-8402fff9.png)
ވަޒީފާއެއް އަދާކުރާނަމަ ވަޒީފާ އަދާކުރާ ތަނެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވަނީ މުވައްޒަފުން އޮފީހަށް ސަލާމް ބުނުމެެވެ. އޮފީހެއްގެ ނަމަ އެތަނެއްގެ އެންމެ މުހިންމު ރަޢުސުލްމާލަކަށް ވާނީ އެތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.
އެ ތަނެއް ކުރިއަރައި ދިއުމުގެ އެންމެ މުހިންމު ޒިންމާއެއް އަދާކުރާނެ ބަޔަކީ ހަމަ އެމުވައްޒަފުންނެވެ. ނަމަވެސް އޮފީހުގެ މަސައްކަތްތަކުން މުވައްޒަފުން ސަލާމް ބުނަންޖެހޭ ސަބަބުތަކަށް ބަލާލުން އެއީ ވެސް މުހިންމު ކަމެކެވެ.
ގިނަ ބަޔަކަށް ހީވެފައި އޮންނަ އެއް ހީވުމަކީ މުވައްޒަފުން އޮފީހަށް ސަލާމްބުނާ މައިގަނޑު ސަބަބަކީ ޖިސްމާނީގޮތުން ބަލިވުން ކަމުގައެވެ. ނަމަވެސް ޖިސްމާނީގޮތުންނާއި އެއްހަމައަކަށް ނަފްސާނީގޮތުން ދިމާވާ ކަންކަމުން ނުވަތަ ޙާލަތްތަކާއި ހުރެ މަސައްކަތަށް ސަލާމްބުނާމީހުން ވެސް މަދުނުވާނެކަން ޔަގީނެވެ މިއީ ޢާންމުކޮށް މާހަކަ ދެކެވޭ މައުޟޫއެއް ކަމުގައިވީނަމަވެސް މިއީ ދައްކައިލުން މުހިންމު ވާހަކަތަކެކެވެ.
އިންސާނުންގެ ދިރިއުޅުމުގައި ރެއަކާއި ދުވާލެއްގެ މައްޗަށް ތަފާތު އެތަކެއް ކަންކަމެއް ހިނގަމުންދާނެއެވެ. އަމިއްލަ ޢާއިލާ ނުވަތަ އަނބި ދަރިންގެ ކަންކަން ބެލެހެއްޓުމާއި މަސައްކަތުގެ މާހައުލު ބެލެންސްކުރުން އެއީ މުހިންމު ކަމެކެވެ. ނަމަވެސް ގިނަ ޙާލަތްތަކުގައި މި ދެކަންތައް އޮންނަނީ ބެލެންސް ނުވެފައެވެ.
ވަޒީފާގެ އިތުރުން މުވައްޒަފު އަދާކުރަންޖެހޭ އެހެނިހެން ޒިންމާތައްއަދާ ކުރުމާއި އެ ކަންކަން ނުކުރެވުމުން ދިމާވެދާނެ ކަންކަމާ ވިސްނައި ފިކުރުކޮށް،މިކަންކަން އެއްހަމަ ކުރުމަށް ނަފްސާނީގޮތުން ވިސްނައި އެކަންކަން ހައްލުކުރުމަށް ވަގުތު ހޯދުން މީއީ ވެސް ވަޒީފާއިން ސަލާމްބުނާ ޙާލަތެކެވެ.
މަސައްކަތްކުރާ ވަގުތު މިއީ ވަރަށް މުހިންމު ރޯލެއް މިކަމުގައި އަދާކުރާ ކަމެކެވެ. ޢާންމުގޮތެއްގައި ސަރުކާރުގެ އޮފީހެއްގައިނަމަ މަސައްކަތުގެ ވަގުތަކީ 6 ގަޑިއިރު ކަމުގައިވީނަމަވެސް ކުރާ މަސައްކަތެއްގެ ގޮތުން ވަގުތު މިއަށްވުރެ ދިގުވުމަކީ ވެސް އެކަށީގެންވާ ކަންކަމެވެ.
ދުވަހުން ދުވަހަށް ހަވާލުކުރެވޭ މަސައްކަތް މިވަގުތުގެ ތެރޭގައި ނުނިމޭނަމަ، އިތުރު ވަގުތު ހޯދައިގެން އެމަސައްކަތް ފުރިހަމަކުރުމަށް ގިނަ ބަޔަކު މަޑުކުރަންޖެހެއެވެ. އެހެންކަމުން މަސައްކަތުގެ މާހައުލުގެ ތެރޭގައި ލިބޭ 1 ގަޑިއިރުގެ ބްރޭކް އެއީ އެންމެ އެކަށީގެންވާވަރަށް ނަފްސަށް ހަމަޖެހިލަން ލިބޭ ވަގުތުކޮޅަކަށް ވަނީ ނުވެފައިއެވެ. މަސައްކަތް ކުރުމަށް މިގޮތަށް ގިނަވަގުތު ތިބެން ޖެހުމުން އިންސާނާގެ ސިކުނޑި ބަރުޖެހި ވަރުބަލިވެ ހަށިގަނޑު ލޮޑުވެއެވެ. މީގެ ނަތީޖާއަކަށްވާނީ ކުރާ މަސައްކަތުގެ ފެންވަރު ދަށްވުމެވެ.
