-8402fff9.png)
ޔޫޝައު ހަސަން
-692bcfbb.jpeg)
ޢިޝާން މުހައްމަދު ނުވަތަ މަޝްހޫރު ނަމުން ނަމަ ބަޓިސް އޭ ބުނުމުން ވޮލީ ކުޅޭ، ވޮލީ ބަލާ، ނުވަތަ ވޮލީ އެއްވެސް މިންވަރަކަށް ދަންނަ މީހަކަށް އެއީ ކާކުކަން ނޭނގިއެއް ނުދާނެއެވެ. އުމުރުން މިހާރު 37 އަހަރުގެ އިޝާން ވޮލީ ކުޅެން އެންމެ ފުރަތަމަ ފެށީ އޭނާގެ އުފަން ރަށް، ވ ތިނަދޫގައި ސްކޫލު ދައުރު ކިޔަވަން އުޅުނު ދުވަސްވަރުއެވެ.
ރުށްގަނޑުގައި ކޯޓުތައް އަޅައިގެން އެއް ފުރައިގެ ކުދިންނާއެކު ވޮލީ ކުޅެންފެށި އިޝާންގެ ރަށް، ތިނަދޫއަކީ ރާއްޖޭގެ އެންމެ މަޝްހޫރު ވޮލީ ކުޅުންތެރިން އުފެދުނު އެއް ރަށެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ މިހާރު މަޝްހޫރު ވޮލީ ކޯޗު އަދި ކުރީގެ އެއް ނަމްބަރު ވޮލީ ކުޅުންތެރިޔާ ނިޒާރުއެވެ.
އޭރު ރަށުގެ ހަރު ފުރައިގެ މީހުންނާއެކު ހަވީރުވެސް ކުޅެން ދެއެވެ. އެހެންނަމަވެސް ވޮލީއަށް އައުވުމާއި އޭގެ އިތުރުން އުމުރުން ހަގުވުމުގެ ސަބަބުން ކުޅެލަން ލިބެނީ ކޮންމެ ދުވަހަކުވެސް ސެޓެއް ވަރެވެ. ދެން ބާކީ ސެޓުތައް ބޯޅަ ހޮވައިދޭން ހުންނީއެވެ.
ރަށުގައި މިގޮތަށް ވޮލީ ކުޅެމުން އައިސް ވޮލީ ބޯޅައިގައި އިޝާންގެ އެންމެ ފުރަތަމަ ފެނިލުމުގައި އޭނާގެ އަތުގައި ހިފީ އޭރުގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ ނިޒާރުއެވެ. ރަށުގައި ރޯދަމަހު އޮތް ވޮލީ މުބާރާތެއްގައި ޓީމެއް ބައިވެރިކޮށް ނިޒާރުއާއެކު އެ ޓީމުގެ ސެޓަރަކަށް ކުޅުމުގެ ފުރުސަތު އޭނާ ބަޓިސްއަށް ދިނެވެ. އޭރު ބަޓިސްގެ އުމުރަކީ ގާތްގަނޑަކަށް 12 ނުވަތަ 13 އަހަރެވެ.
" ނިޒާރު އައިސް ބުނީ މިއުޅެނީ ޓީމެއް ހަދާށޭ، އަންޑަ ހޭންޑުން ސެޓިން ހަދާލެވޭނެހޭ؟ އަހަރެން ބުނިން އާނއެކޭ ވާނެޔޭ " – ބަޓިސްގެ ފުރަތަމަ ވޮލީ މުބާރާތުގެ ތަޖުރިބާ އޭނާ ހިއްސާ ކުރިއެވެ.
ރަށު ސްކޫލުން ކިޔެވުމަށްފަހު 2000 ވަނަ އަހަރުގެ ކުރީކޮޅު މާލެ ބަދަލުވެ އަހްމަދިއްޔާ ސްކޫލުގައި ކިޔަވަން ފެށިއެވެ. އަދި އެދުވަސްވަރު ސްކޫލުގައި ހިންގި އިންޓަރ ހައުސް މުބާރާތްތަކުގައްޔާއި އިންޓަރ ސްކޫލް މުބާރާތްތަކުގައި ސްކޫލުޓީމަށް ކުޅުމުގެ ފުރުސަތުވެސް އޭނާއަށް ލިބުނެވެ.
ހަމަ އެދުވަސްވަރު ވޮލީބޯޅަ އެސޯސިއޭޝަންގެ ފަރާތުން މާލޭގައި ވައިޑީޕީ ޕްރޮގްރާމްތަކެއް ހިންގުނެވެ. ބަޓިސްއާއެކު ރަށުން ވޮލީގެ ތެރޭގައި އުޅުނު ޒުވާން ކުޅުންތެރިންވެސް އެ ޕްރޮގްރާމްގެ ތެރެއިން އޭރު އައީ ތަމްރީނުވަމުންނެވެ. އެހެން ނަމަވެސް އުމުރުން ހަގުވުމުގެ ސަބަބުން ބަޓިސްއަށް އެ ތަމްރީނުތަކުގައި އޭރު ބައިވެރިވެވޭގޮތެއް ފުރަތަމަ ނުވިއެވެ.
" ދެ ހަފްތާވަންދެން ފުރަތަމަ ދިޔައީ ޕްރެކްޓިސްތައް ބަލާލަން، ގޮސް ބަލަން ބޭރުގައި ހުންނަނީ، ދެން އެއްކޮށް ކުޅުނު ކުދިން އެތާ އުޅޭ، އެހެންވެ ސަތޯ ކޯޗް ކައިރި ބުނީ ޖޮއިން ކޮށްލަންހޭ ޕްރެކްޓިސްއަށް، ކޯޗް ބުނި އޯކޭއޭ، ޖޮއިންކޮށްލާށޭ - ބަޓިސް
23 އަހަރުން ދަށުގެ ގައުމީ ޕްރެކްޓިސްގައި ސަތޯ ކޯޗާއެކު ދުވަސްކޮޅަކު ބަޓިސް ފަރިތަކުރިއެވެ. އެއަށްފަހު ދެން އެޓީމުގެ ފަރިތަކުރުންތަކާ ހަވާލުވީ ޖަޕާނުގެ ކޯޗް ހަރޫއެވެ.
ހަރޫގެ ބެލުމުގެ ދަށުން ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައިސް ފަހުން ޝަރަފްގެ ބެލުމުގެ ދަށުން ފަރިތަކުރުންތައް ގެންދަން ފެށުމާއެކު ބަޓިސްއަށް ވޮލީގައި ގިނަ ފުރުސަތުތައް ލިބެން ފެށިއެވެ.
ޝަރަފް ކޯޗް ޓީމާ ހަވާލުވި ފަހުން ކޯޗް ވަރަށް ގިނަ ފުރުސަތުތައް ހޯދައިދިން، ދެން އެ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަސްލު ވޮލީގައި ކުރިއަށްދާން މަސައްކަތް ކުރީ - ބަޓިސް
ބަޓިސް އަށް ސީނިއާ ގައުމީ ޓީމުން އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 23 އަހަރުން ދަށުގެ ހަތަރު ކުޅުންތެރިއަކަށް ކޮންމެ އަހަރަކު ދޭން ފެށި ފުރުސަތެއްގެ ތެރެއިންނެވެ. ދެ އަހަރެއް ވަންދެން ޖޫނިއާ ކުޅުންތެރިން ނެގި ކޮންމެ ފަހަރަކުވެސް ސީނިއާ ޓީމާއެކު ފަރިތަކުރުމުގެ ފުރުސަތު ބަޓިސްއަށް ލިބުނެވެ.
އެގޮތަށް ފަރިތަކުރަމުން ދަނިކޮށް އޭރުގެ ސީނިއާ ޓީމުގެ ސެޓަރެއްގެ ގޮތުގައި ކުޅެމުން އައި ރަނޭޝްއަށް ޕްރެކްޓިސްގެ ތެރެއިން ލިބުނު އަނިޔާއެއްގެ ސަބަބުން މުބާރާތައް ދެވޭގޮތް ނުވުމުން އެ ފުރުސަތު ބަޓިސްއަށް ލިބުނެވެ. އޭރު ސީނިއާ ޓީމުގެ އެއްވަނަ ސެޓަރަކަށް ކުޅެމުން އައީ ޕޮލިސް ހަމިއްޓެއެވެ. އެއީ 2004 ވަނަ އަހަރުއެވެ. އެހާ ހިސާބުން ގައުމީ ޖަރސީގައި ބަޓިސްގެ ދަތުރު ފެށިގެން ދިޔައެވެ.
އެންމެ ކުޑައިރުން ފެށިގެން ވެސް ބަޓިސް ފުޓުބޯޅައިގައި އަބަދުވެސް ސަޕޯޓު ކުރަމުން އައީ އާޖެންޓީނާއަށެވެ. އަދި ފުޓުބޯޅައިގެ ދުނިޔޭގައި މިހާރު ރަސްކަން ކުރަމުން އަންނަ ލިއޯނަލް މެސީގެ ކުރިން ބަޓިސް ސަޕޯޓު ކުރީ އަޖެންޓީނާގެ ތަރި ބަޓީސް ޓޫޓާއަށެވެ.
އެގޮތުން 2000 ވަނަ އަހަރު އަހްމަދިއްޔާ ސްކޫލުގެ އިންޓަރ ހައުސް ވޮލީ މުބާރަތަށް ފުރަތަމަ ފަރިތަކުރުން އޮތް ދުވަހު އެ ޕްރެކްޓިސްއަށް އޭނާ ދިޔައީ ބަޓިސް ޓޫޓާގެ ޖޯޒީއެއް ލައިގެންނެވެ.
" އޭރު މަންމަމެން ގަނެދީފައިވެސް ހުރޭ ބަޓިސް ޓޫޓާ ޖަހައިފައި ހުރި ޖޯޒީ، އެދުވަހު ފުރަތަމަ ޕްރެކްޓިސްއަށް ދެވުނީ އޭގެން ޖޯޒީއެއް ލައިގެން، ދެން ފުރަތަމަ ދާ ދުވަހު ދެން ހަމަ ހުންނާނީއެއްނު، އެހެން ހުރީމަ ކުދިން ގޮވަންވެގެން ގޮވަނީ ބަޓިސް، ބަޓިސް ޓޫޓާ، އެހެން ކިޔާފައި ، އެގޮތަށް ގޮސް ބަޓިސް އެ ނަން ހަރުލީ - ބަޓިސް
މިއަދު ދިވެހި ވޮލީބޯޅައަށް ފެންނަ ބަޓިސްގެ ގޮތުގައި މޮޅު ކުޅުންތެރިއަކަށްވުމަށްޓަކައި އެންމެ ފުރަތަމަވެސް ކުޅެން ފެށީއްސުރެ ޝައުގުވެރިކަމާއެކު ދަސްކުރާ ހިތުން ކުޅެންދާކަމުގައި ބަޓިސް ބުންޏެވެ. އަދި އަބަދުވެސް ކޯޗުންގެ އިރުޝާދުތައް އަޑުއަހައި، ދަސްކުރަންޖެހޭ މީހެއްގެ ގޮތުގައ އަމިއްލައަށް ދެކިގެން ޕްރެކްޓިސް ކުރީ ކަމުގައި ބަޓިސް ބުންޏެވެ. އަދި ބަޓިސްއަކީ މޮޅު މީހެއްކަން އެހެން މީހުން ބަލައިގަންނަވަރަށް މޮޅުވާން މަސައްކަތް ކުރާ ކަމުގައި ބަޓިސް ބުންޏެވެ.
" ދުވަހަކުވެސް ބަލިވެގެން ތަނަކަށް ތަދުވެގެން ޕްރެކްޓިސްއަށް ނައިސް ނުހުންނަން، ނުކުޅެވުނަސް ޕްރެކްޓިސް ކުރާ ތަނަށް ދަން ، ގޮސް އެދުވަހެއްގަ ޖައްސާ ޑްރިލްތައް ބަލައި ނަގައިގަނެގެން ދެން އާދެވޭ ދުވަހަކަށް ތައްޔާރުވަނީ" - ބަޓިސް އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ކިޔައިދިނެވެ.
މޮޅު މީހަކަށް ވުމަށް ބަޓިސް ވަކި ހާއްސަ ކުޅުންތެރިއެއްގެ ކުޅުން ބަލައި އެ މީހުންގެ ވައްޓަފާޅިތައް ނުބަލައެވެ. އޭގެ ބަދަލު އޭނާގެ ވޮލި ކެރިއަރުގައި އެންމެ ޚާއްސަ ދައުރެއް އަދާކުރާ ޝަރަފް ކޯޗްގެ ދެމަފިރިން ގެ އިރުޝާދުތަކާއި ނަސޭހަތްތައް އަޑުއަހަގެން އެގޮތުގައި އަހްލާގް ރަނގަޅު މޮޅު މީހަކަށް ވުމަށް ފަސް އަހަރުވަންދެން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ބަޓިސް މަސައްކަތް ކުރިއެވެ.
" އަދިވެސް ނޭނގެ ކީއްވެ ކަމެއް، އެކަމަކު ޝަރަފް ކޯޗްގެ ދެމަފިރިން އަބަދުވެސް ވަރަށް ގާތްކޮށްގެން ގެޔަށް ގެންގޮސްގެން، ނަސޭހަތްދީ ވަރަށް އަޅާލައިގެން ގެންގުޅުނީ، އެހެންވެ ދެން އެ ދެމީހުން ބުނާގޮތް ހަދައިގެން އެ ކަހަލަ މީހަކަށް ވުމަށް މަސައްކަތް ކުރީ"
ވޮލީ ކުޅޭ އެންމެ ގިނަ ބައެއްގެ ސުވާލަކަށް ވާނީ ބަޓިސް ވޮލީބޯޅައިން އެހާ އަވަހަށް ރިޓަޔާ ކުރި ސަބަބެވެ. މާގިނަ ބަޔަކަށް އަސްލު ސަބަބު ނޭނގޭ މި ސުވާލުގެ ޖަވާބުވެސް ބަޓިސް ނުކުތާއާއި ހިއްސާ ކުރިއެވެ. އެގޮތުން އޭރު އާއިލީ ސަބަބަކަށްޓަކައި ބަޓިސް ވޮލީއާއި ދުރުވިއެއް ކަމަކު އެއީ އޭނާއަށް އެހާ ފަސޭހަ އަދި މުހިއްމު ނިންމުމަކަށް ނުވިއެވެ. އެހެނަސް ވަގުތާއި ހާލަތު ތަންދިން ގޮތުން ހިތާ ދެކޮޅަށް ނަމަވެސް 14 އަހަރަށް ފަހު 2017 ވަނަ އަހަރު ވޮލީއާއި އެއްފަރާތްވެލީ އެނބުރި އައުމުގެ އުއްމީދު ހިތުގެ އެއް ކަނެއްގައި ފޮރުވާލަމުންނެވެ.
" އަސްލު އެއްވެސް އިރެއްގަ ވޮލީއާ އެއްކޮށް ދުރުވާކަށް ނޫން ހުރީ، އެކަމު ދެން ކުރި މަސައްކަތުގެ ގޮތުން އެކަން ކޮށްފައި ވޮލީއަށް ވަގުތު ދެވެން ނޯންނަނީ، އެހެންވެ ދުރުގަ ހުރީ، - ބަޓިސް
އެހެން ނަމަވެސް ކުރަމުން އައި މަސައްކަތް ހަމައަކަށްއެޅި ބަޓިސްއަށް ވަގުތު ލިބެން ފެށުމާއެކު 6 އަހަރުގެ މެދު ކެނޑުމަކަށްފަހު ގައުމީ ގޮވުމަށް އިޖާބަދީ 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަންސް އައިލެންޑްސް ގޭމްސްއާއި ހަމައިން ގައުމީ ވާޖިބުއަދާކުރުމަށް ގައުމީ ޖޯޒީގައި ބަޓިސް ގައުމީ ޓީމާއި ގުޅުނެވެ. އަދި އެހިސާބުން ފެށިގެން މިއަދުވެސް ހުރީ ލިބޭ ކޮންމެ ފުރުސަތެއްގައި އަދި އޭނައަށް އެދި ގައުމު ގޮވާލާ ކޮންމެ ގޮވާލުމެއްގައި ގައުމީ ޓީމަށް ބަޓިސްގެ ފުރިހަމަ އެއްބާރުލުން ދިނުމުގެ އަޒުމުގައެވެ.
ބަޓިސްގެ ވޮލީގެ ހަޔާތުގައި އެންމެ ބޮޑު ކާމިޔާބީއަކީ 2015 ވަނަ އަހަރު އޮތް ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއަށް ހޯދައިދެވުނު ރިހި މެޑައްޔެވެ.ބަޓިސްގެ ކެޕްޓަންކަމުގައި ގައުމީ ޓީމަށް ލިބުނު އެ މެޑެލް ބަޓިސް ފާހަގަ ކުރަނީ ރާއްޖެއަށް ލިބުނު ރަން މެޑައްޔެއްގެ ގޮތުގައެވެ. ފައިނަލްގައި ފަސް ސެޓް ކުޅެ ތުރުކިމިނިސްތާނު އަތުން ބަލިވެ ރަން މެޑައްޔެއް ނުލިބުނު ނަމަވެސް އެ ފެންވަރަށް ޓީމުގެ ކުޅުން އޭރު އޮތް ކަމުގައި ބަޓިސް ފާހަގަ ކުރިއެވެ.
ދެވަނަ އަށް ބަޓިސް ފާހަގަ ކުރީ، ހަވީރު ނޫހުން ހޮވާ އަހަރުގެ އެންމެ މޮޅު ވޮލީ ކުޅުންތެރިޔާގެ އެވޯޑު 2012 ވަނަ އަހަރު ބަޓިސްއަށް ލިބުމެވެ.
މީގެ އިތުރުންވެސް ބަޓިސް ހާސިލްކުރަން ބޭނުންވެ ހާސިލްނުވާ އެއްވެސް ކާމިޔާބީއެއް ކުޅިވަރުގައި ނެތެވެ. އެގޮތުން ގައުމީ ފެންވަރުގެ މުބާރާތްތަކާއި ބައިނަލްއަގްވާމީ ފެންވަރުގެ މުބާރާތްކުގައި ބަޓިސްވަނީ ބޮޑެތި ކާމިޔާބީތައް ހޯދައިފައެވެ. އެގޮތުން ގައުމީ ފެންވަރުގެ އެންމެ ބޮޑެތި ކްލަބްތައް ކަމުގައިވާ ދިވެހި ސިފައިންގެ ކްލަބްއަދި ޕްލިސް ކްލަބްފަދަ ބޮޑެތި ޓީމުތަކުގެ ތާރީޚީ ކާމިޔާބީތަކުގައި ބަޓިސް ވަނީ މުހިއްމު ރޯލެއް ކުޅެފައެވެ.
ކޮންމެ ކުޅުންތެރިއަކީވެސް އަބަދުވެސް ދަސްކުރުމަށް ތައްޔާރަށް ހުންނަ އެހެން މީހުންގެ ފަރާތުން ދަސްކުރާ މީހަކަށްވުން މުހިއްމެވެ. އަދި ކޯޗުންނަށް ކިޔަމަންތެރިވާ، ކޯޗުގެ މަގާމުގައި ކޮންމެ މީހެއް ހުރި ކަމުގައިވިޔަސް އެމީހަކަށް އިހްތިރާމްކުރާ އެމީހެއްގެ އަމުރަށް ކިޔަމަންތެރިވާ ކުޅުންތެރިއަކަށް ވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ބަޓިސް ދެކެއެވެ. އަދި މީގެ އިތުރުން ދަސްކުރާ ހިތުން ދަސްކުރާ ޕްރެކްޓިސްތަކަށް ފަރުވާތެރި ކުޅުންތެރިއަކަށް ވުމަކީ އެންމެ މުހިއްމު އެއްކަންތައް ގޮތުގައި ބަޓިސް ފާހަގަކުރިއެވެ.
ބަޓިސްގެ ޝުކުރުގެ ލިސްޓް ވަރަށްދިގެވެ. އެހެނަސް އޭނާގެ އާއިލާގެ ހުރިހާ މެމްބަރުންވެސް ވޮލީގައި ކުރިއަށްދާން ކޮށްދިން މަސައްކަތާއި ހިތްވަރަކީ މިއަދު ހުއްޓި ހުރެވުނު ކާމިޔާބުގެ މަންޒިލަށް ވާސިލްވެވުމުގެ އެންމެ ސަބަބެވެ. އެއަށްފަހު ބަޓިސްގެ ވޮލީ ކެރިއަރުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ޝަރަފް ކޯޗުގެ ދެމަފިރިންނަށެވެ. ވޮލީގައި ކުރިއަށް ދިއުމަށް އެ ދެމަފިރިންގެ ފަރާތުން ލިބުނު އެއްބާރުލުމާއި ދަރުސްތައް ބަޓިސް ފާހަގަ ކުރަނީ އޭނާގެ ކާމިޔާބުގެ މަންޒިލްގެ އެންމެ އަލިގަދަ ދަންމަރުގެ ގޮތުގައެވެ. ދެންވެސް އެކުވެރިންނާއި އޭނާ ދަންނަ އަދި އެކުގައި މަސައްކަތް ކުރާ އެންމެންގެ އެއްބޭރުލުމާއެކު މެނުވީ އޭނާއަށް މިހިސާބަށް ނާދެވުނީހެވެ. ވުމާއެކު ހުރިހާ ފަރާތްތަކަށްވެސް ބަޓިސް ޝުކުރު އަދާކުރިއެވެ.
" އަހަރެންނަށް މި ޓީމާއި މެދު އޮތް އެންމެ ބޮޑު ހިތް ހަމަޖެހުމަކީ ބަޓިސް ފަދަ ނުފޫޒުގަދަ ކައްޕިއެއް މި ޓީމުގައި ހުރުން"

11 މަސް ކުރިން

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން
2 އަހަރަށްވުރެ ގިނަ ކުރިން