-8402fff9.png)

މުހައްމަދު ޔަމީން

ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަރިޔަމް ޝިއުނާ --
އުމުރުން އެންމެ 16 އަހަރުގައި ސިޔާސީ ޖަލްސާއަކަށް މަރިޔަމް ޝިއުނާ (ނަންނަ) ދިޔައީ މަންމަގެ އަތުގައި ހިފައިގެންނެވެ. އެ ދުވަހު އޭނާގެ މަސްއޫލިއްޔަތަކަށްވީ އޭރު ރާއްޖޭގެ އެންމެ ބޮޑު އެއް ޕާޓީކަމުގައިވާ ޑީއާރުޕީގެ އިސް ބޭފުޅުންނަށް މަރުހަބާ ދެންނެވުމެވެ. އެ ދުވަހަކީ ނަންނަގެ ހިތުގައި ސިޔާސީ ކަންކަމަށް ޝައުގު އުފެދުނު ފުރަތަމަ ދުވަހެވެ. އެ ދުވަހު އެ އުފެދުނު ޝައުގާއި، ވޭތުވެދިޔަ އަހަރުތަކުގައި ކުރި ބުރަ މަސައްކަތުން އޭނާ މިއަދު އެ ހަވާލުވީ ޒުވާނުންނާއި، މައުލޫމާތާއި، ފަންނާ ބެހޭ ވަޒީރުގެ ނާއިބުކަމުގެ މަގާމާއެވެ.
އޭނާގެ ދަތުރުގެ ބޮޑުބައި ހޭދަވީ "ޕަބްލިކް ސްޕޮޓްލައިޓު"ގައެވެ. މީޑިއާގައި، ނުވަތަ ޕީއާރުގައެވެ. އެހެންވެ، އޭނާގެ މޫނު ގިނަ ބަޔަކު ދަނެއެވެ. ނަމަވެސް، އެ ދަތުރުގައި ދިމާވި އަޑިގުޑަންތަކެއް ގިނަ މީހުންނަކަށް ނޭނގެއެވެ.
އެންމެ ކުޑައިރުވެސް ޓީވީއެމްގެ ޚަބަރާއި، ޕްރޮގްރާމްތައް ނަންނަ ބަލައެވެ. އޭރު ޓީވީން ފެންނަ މޫނުތަކުގެ ތެރެއިން ހީނާ ވަލީދާއި، މައިސަރާ އަބްދުއްސައްތާރުގެ ހުށަހެޅުންތެރިކަން އޭނާއަށް ވަރަށް ކަމުދެއެވެ. އެންމެ ބޮޑަށް ކުރާ ހިތްވި ކަމަކީ ހަމަ އެފަދައިން ޓީވީ ޕްރޮގްރާމްތައް ހުށަހަޅައިދީ ހެދުމެވެ.
އެހެން ހުއްޓާ، އެންމެ ފުރަތަމަ އޭނާއަށް މީޑިއާގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނީ ދިއެފްއެމް އިންނެވެ. ޕްރޮޑިއުސަރު އިއްބެ ފަހިކޮށްދިން ފުރުސަތެއްގައި، އޭރު އެ ޗެނަލުން ދައްކަމުން ދިޔަ "ކޮފީގަޑި" ޕްރޮގްރާމަކީ ޓީވީ ސްކްރީނަށް ނަންނަގެ ތައާރަފުވުމެވެ. ދިއެފްއެމްގައި ނަންނަ ހޭދަކުރި ދުވަސްތައް ނިންމާލިއިރު އޭނާއަކީ ޕްރެޒެންޓުކުރުމަށް ފައްކާވެފައިހުރި މީހެކެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފައިގެން ޚަބަރުގަޑިތަކަށް ވެސް އޭރު އަރަން ފެށިއެވެ.
އޭނާގެ މޫނު ދެން އާންމުންނަށް ފެންނަން ފެށީ ވީޓީވީގެ އިސްކިރީނުންނެވެ. އެންމެ ގިނަބަޔަކު އޭރު އިންތިޒާރު ކުރާ "ވީސެލެކްޓް" ޕްރޮގުރާމުންނެވެ. އޭގެ އިތުރުން ވެސް އެ ޗެނަލުގައި ފާހަގަކޮށްލެވޭ އެތައް މަސައްކަތެއް އޭނާ ކުރިއެވެ.