މަދު މުވައްޒަފުން މަސައްކަތްކުރާ ތަންތަކުގައި މިއީ ޢާންމުކޮށް ކުރިމަތިވާ މައްސަލައެކެވެ. މުވައްޒަފަކު ވަޒީފާއަށް އައުމަށް އުޒުރުވެރިވެއްޖެ ޙާލަތެއްގައި އެ މުވައްޒަފެއްގެ ޒިންމާތަކާއި މަސްޢޫލިއްޔަތު އުފުލަންޖެހެނި އެހެން މީހެކެވެ.
މިހެން މިކަން ވުމުގެ ސަބަބުން މަސައްކަތްތަށް ޙަވާލުކުރެވޭ ފަރާތުގެ މަސައްކަތުގެ ބުރަ ބޮޑުވެ (ބާން އައުޓް) ވަގުތަށް ނިންމުމަށް ހުންނަ މަސައްކަތްތަށް ނުކުރެވި ފުނިޖެހޭތަން އާއެދެވެ. އޭގެ ނަތީޖާއަކަށްވަނީ ނަފްސަށް ޢަރާމުކޮށްލުމަށް ލިބޭ ވަގުތު ކުޑަވުމުން އުފުލަންޖެހޭ ޒިންމާތަކާއިމެދު މީހާ މާބޮޑަށް ވިސްނައި ނަފްސާނީގޮތުން މީހާ ބަލިކަށިވުމެވެ.
މަސައްކަތްކުރާ މާޙައުލު ވާންވާނީ މަސައްކަތްކުރާ ބަޔަކަށް ވީހާވެސް ފަސޭހަ، ހަމަޖެހޭ އުފާވެރި މާޙައުލަކަށެވެ. ނަމަވެސް ބައެއް މަސައްކަތު މާޙައުލު ތަކަކީ މިއާ ޚިލާފި މަސައްކަތު މާހައުލު ތަކެކެވެ.
ނޭވާނުލެވޭ ފަދަ ކުދި ކުދި ތަންތަން ކޮޅުގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތްކުރާ މުވައްޒަފުންގެ ދެމެދުގައި ހިނގާ ކަންކަމާއި، ކުރާ މަސައްކަތް ބަލައިނުގަތުން އަދި ވެރިން މުވައްޒަފުންނާއި ދޭތެރޭގައި ކަންކަން ކުރާ މިސާލުން ވެސް މީހާގެ ވިސްނުމަށް ނޭދެވޭ އަސަތުކުރެއެވެ.
މިކަމުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ބޭނުން ނުވުން، ނުވަތަ މަސައްކަތްކުރާ މާޙައުލާއި މެދު ވިސްނަން ޖެހޭވަރަށްވުރެ އިތުރަށް (އޯވަރ ތިންކް) ވިސްނުމަށް މަޖުބޫރުވެގެން ދެއެވެ. ނަތީޖާއަކަށްވަނީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއެރުމާއި އެކު ނަފްސާނީގޮތުން މީހާ ބަލިކަށިވުމެވެ.
މަތީގައި އަލިއަޅުވާލެވިފައި އެވަނީ ޖިސްމާނީގޮތުން ނޫނަސް މުވައްޒަފުން މަސައްކަތަށް ސަލާމްބުނާ ބައެއް ކަންކަމެވެ. އެހެންކަމުން މަސައްކަތް ޙަވާލުކުރާ ފަރާތްތަކުން މުވައްޒަފުންގެ ޖިސްމާނީ ދުޅަހެޔޮކަމަށް އިސްކަންދޭ ފަދައިން ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ މުހިންމުކަމެކެވެ. އެކަމުގެ ނަތީޖާއަކަށްވާނީ ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުވެ، މުވައްޒަފުން މަސައްކަތާއި ގަޔާވެގެން ވަޒީފާ އަދާކުރުމަށް އިތުރު ހިތްވަރެއް ލިބިގެން ދިއުމެވެ.
މަސްދަރު: ޔޫރަފިއަން ޖަރނަލް އޮފް ޕަބްލިކް ހެލްތް (2023)
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން