-8402fff9.png)

ޢާލިމް އަބްދުއްލަތީފް

ގައުމީ ވޮލީ ޓީމުގެ ކުޅުންތެރިޔާ މައިހާ އަލީ --
މީގެ ފަސް ވަރަކަށް އަހަރު ކުރިން، މައިހާ އަލީއަކީ މާ ގިނަ ބަޔަކަށް އެނގޭ ނަމެއް ނޫނެވެ. އޭނާއަކީ އުފަން ރަށް، ރ. އަލިފުށީގައި ހިތްފަސޭހަ ދިރިއުޅުމެއް އުޅެމުންދިޔަ ފުރާވަރުގެ ކުއްޖެކެވެ. އޭރު، އޭނާއަކީ ގައުމީ ވޮލީ ޓީމުގެ ގައުމީ ޖޯޒީ ލާނެ ކުޅުންތެރިއެއްކަން މައިހާ ވެސް ގަބޫލެއް ނުކުރެއެވެ. އެފަދަ އުންމީދެއް ވެސް ނުކުރެއެވެ.
ވޮލީ ކުޅުމަކީ މައިހާގެ ކުޑައިރުގެ ހަނދާނެއް ނޫނެވެ. އޭނާ ވޮލީ ބޯޅައިގެ ތެރެއަށް ވަނީ ގުރޭޑު ހަތަކާ ހިސާބުންނެވެ. އެކަމަކު، އޭރު ވެސް އެެއީ މާ ސީރިއަސްކޮށް އޭނާ ކުރި ކަމެއް ނޫނެވެ. ހަވީރު ގަޑީގައި ރައްޓެހިންނާއެކު ހިތްހަމަޖައްސައިލައި، ފޫހި ފިލުވައިލުމަށް ޓަކައި މައިހާ ފެށި ކަމެކެވެ.
"އޭރުގައި އެއްވެސް ވަރަކަށް އެސްކްޕެކްޓެއް ނުކުރަން މި ލެވެލްއަށް އަންނާނެއެކޭ. ނުވެސް ވިސްނަން މި ކަހަލަ ޗާންސެއް ލިބޭނެއެކޭ. ދެން ހަމަ ހިތްހަމަ ޖައްސާލަން ކުޅުނީ. އޭރަކު ނުވިސްނަން މި ލެވެލްގައި ކުޅެން ފުރުސަތު ލިބޭނޭ،" މައިހާ ބުންޏެވެ.
އޭރު އިންޓަ ސްކޫލް މުބާރާތްތަކުގައި މާ ގިނައިން އަތޮޅުތެރެއިން ބައިވެރިއެއް ނުވެއެވެ. އެހެންވެ، އޭނާއަށް އޭނާގެ ހުނަރު ދައްކައިލާނެ ފުރުސަތެއް ހުރީ ނުލިބިފައެވެ. ކުޅުމުގެ ފުރުސަތު ލިބެނީ އިންޓަ ހައުސް މުބާރާތްތަކުގައި އެކަންޏެވެ.
އޭގެ އިތުރުން، އެ ރަށުގައި ބޭއްވި އެހެން މުބާރާތެއްގެ ހަނދާން ވެސް މައިހާ އާ ކުރިއެވެ. 2019ވަނަ އަހަރު ބޭއްްވި އެ މުބާރާތުގައި މައިހާއަށް ބެސްޓް ލިބަރޯގެ މަގާމު ލިބުނެވެ. މައިހާ ފެށުނީއްސުރެ ވެސް ކުޅެމުން އައީ ލިބަރޯގެ ޕޮޒިޝަނަށެވެ.
"އިސްކޮޅުން ކުރުވީމަ އަސްލު ލިބަރޯއަކަށް ކުޅެނީ،" ލިބަރޯއަކަށް ކުޅެން ފެށީ ކީއްވެތޯ އެހުމުން ހެމުންހެމުން މައިހާ ބުނީ މިހެންނެވެ.
އެހެން ނޫނަސް، އޭނާއަށް ޑިފެންސްއާއި ރިސީވިންގެ ހުނަރު ވެސް މައިހާގެ ކިބައިގައި ހުރުމުންނެވެ.
މައިހާގެ އޯލެވެލް ނިމުނީ ކޮވިޑުގެ އެންމެ ދަތި ދުވަސްވަރުގައި 2021ވަނަ އަހަރުއެވެ. އޯލެވެލް ނިންމުމަށްފަހު އަނބުރާ މާލެއަށް އައިސް، ވޮލީގެ ތެރެއަށް ވަންނާކަށް ހަގީގަތުގައި މައިހާގެ ވިސްނުމެއް ނެތެެވެ. އެހެން ނަމަވެސް، މައިހާއަށް ވޮލީއާ ފެއަށް ނުޖެހެވުނީ އޭނާގެ ދެބެންގެ ދެދަރި ބޭބެ، އަހްމަދު މުޒްލިފްގެ ސަބަބުންނެވެ.
ނަސީބު ކަން ދިމާކުރި ގޮތުން، އެ ދުވަސްވަރަކީ ވޮލީބޯލް ޔޫތު ނިއު ޖެނެރޭޝަންގެ ކޯޗު ސޮފްވާން އަހްމަދު ލިބަރޯއެއް ބޭނުންވެފައި ހުރި ދުވަސްވަރެކެވެ. އެހެންވެ، ސޮފްވާނަށް މައިހާ ތައާރަފްކޮށްދިން މީހަކީ މުޒްލިފެވެ. މައިހާ ސިފަކުރާ ގޮތުންނަމަ، ވޮލީގެ ކާމިޔާބީގެ ތެރެއަށް ދެމިގަތުމަށް އޭނާއަށް ދޮރު ހުޅުވައިދިން މީހަކީ މުޒްލިފެވެ.
"ބޭބެ [މުޒްލިފް] އިންޓްރޮޑިއުސް ކޮށްދިނީ ކޯޗަށް މިއީ ކުޅޭ ކުއްޖެކޭ. ލިބަރޯއެއް ގޮތަށް ޕްރޮފެޝަނަލީ ކުޅޭކަށް ނުވެސް ފަށާނެ އޭރު. އެކަމަކު އެ ޕޮޓެންޝަލް ހުރީތީ ކޯޗަށް އިންޓްރޮޑިއުސް ކޮށްދިނީމަ ކޯޗު މީހަކަށް ހަދައިދިނީ ޓްރެއިނިންސް ރަންކޮށްގެން،" މައިހާ ކިޔައިދިނެވެ.
އެ ހިސާބުން ވޮލީބޯޅައަށް މައިހާގެ ހިތުގައި އުންމީދުގެ ވިންދެއް ޖަހަން ފެށިއެވެ. މީގެ ކުރިން، ވޮލީބޯޅައަށް މާ ބޮޑު ހުވަފެންތަކެއް އޭނާ ދެކިފައި ނެތް ނަމަވެސް، ކޯޗުގެ އެއްބާރުލުމާއެކު އޭނާއަށް ލިބުނު ހިތްވަރުން ބޮޑެތި ހުވަފެންތަކެއް ހިތުގައި އުފަންވާން ފެށިއެވެ.
އައުޓްޑޯ ކޯޓެއްގައި ކުޅެފައި އިންޑޯ ކޯޓަށް ބަދަލުވުމުން އެ ކަމުގެ ގޮންޖެހުމާާ ކުރިމަތިވި ނަމަވެސް، އެންމެ ރެޔެެއް ވެސް ވައްޓައިނުލައި މައިހާ ދިޔައީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެއަށްފަހު، މާލޭގައި އޭނާ ކުޅުނު ފުރަތަމަ މުބާރާތަކީ 2022ވަނަ އަހަރުގެ އެސޯސިއޭޝަން ކަޕެވެ.
މައިހާ ހުރީ އެ މުބާރާތަށް ނުކުތް އިރު ވެސް ކޮންމެވެސް ވަރަކަށް ޖެހިލުން ވެފައެވެ. ފުލްކޮށް އޭނާ ކުޅޭކަށް ނުވެސް އަރައެވެ. އެހެން ނަމަވެސް، މަޑުމަޑުން އޭނާގެ ކޮންފިޑެންސް ބިލްޑުވެ، އިންޑޯ ކޯޓަށް ވެސް މިހާރު މައިހާއަކީ ފައްކާވެފައިވާ ކުޅުންތެރިއެކެވެ.
ހަމަ އެ އަހަރު، ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ވޮލީބޯޅަ މުބާރާތުގައި އޭނާގެ ފެކަލްޓީ، ސެންޓާ ފޯ ފައުންޑޭޝަން ސްޓަޑީޒްގެ ޓީމަށް މައިހާ ކުޅުނެވެ. އެ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައި އެ މުބާރާތުގައި ވެސް ގަދަ ކުޅުމެއް ދެއްކިއެވެ.
މައިހާގެ ވޮލީގެ ދުނިޔޭގައި އޭނާގެ އިންސްޕިރޭޝަނަކީ ބޭބެ، މުޒްލިފެވެ. އޭނާގެ ކާމިޔާބުގެ ބޮޑު ހިއްސާދާރެއްގެ ގޮތުގައި މުޒްލިފްގެ ނަން އަބަދުވެސް އަންނާނެއެވެ.
"އަސްލު ބުނަންޏާ ބޭބެ އެ ހިތްވަރު ނުދިންނަމަ ނުދާނެ މި ލެވެލްއަކަށް. ބޭބެ ކޯޗަށް އިންޓްރޮޑިއުސް ކޮށްދިނީ ވެސް. ކޮށްނުދިންނަމަ ކޯޗަކަށް ވެސް ނޭނގޭނެ. އެހެންވީމަ އިންސްޕިރޭޝަނަކަށް ވާނީ މުޒްލިފް،" މައިހާ ބުންޏެވެ.
މައިހާގެ މޮޅު ކުޅުން، 2022ވަނަ އަަހަރުގެ އެސޯސިއޭޝަން ކަޕް ބަލަންދިޔަ ބެލުންތެރިންނަށް ވެސް ފެނުނެވެ. އެކަމަކު، އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ހައިރާންވި ހަމައެކަނި ބަޔަކީ ބެލުންތެރިންނެއް ނޫނެވެ. ގައުމީ ވޮލީ ޓީމުގެ ކޯޗުން ވެސް މައިހާގެ ކުޅުމަށް ހިތްދޫވެ، މައިހާއަށް ގައުމީ ޓީމުން ފުރުސަތު ދިނެވެ.
އެއީ އޭނާގެ ކެރިއަރުގެ މުހިންމު ހިސާބެކެވެ. ގައުމީ ޖޯޒީ ލާނެ ދުވަހެއް އަތުވެދާނެކަމަށް ކުރިން އުންމީދުކޮށްފައި ނެތަސް، ގައުމީ ޓީމަށް ހޮވުންކަމުގެ ޚަބަރަކީ އޭނާގެ މުޅި ދުނިޔެ އުޖާލާވި ޚަބަރެކެވެ. އެކަމަކު، ދެން ފެށުނީ މާ ބުރަ މަސައްކަތެކެވެ.
ގައުމީ ޓީމުގެ ސްކޮޑުގައި ހިފަހައްޓައިލަން މައިހާ ބޭނުންވިއެވެ. ފެށުނީ ވަރަށް ވަރުގަދަ ފަރިތަކުރުންތަކެކެވެ. ދުވާލަކު ދެ އިރަށް، ފަރިތަކުރުންތައް އޮވެއެވެ. ޓްރެކަށް ދުވަން ގޮސް، ޖިމް ޖައްސަން ޖެހެއެވެ.
މައިހާގެ އެ ގަދަ ހިތްވަރާއި، ބުރަ މަސައްކަތާއެކު މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ނޭޕާލްގެ ވެރިރަށް، ކަތަމަންޑޫގައި އޮތް ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުސަތު ލިބުނެވެ.
