-8402fff9.png)
ސައިފުﷲ އަލީ
-34a72873.jpg)
މާލެ ސިޓީގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ޓަކައި، އުޅަނދުފަހަރު ޕާކުކުރުން ހުއްދަވާނެ، މަނާވާނެ އަދި އަގު ނެގޭނެ ސަރަހައްދުތައް ސާފުކޮށް ބަޔާންކުރާ އައު އޮނިގަނޑެއް އެކުލަވާލައި، އެ ޕްލޭނަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) ގެ ފަންނީ އެހީތެރިކަމާއެކު އެކުލަވާލާފައިވާ މި އުސޫލުތައް މިހާރު ވަނީ ސިޓީ ކައުންސިލުގެ ރަސްމީ ވެބްސައިޓުގައި ޝާއިއުކޮށްފައެވެ.
ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މި މަސައްކަތްތައް 6 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސިޓީ ކައުންސިލުގެ ޕްލޭނުގައި ވަނީ ހިމަނައިފައެވެ. އަގު ނަގައިގެން ޕާކުކުރުމުގެ އުސޫލު ތައާރަފުކުރުމަށް ހަމަޖެހިފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ.
އެންމެ ބޮޑަށް ތޮއްޖެހޭ ސަރަހައްދުތައް ކަމުގައިވާ ހީނާމާގެ ޕާކިން ސަރަހައްދާ ކައިރިން މަޖީދީމަގާއި، ވެލާނާގެއާއި ހޮޓެލް ޖެން ދެމެދުން އަމީރު އަހުމަދު މަގު، އަދި އައިޖީއެމްއެޗް ނުވަތަ ވިލިގިލީ ފެރީ ޓާމިނަލް ސަރަހައްދުން ގިނަ ވަގުތަށް ޕާކުކުރާ ތަންތަނަށް ފުރަތަމަ އިސްކަންދޭނެއެވެ. މި ސަރަހައްދުތައް ބޭނުންކުރާ މިންވަރާއި އާންމުންގެ އިޖާބައަށް ބަލައި އަގުތަކަށާއި ވަގުތުތަކަށް ބަދަލު ގެނައުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި އޮނިގަނޑުގެ ދަށުން، މާލޭގެ ވަކި ސަރަހައްދުތަކަށާއި ވަކި ވަގުތަށް ބަލައި ޕާކުކުރަން އަގު ކަނޑައަޅާނެ ހަމަތައް އެކަށައަޅައި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން ފަސޭހައިން ފައިސާ ދެއްކޭނެ އިންތިޒާމުތައް ގާއިމުކުރެވޭނެއެވެ. އަދި ޕާކުކުރުމުގެ ޤަވާޢިދުތަކާއި ވަގުތު އަދި އަގުތައް ސާފުކޮށް އެނގޭނެ ބޯޑުތައް ހަރުކުރުމާއި، ޕާކިން ހުއްދައާއި ފައިސާ ދެއްކުމުގެ އިޖުރާއާތުތައް ފަސޭހަކޮށް، ޑިޖިޓަލް ވަސީލަތްތަކާއެކު މި ޤަވާޢިދުތައް ތަންފީޒުކުރުމުގެ ނިޒާމު ހަރުދަނާކުރެވޭނެއެވެ.
މަގުމަތީގެ ބަދަލުގައި ބޭނުންކުރެވޭނެ އޮފް-ސްޓްރީޓް އަދި ޚާއްސަ ޕާކިން ޖާގަތައް އިތުރުކުރުމުގެ މަސައްކަތާއި، އަލަށް ތަރައްގީކުރާ އިމާރާތްތަކުގެ ޕްލޭނިން މަރުހަލާގައި ޕާކިން ވަސީލަތްތައް ހިމެނުން ލާޒިމުކުރުމުގެ މަސައްކަތް 25 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ރޭވިފައެވެ. މި އޮނިގަނޑު ތަންފީޒުކުރުމުގައި މައިގަނޑު އަސާސްތަކެއްގެ ގޮތުގައި ހިމެނެނީ ދަތުރުފަތުރުގެ ދާއިރާގެ ހިއްސާދާރުންގެ މެދުގައި ވިލަރެސްކުރުމާއި، ޤަވާޢިދުތައް ތަންފީޒުކުރުމާއި، ޕާކިން ކޮންޓްރޯލްކުރުމާއެކު އާންމު ދަތުރުފަތުރުގެ ފެންވަރު ރަނގަޅުކުރުމެވެ.
މާލެ ސިޓީއަކީ އެންމެނަށް ދިރިއުޅެން ފަސޭހަ އަދި ތަރުތީބު ތަނަކަށް ހެދުމަށް އާންމުންގެ ޚިޔާލު މުހިންމު ކަމަށް ކައުންސިލުން ބުނެއެވެ. މި ޕްލޭނާ ގުޅޭގޮތުން ހުރި ޚިޔާލުތަކާއި ހުށަހެޅުންތައް، އީމެއިލްގެ ސަބްޖެކްޓަކަށް "Decongestion Feedback" ޖެހުމަށްފަހު، ކުރިއަށް އޮތް ހަފުތާގެ އަންގާރަ ދުވަހުގެ ކުރިން [email protected] އަށް ފޮނުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. މި މަހު އަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ވެސް، ޕާކުކުރަން ދޫކުރާ ޖާގަތަކުގައި ޕާކިން މީޓަރު ހަރުކޮށް، އުޅަނދު ޕާކުކޮށްފައި އޮންނަ ވަގުތަށް ފީއެއް ނެގޭ ގޮތަށް ވަނީ ހިމަނައިފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން
-332a20ca.jpeg)
4 މަސް ކުރިން

4 މަސް ކުރިން