ނަމަވެސް، ގައުމީ ސިޔާސީ މަޝްރަހުގައި އޮއެވަރު ބަދަލުވި ގޮތަކުން ނަންނައަށް އެ ޗެނަލުގައި ހުރުން އުނދަގޫވިއެވެ. އެހާ ހިސާބުން އޭނާއަށް ޖެހުނީ އެންމެ ލޯބިވި މީޑިއާގެ ދާއިރާއިން މަދު އަހަރުތަކަކަށް ނަމަވެސް ދުރަށް ޖެހިލާށެވެ. އެ ދައުރު އޭނާ ހޭދަކުރީ ސަރުކާރު ކުންފުންޏެއްގެ ޕްރޮކިއުމެންޓް ވަޒީފާއެއްގައެވެ.
އެ ވަޒީފާ ދޫކޮށްލާ، އަލުން މީޑިއާއަށް ނުކުތުމުގެ ވިސްނުން ގެންގުޅެން ޖެހުނީ ވެސް އެފަދަ ބަދަލަކާ ގުޅިގެންނެވެ. އެފަހަރު އޭނާ ފުރުސަތު ހޯދީ މުޅިން އަލަށް ފެށުމަށް ތައްޔާރުވި ދިވެހި ޗެނަލް އިންނެވެ. ދިވެހި ޗެނަލްގައި މަސައްކަތް ކުރި މުއްދަތަކީ އޭނާއަށް ވަރަށް ގިނަ ކަންކަން ދަސްވި ދުވަސްކޮޅެކެވެ. އިޖުތިމާއީ، ސިޔާސީ އެކި މައްސަލަތަކަށް ރިޕޯޓު ހަދާ، ނޫސްވެރިކަމުގެ ތެރެއަށް މަޑުމަޑުން ވަނެވެ.
އެ ފަހުން، މާލޭ ސިޓީ ކައުންސިލުގެ ތަރުޖަމާނަކަށް ހުރިއިރު ވެސް، ޝިއުނާގެ ނަން މީޑިއާގެ ދާއިރާއިން ފިލާ ނުދިޔައެވެ.
"މީޑިއާގައި އުޅެފަ ހުރީމަ އެއްވެސް ވަރަކަށް މީޑިއާއާ ދުރަށް ދާހިތެއްނުވޭ. އަބަދުވެސް ހުންނަނީ ކޮންމެވެސް އެއްޗެއް ލިޔާ ހިތްވެފައި" އޭނާ ކިޔައިދިނެވެ.
އެ ދުވަސްވަރު އޭނާވަނީ ސަންގު ޓީވީގައި ވެސް ޕާޓް ޓައިމްކޮށް މަސައްކަތް ކޮށްފައެވެ. މީޑިއާގައި ހޭދަވި ދުވަސްތަކުގައި ފުުރުސަތުތައް ފަހިކޮށްދިން އެންމެންނަށް ނަންނަގެ ހިތުގައި އޮތީ ހިފެހެއްޓުމެެއްނެތް ޝުކުރެވެ.
ސޯޅަ އަހަރުގައި ނަންނަގެ ހިތުގައި ހިނގަންފެށި ޝައުގުވެރިކަމާއެކު، ސިޔާސީ އެކި ކަންކަމާ މެދު ބަލާ، ވިސްނާ ހަދައެވެ. އަބަދުވެސް، އަމިއްލަ ޚިޔާލު ހުރަހެއްނެތި ފާޅުކުރަން ބޭނުންވެއެވެ. ނޫސްވެރިކަމުގައި އުޅުނު އިރު ވެސް އެންމެ ކަވަރުކުރާ ހިތްވަނީ މަޖިލީހުގެ ޚަބަރުތަކެވެ. ސިޔާސީ މީހުން ދައްކާ ތަފާތު ވާހަކަތަކެވެ.
ނަންނަ ގަބޫލުކުރާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގެ ފަހުކޮޅު މަގުބޫލުކަން ދަށްވުމަށް މެދުވެރިވި ސަބަބަކީ މީޑިއާއާ މެދު އޮތް ގުޅުން ކުޑަވުމެވެ.
"އޭރު އަޅުގަނޑު ހިތަށް އަރާާ ހާދަ ދަށޭ އަސްލު މީޑިއާބައި. ހާދަ ގިނަ މަސައްކަތެކޭ މި މީހުން މި ކުރަނީ. އެގޮތަށް އަޅުގަނޑަށް ފާހަގަކުރެވުނު އެއް މިނިސްޓްރީ އެއީ ހައުސިން މިނިސްޓްރީއަކީ،" ނަންނަ ވިދާޅުވިއެވެ.
އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒުއަކީ ނަންނަ ދަންނަ ބޭފުޅެއް ނޫނެވެ. ނަަމަވެެސް އެމަނިކުފާނުގެ މަސައްކަތާއި ގާބިލުކަން އޭނާއަށް އޭރުވެސް ފާހަގަވެއެވެ. އެހެންކަމުން، އެ ސަރުކާރު ނިމި، ކައުންސިލް އިންތިޚާބުގައި މުއިއްޒު ވާދަކުރައްވާނެ ކަން އިއުލާނު ކުރެއްވުމާއެކު ނަންނަ ޓުވިޓާއިން މިހާރުގެ ރައީސަށް މެސެޖެއް ފޮނުވާލިއެވެ. މީޑިއާގެ ފަރާތުން ދެވެން އޮތް ހުރިހާ އެއްބާރުލުމެެއް ދޭން ތައްޔާރަށް ހުރިކަން އޭނާ ހާމަކުރިއެވެ.
އޭރު އެ ކެންޕޭނަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތެވެ. ފާޅުގަިއ ކެމްޕޭނުކުރަން އޮތް ހުރަހަކީ އޭނާ ހުރި ނޫސްވެރިކަމުގެ ވަޒީފާއެވެ. އެކަމަކު، އެ ހުރަހާއެކު ވެސް ކެމްޕޭނުގައި މުއިއްޒު ޕްރޮމޯޓްކުރުމުގެ މަސައްކަތް ނަންނަ އެކި ގޮތްގޮތުން ކުރިއެވެ.
އޭގެ ދުވަސްކޮޅެއް ފަހުން، އޭރުގެ މޭޔަރު މުއިއްޒުގެ އަރިހުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އޭނާ ހިއެއް ނުކުރެއެވެ. ނަމަވެސް އެ ޝައުގުވެރިކަން އޭރުވެސް ހުއްޓެވެ.
ގެޒެޓުން ސިޓީ ކައުންސިލުގެ މީޑިއާގެ ވަޒީފާއެއް ފެނުމާއެކު އަވަހަށް ސިޓީލީ އެހެންވެއެވެ. ކަންދިމާކުރިގޮތުން، އިންޓަވިއުއިން އެންމެ މަތި ލިބިގެން، ވަޒީފާ ލިބުނީ ވެސް އޭނާއަށެވެ.
މިހާރުގެ ރައީސް، އޭރުގެ މޭޔަރު ޑރ. މުއިއްޒުގެ ހިންގުންތެރިކަން އޭނާއަށް ތަޖުރިބާ ކުރަން ލިބުނީ ވެސް އެ ހިސާބުންނެވެ. ކައުންސިލްގެ ގުރޫޕުތައް ހޭލައްވާލަނީ ކޮންމެ ދުވަހަކު މޭޔަރުގެ މެސެޖުތަކުންނެވެ.
"މާލެ ސިޓީ ކައުންސިލަކީ ކުރިން އެހާ ހިނގާތަނަކަށް ނުވޭ. އެ ކައުންސިލުގެ މޭޔަރު ކަމަކީ ވެސް މީހުންގެ މާ ޝައުވުވެރިވާ ކަމަކަށް ނުވޭ. އެ ގޮނޑީގެ ހައިބަތު ވެސް މީހުންނަށް ފެނިގެން މިއުޅެނީ ރައީސް މުއިއްޒު އެ ގޮނޑީގައި އިންނަވާފައި ތެދުވެވަޑައިގެން ފަހުން" އޭނާ ބުންޏެވެ.
އެ ދުވަސްވަރަކީ ވޭތުވެދިޔަ ތަނުގައި ތަރައްގީވަމުން އައި ސިޔާސީ ފިކުރު ފަައްކާވެ، ވަރުހުރި އަޑެއްގެ ގޮތުގައި އެންމެންނަށް ފޯރަން ފެށި ދުވަސްވަރެވެ. އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް، ޕީއެންސީގެ ދިފާއުގައި ސޯޝަލް މީޑިއާގައި އެންމެ ގަދަޔަށް ވަކާލާތުކުރި މީހުންގެ ލިސްޓުގައި ނަންނަ އެންމެ ކުރީގައި ގުނާލެވޭނެއެވެ.
އޭނާގެ އަޑު ސޯޝަލް މީޑިއާގައި ގަދަވިވަރަކަށް ދިޔައީ ފާޑުކިޔުުންތައް ވެސް އިތުރުވަމުންނެވެ. ހަމައެކަނި ފާޑުކިޔުމެއް ނޫނެވެ. މަލާމާތާއި، ފުރައްސާރައިގެ އިންތިހާއާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު، އެ މަލާމާތާއި ފުރައްސާރައަށް ނަންނަ ފަރުވާލެއް ނުބަހައްޓައެވެ. އެ ކަންކަމަށް ބީރު ކަންފަތެއް ދިނުމަށްފަހު، އޭނާ ފޯކަސް ބެހެއްޓީ މަސައްކަތަށެވެ.
އޭނާގެ އަމިއްލަ އިބާރާތުން ނަމަ، "މިހާރަކު ދެން އަލަކަށް ކިޔާނެ އެއްޗެއް ނޯންނާނެ، އަލަކަށް ވާނެ ދެރައެއް ވެސް ނޯންނާނެ" އެވެ. އޭނާ ދެކޭ ގޮތުގައި ސިޔާސީ ދާއިރާއަށް ޒުވާނުން، ޚާއްސަކޮށް އަންހެނުން، ނުކުންނަން ފަސްޖެހެނީ ވެސް އެ ސަބަބާ ހުރެއެވެ.
ނަންނަ ވީ އެ އެންމެންނަށް ހުރި ނަމޫނާއަކަށެވެ. ކޮޅަކަށް ވެސް ޖެހިލުމެއް ނެތި، އޭނާގެ ޚިޔާލުތައް ދިޔައީ ފާޅުކުރަމުންނެވެ. އެ ހުރިހާ ކަމަކާ ކުރިމަތިލައި، ކުރި ހޯދުމަށް އޭނާައާއެކު މީޑިއާ ޓީމުގައި މަސައްކަތް ކުރި އެކުވެރިންނާއި، އާއިލާ އަދި ވެރިއެއްގެ ގޮތުގައި ހުންނެވި، ރައީސް ޑރ. މުއިއްޒުގެ އެހީތެރިކަން އޭނާ ފާހަގަކުރެއެވެ.
މީޑިއާގެ މަގުން ކާމިޔާބަކަށް ފަހު ކާމިޔާބެއް ހޯދަމުން ގޮސް ނަންނަ މިއަދު އެހުރީ މީޑިއާތަކުގެ ބެލެނިވެރިކަން ވެސް ހަވާލުވެފައި އޮތް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައެވެ. އޭނާ ދެއްވާ ޔަގީން ކަމަކީ މިހާތަނަށް ދެއްކި ކެރުމާއި، ހީވާގި ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑު)ގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ފަަސްޖެހުމެއް ނެތްކަމެވެ.
ނަންނަގެ ހިތުގައި ސިޔާސީ ލޯބި ބިންވަޅު ނެގުނީ ލޯބިވާ މަންމަގެ އަތުގައި ހިފައިގެން ފުރަތަމަ ދިޔަ ސިޔާސީ އިވެންޓު ތެރެއިންނެވެ. މިއަދާ ޖެހެންދެން ވެސް، އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ވެސް މަންމައެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
4 މަސް ކުރިން