"ގަބޫލުކުރަން އުނދަގޫ ވެފައި ހުރީ އިންޓަނޭޝަނަލް މުބާރާތެއް ކުޅެން ރާއްޖެ ތަމްސީލުކުރަން ރާއްޖޭން ބޭރަށް ދެވޭތީ. އެކަމަކު، ވަރަށް ޕްރައުޑް، ވަރަށް އުފާވެފައި ހުރީ. އަމިއްލައަށް ކުރި މަސައްކަތުގެ ނަތީޖާއޭ މި ފެންނަނީ ހިތަށް އެރީ
ނޭޕާލްގައި އޮންނަ ކާވާ ސެންޓްރަލް ޒޯން މުބާރާތް،" މައިހާ ކިޔައިދިނެވެ.
ހަމަ އެ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް ވެސް ރާއްޖެ ތަމްސީލުކުރަން މައިހާ ދިޔައެވެ. މުބާރާތުގެ ޗެމްޕިއަންކަން ނުލިބުނަސް، މައިހާ ފާހަގަކުރާ ގޮތުގައި އެއީ ވެސް ރަނގަޅު ތަޖުރިބާއެކެވެ.
މައިހާގެ މިހާރުގެ އުންމީދުތައް ގުޅިފައިވަނީީ ވޮލީ ބޯޯޅައާއެވެ. އޭނާގެ ހުވަފެނަކީ ގައުމީ ވޮލީޓީމާއެކު ގައުމަށް ރީތި ނަމެއް ހޯދައިދިނުމެވެ. ބައިނަލްއަގުވާމީ މުބާރާތެއްގައި މެޑައްޔެއް ހޯދައި، ގައުމު ހެއްވައިލަދިނުނެވެ.
މިހާރު އުމުރުން، 20 އަހަރުގެ މައިހާގެ ދިރިއުޅުމުގައި މިހާރު ވޮލީބޯޅައަކީ މުހިންމު ބޮޅެކެވެ. ވޮލީގެ ތެރެއިން އެތައް ބަޔަކަށް އޭނާގެ ނަން އެނގިއްޖެއެވެ. އޭނާގެ ނަން ވިދަން ފަށައިފިއެވެ. އެ ވިދުމާއެކު، މައިހާ ހުރީ ދުވަހަކުވެސް މި ކަން ދޫކޮށްލާނެ ހިޔާލެއްގައެއް ނޫނެވެ.
"ވަރަށް ކުރާ ހިތުން ކުރާ ކަމެއް ވޮލީ ކުޅުމަކީ. ދުވަހަކު ވެސް ހުއްޓައެއް ނުލާނަން،" މައިހާ ބުނެލިއެވެ.
މި ކަމުގައި އޭނާގެ މައިންބަފައިންނާއި މުޅި އާއިލާއަށް ވެސް މައިހާގެ އޮތީ ހިފެހެއްޓުމެއް ނެތް ޝުކުރެވެ. އަދި މުޒްލިފްއާއި ސޮފްވާންގެ އެހީތެރިކަމަށް އަބަދުވެސް މައިހާ ޝުކުރުވެރިވާނެއެވެ. އަދި އޭނާގެ ހުރިހާ ޓީމް މޭޓުން ވެސް މި ޝުކުރުގައި މައިހާ ހިމެނިއެވެ.
ގިނަ ބަޔަކަށް، މައިހާ ވޮލީ ކުޅުންތެރިއެއްގެ ގޮތުގައި އެނގުނަސް އޭނާއަކީ ކިޔެވުމުގައި ވެސް ޗެމްޕިއަނެކެވެ. އޯލެވެލްގައި މައިހާ ހަތަރު އޭ ސްޓާ އާއި ހަތަރު އޭ ހޯދައިގެން ރާއްޖޭގެ ގައުމީ ގަދަ ދިހައިގެ ފަސް ވަނައިގައި ހިމެނުނެވެ.
މަޖަލަށް މައިހާއަށް ފެށުނު ވޮލީ ބޯޅައިގެ ދަތުރުގައި މިހާރު އޭނާއަށް މި ވަނީ ވަރަށް ދުރަށް އާދެވިފައެވެ. މައިހާ ހުރީ ހުއްޓައިލާ ގޮތަކަށް ނޫނެވެ. ވޮލީގެ ދުނިޔޭގައި އޭނާގެ ނަން އަދިވެސް ގުގުމާނެއެވެ.

11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން
2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން
-692bcfbb.jpeg)
2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން