަތުގައި އަމިއްލަ އާއިލާއާއި ދަރުފުޅުގެ ބައްޕަ ފަރާތު އާއިލާ މީހުންގެ އެއްބާރުލުން ނުލިބުންނަމަ އޭނާއަށް ވޮލީއަށް އެނބުރި އާދެވުމަކީ ނާދިރުކަމަކަށް ވީސްކަމުގައި މާޖިދާ ފާހަގަ ކުރިއެވެ.
ދެންވެސް މާޖިދާގެ ކާމިޔާބު ދަތުރުގައި އެހީތެރިވި އެންމެހައި ފަރާތްތަކަށް އޭނާ ފަށްފަށުން ޝުކުރު އަދާކުރެއެވެ.

11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-692bcfbb.jpeg)
2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން