-8402fff9.png)

ޢާލިމް އަބްދުއްލަތީފް

މުހައްމަދު ސާއީ މުބާރިކް --
ފަނޑު ހަނދާނެކެވެ. ގުރުއާން ކުލާހެއްގެ ތެރެއެވެ. ކްލާހުގެ ތެރޭގައި އަންހެންކުދިންނާއި ފިރިހެން ކުދިން ތިބީ ވަކިންނެވެ. ދެ ޖިންސުގެ ދެމެދުގައި ބޮޑު ވާދަވެރިކަމެއް އަބަދުވެސް އެ ކުލާހުގައި އޮވެއެވެ. އެއް ބަޔަކަށްވުރެ އަނެއް ބަޔަކު މޮޅުވާން ބޭނުންވެއެވެ.
ފުރަތަމަ ކިޔަވަން ބޭނުންވަނީ ކޮންކުއްޖެއްތޯ ޓީޗަރު ސުވާލުކުރިއެވެ. އެ ސުވާލާއެކު ހިއްލައިލެވުނީ އެންމެ އަތެކެވެ. އެއީ ވަރަށް ޖޯޝާއި އަޒުމާއި ޝައުގާއެކު ކޮންމެ ފަހަރަކުމެ ހިއްލައިލެވޭ އަތެކެވެ. އެއީ މުހައްމަދު ސާއީ މުބާރިކްގެ އަތެވެ.
ސާއީގެ ހަޔާތުގެ ސޮފްހާތައް އުކަމުން އުކަމުން ގޮސް އޭނާ ފުރަތަމަ ހުއްޓުނު ހިސާބަކީ މިއެވެ. އެ ފަދައިން އޭނާ އަތް ނަގައިގެން ކިޔެވި ދުވަހެއްގައި ވަރަށް ބޮޑަށް ކުށްޖެހުމުން އޭނާއާ ދިމާއަށް އެހެން ކުދިން ދިމާކުރި ހަނދާނެވެ.
ގުރުއާން ކިޔެވުމާއި އަޑުއެހުމަށް ލޯބި ނުހުންނަ އިރެއް ސާއީގެ ހަނދާނުގައި ނުހުރެއެވެ. އެހެން ނަަމަވެސް، ކުޑައިރު ސާއީއަށް ކުރިމަތިވީ އެތައް ގޮންޖެހުންތަކަކާއެވެ. ކާމިޔާބަށް ވާސިލުވާން އޭނާ ފެށި ދަތުރުގައި އެތައް ދައްޗަކާއި ތުރާލެއް އޭނާ ގިރާކުރާން ޖެހުނެވެ.
ކުޑައިރު އޭނާއަށް މާ ރަނގަޅަކަށް ގުރުއާނެއް ނުކިޔެވެއެވެ. ތުރުތުރު އަޅާތީއެވެ. ކިޔަވަން ފަށާއިރަށް ވެސް އާގަންނާތީއެވެ. އެ ކަމުގެ ސަބަބުން، އޭނާއަށް ކުރިމަތިލާން ޖެހުނީ އެހެން ކުދިންގެ މަލާމާތާއެވެ. ހަނގާގެ ޝިކާރައަކަށް އޭނާ ވީ އޭނާގެ އެއްވެސް އިހުތިޔާރެއް ނެތް ކަންތައްތަކަކާ ހެދިއެވެ.
"މި ގޮތަށް ވާހަކައެއް ވެސް ނުދެއްކޭނެ އޭރު. ދެން ވާ ގޮތަކީ އޭރުގައި ރަށު ކުދިން ވަރަށް ދިމާ ވެސް ކުރާނެ. ހަނގާ ވެސް ކުރާނީ،" ސާއީ ކިޔައިދިނެވެ.
އޭރު ބައިވެރިވާ އެއްވެސް މުބާރާތެއްގައި އޭނާއަށް ރަނގަޅު ވަނައެއް ނުލިބެއެވެ. އަބަދުވެސް ވަަނަ ލިބެނީ ސާއީއަށް ހަނގާކޮށް، މަލާމާތް ކުރި ކުދިންނަށެވެ. އެހެންވެ، އެ ކަން ނުވެސް ހުއްޓެއެވެ.
ތުރުތުރު އެޅި ނަމަވެސް، އާގަތް ނަމަވެސް އޭނާގެ ހިތްވަރަކަށް، އަޒުމަކަށް ބަދަލެއް ނާދެއެވެ. ކުޑައިރު، އުފަންރަށް ނ. ހޮޅުދޫގައި ސާއީ ދިރިއުޅުނު އިރުގައި ރޯދަ މަހު އޮންނަ ހުރިހާ ދަރުހަކަށް ދާން ސާއީ ބޭނުންވާނެއެވެ. ބައެއް ފަހަރަށް، ގޮވައިގެން މަންމަ ނުދިއުމުން، ފިލައިގެން ވެސް އޭނާ ގޮސްފައި އެބަހުއްޓެވެ.
ގުރުއާން ދަސްކުރުމަށް ޓަކައި އޭރުގައި އޭނާ އެންމެ ގިނައިން ކުރާ ކަމަކީ ވީޓީވީއިން އޭރުގައި ދައްކާ، އަލްގާރީ އިބްރާހިމް ޝިފާއުގެ ކިޔެވުން އަޑުއެހުމެވެ. ޝިފާއުގެ ދިގުރާގަށް ކިޔެވުން ސާއީއަށް އަބަދުވެސް ވަރަށް ކަމުދެއެވެ.
އާގަތުމާއި ތުރުތުރު އެޅުމުން އަރައިގަތުމަށް ސާއީ އާ އަޒުމަކާއެކު މަސައްކަތް ފެށިއެވެ. އޭނާގެ މަންމައާއި ޓީޗަރުގެ ވެސް ހިތްވަރާއެކުގައެވެ. ނުކިޔޭ ބައިތައް ގަދަކަމުން ކިޔައި، ގުރުއާނާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރަން ފެށިއެވެ. ﷲގެ ރަހްމަތާއެކު، އޭނާ އެ ކަން ކާމިޔާބު ވެސް ކުރިއެވެ.
ސާއީއަށް ބައެއް ކުދިން ހަނގާކުރި ނަމަވެސް، ގާތުގައި ހިތްވަރުދޭނެ މިތުރުން ވެސް ތިއްބެވެ. އަބަދުވެސް ކުރިއަށް ދާން ހިތްވަރުލައިދިން މީހުން ވެސް ތިއްބެވެ.
އެކި ރާގުތަކަށް ކިޔަވަން ސާއީ ދަސްކުރީ އަމިއްލައަށެވެ. އަޑުއަހައިގެންނެވެ. އެންމެ ފަހަރަކު ދެފަހަރަކު ނޫނެވެ. އެތައް ފަހަރަކު ފަރުވާތެރިކަމާއެކު ކޮންމެ ކިޔެވުމެއް ވެސް އޭނާ އަޑުއަހައެވެ.
"އޭރުއްސުރެ އަސްލު ކިޔެވުމަށް ހިތްޖެހިގެން އިންޓަނެޓް ނެތް ޒަމާނުގައި ވެސް މޮޑެމް ޖަހައިގެން ވެސް ކުދިކުދި ފަތި ޓީވީތަކުން ގުޅައިގެން ޔޫޓިއުބަށް ވަދެގެން ވީޑިއޯތައް އަޑުއަހައިގެން ކިޔެވުން ދަސްކުރީ،" ސާއީ ކިޔައިދިނެވެ.
ސާއީ ގުރޭޑު ހަތަކާ ހަމައިން މާލެ ބަދަލުވެ، ގުޅުނީ އިމާދުއްދީން ސްކޫލާއެވެ. އެ ސްކޫލުގައި އޭނާ ހޭދަކުރި ދުވަސްވަރު، އެ ސްކޫލް ތަމްސީލުކޮށް ގިނަ ކާމިޔާބީތަކެއް ހޯދިއެވެ. ގައުމީ މުބާރާތާއި، އަލްކައުން މުބާރާތާއި ފަލާހް ގުރުއާން މުބާރާތުގެ އެއްވަނަ ވެސް އޭނާ ވަނީ ހާސިލުކޮށްފައެވެެ. އޯލެވެލް ނިންމުމަށްފަހު، އޭލެވެލްއަށް އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ވަދެ އެ ސްކޫލް ވެސް ގައުމީ މުބާރާތުގައި ތަމްސީލުކޮށް ވަނަ ހޯދިއެވެ.
ސާއީ ގަބޫލުކުރާ ގޮތުގައި ގިނަ މީހުން ގުރުއާން ކިޔަވަނީ މުބާރާތަކަށް ތައްޔާރުވާން ވީމައެވެ. ނުވަތަ ގުރުއާނުގެ ކޯހެއް ހަދާއިރު ދަސްކުރާން އެކަންޏެވެ. އެހެން ނަމަވެސް، ގުރުއާން ކިޔެވުމުގައި އަމަލުކުރާން ޖެހޭ ގޮތަކީ އެއީ ނޫންކަން އޭނާ ގަބޫލުކުރެއެވެ.
"އެކަމަކު އެއީއެއް ނޫން ގުރުއާން ކިޔެވުމުގެ އަސްލު އުސްލޫބަކީ،ގުރުއާން ކިޔެވުމުގެ މަގުސަދަކީއެއް ވެސް އެޔެއް ނޫން. ގުރުއާން ކިޔެވުމުގެ މަގުސަދަކީ މުބާރާތް އޮތަސް ނެތަސް ތިމާ އެ ގުރުއާން ކިޔެވުމަށް އެ ރީތި އަޑު މަށާ ރީތިރީތި ރާގުތަކަށް ކިޔަވާ އެ ރާގުތައް ދަސްކުރުން،" ސާއީ ބުނެލިއެވެ.
މިހާރު ވެސް ގުރުއާން ކިޔެވުމުގައި ދުވާލެއްގެ މައްޗަށް އޭނާ ހަތަރު ވަރަކަށް ގަޑިއިރު ހޭދަކުރެއެވެ. ސްކޫލްގައި އުޅުނުއިރުގައި 10 ފޮތް ގުރުއާނުން އޭނާ ހިތުދަސްކުރިއެވެ. މިހާރު ކޮންމެވެސް ވަރަކަށް މަޑުޖެހިފައި އޮތަސް، އޭނާ އެ ކަން ހާސިލުކުރަން ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.
ސާއީގެ ގުރުއާނުގެ ދާއިރާގެ ހައިލައިޓަކީ މިދިޔަ އަހަރު ރާއްޖެޓީވީއާއި ޔޫތު މިނިސްޓްރީ ގުޅިގެން ބޭއްވި ރަންތާޖު ގުރުއާން މުބާރާތެވެ. އެ މުބާރާތުގެ ފަހުރުވެރި އެއްވަނައާއެކު ރަންތާޖު އޭނާ ހާސިލުކުރިއެވެ. އެއީ އޭނާ ކުރި ބުރަ މަސައްކަތެކެވެ.
މިދިޔަ އަހަރުގެ ރޯދަމަހު އޮތް އެ މުބާރާތުގައި ބައިވެރިވުމަށްފަހު، އޭރު އެއާޕޯޓުގައި އަދާކުރި ވަޒީފާ ވެސް ސާއީ ދޫކޮށްލިއެވެ. އޭނާ ބުނި ގޮތުގައި އެއީ ހަމައެކަނި ގުރުއާން ކިޔެވުމުގެ މުބާރާތެއް ނޫނެވެ. ގުރުއާން ހިތުދަސްކޮށް، އުލޫމުލް ގުރުއާންގެ ސުވާލުތައް ވެސް ދަސްކުރާން ޖެހެއެވެ. އޭނާ އެ ކަން ހާސިލުކުރީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެންނެވެ.
ރަންތާޖު ގުރުއާން މުބާރާތުގެ ރަންތާޖު ބޮލުގައި އެޅުމަށްފަހު ސާއީ ދެއްކި ވާހަކައިގައި ހުރީ ވަރުގަދަ އަސަރެކެވެ. އޭނާގެ އެ ސްޕީޗު ހާއްސަކުރީ މަންމައަށެވެ..
"އަސްލު މި ރަންތާޖުގެ ވެރިޔާއަކީ އަޅުގަނޑެއް ނޫން އިނގޭތޯ؟" ބޮލުގައި އޮތް ތާޖު ނަގަމުން ސާއީ، އެ ރޭ ބުނީ އެހެންނެވެ.
"ހައްގުވެރި ފަރާތަކީ ހަމަ ތިޔަ މަންމަ."
މިއަދު ވެސް އޭނާ ގަބޫލުކުރާ ގޮތަކީ އެއީއެވެ. އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު ހިއްސާދާރަކީ މަންމަކަމެވެ. މަންމަގެ އެހީއާ ނުލައި އެ ކާމިޔާބީގެ "ޒައްރެއްގެ މިންވަރު" ވެސް ކާމިޔާބު ނުކުރެވޭނެ ކަމެވެ.
އޭނާގެ މަންމައަކީ ދިވެއްސެއް ނޫނެވެ. ސާއީގެ ބައްޕައާ ކައިވެނިކޮށް އޭނާގެ މަންމަ ރާއްޖެ ބަދަލުވީއިރު، ދިވެހި ލިޔަން ކިޔާކަށް ނޭނގެއެވެ. ގުރުއާން ކިޔަވާކަށް ވެސް ނޭނގެއެވެ.
"އޭރު މަންމައަކަށް ދިވެއްސެއް ރަނގަޅަކަށް ނޭނގޭ. މަންމައަކަށް އޭރު ރަނގަޅަކަށް ގުރުއާން ކިޔަވާކަށް ވެސް ނޭނގޭ. މަންމަ ވެސް ދިވެހިބަހުން ވާހަކަ ދައްކަން ވެސް ދަސްކުރީ. ގުރުއާން ކިޔަވަން ވެސް ދަސްކޮށް، އަޅުގަނޑަށް ވެސް ދަސްކޮށްދިނީ،" ސާއީ ކިޔައިިދިނެވެ.
"މަންމައާ ނުލައި ހަގީގަތުގައި މިހާ ހިސާބަށް އައުމަކީ އަޅުގަނޑު ބުނާނީ ވާނޭ ކަމެއް ނޫނޭ. ކިތަންމެ ބައިވަރު މުބާރާތެއްގައި ބައިވެރިވިޔަސް އެ އަގުވަޒަނެއް ނުކުރެވޭނެ،"
މިހާރު ވެސް އޭރު ވެސް ސާއީ ބައިވެރިވާ ކޮންމެ މުބާރާތެއްގައި އޭނާއާ އެންމެ ގާތުގައި ވަނީ މަންމައާއި ބައްޕައެވެ. އަބަދުވެސް އެންމެ އެހީތެރިވެދެނީ ވެސް އެ ދެ މީހުންނެވެ.
މި ދާއިރާގައި އުޅޭއިރު އަދިވެސް އޭނާއަށް އެތައް ބައެއްގެ ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. އޭނާ ބުނާ ގޮތުގައި، ބައެއް ފަހަރަށް "އަޑިއަޑިން" ހިތް ނޭދޭ ގޮތަށް ކަންކަން ބައެއް މީހުން ނިންމައިލާ ފަހަރު ވެސް އާދެއެވެ.
"ބައެއް ފަހަރު ހަމަ ހިތްތަޅުވައިލައި.ބައެއް ފަހަރު ހިތަށް އަރާ މި ކިޔަވާ ގޮތް ނޫން އެހެން ގޮތަކަށް ބަދަލުކޮށްލާނީ ބާވައޭ ވެސް. އެހެން ވެސް ބައެއް ފަހަރަށް ޑައުޓްސް އުފެދޭ." ސާއީ ބުންޏެވެ.
އެހެން ނަމަވެސް، ސާއީ ގަދަ ހިތްވަރާއެކު ދިޔައީ ކުރިއަށެވެ. ހިތްވަރާއި އަޒުމަށް ބަދަލެއް ނައެވެ. މަލާމާތުން ވެސް އެ ހިތްވަރާއި އަޒުމު ގުޑުވައެއް ނުލެވުނެވެ.
މިހާރު އޭނާ ގުރުއާނުގެ ދާއިރާއިން މުދައްރިސްކަން ކިޔަވަމުންދާއިރު، އެކި ރަށްރަަށަށް ކިޔަވައިދޭން ވެސް ދެއެވެ. އޭނާގެ އުންމީދަކީ އޭނާފަދަ އެތައް ކުދިންތަކެއް އުފެއްދުމެވެ. ގުރުއާނުގެ ޖީލެއް ފައްކާ ކުރުމެވެ.
ސާއީއަކީ ދައްޗާއި ތުރާލުން މިންޖުވެ، މުޅި ރާއްޖެއަށް އަލިކޮށްދިން ގުރުއާނުގެ އަލިގަދަ ތަރިއެކެވެ.
3 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން