-8402fff9.png)

ވޭޕްކުރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް ބޮޑަށް ފެތުރެމުން އަންނަ ގޯސް އާދައެކެވެ. ގިނަ ބަޔަކު ހީކުރަނީ ވޭޕްކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ހަމައެކަނި އެކަން ކުރާ މީހާގެ ނަފްސަށް އެކަނި ކަމަށެވެ.
އެހެން ނަމަވެސް، ސިއްހީ މާހިރުން އަންނަނީ މިކަން ދޮގުކުރަމުންނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި، ވޭޕްކުރުމުގެ ސަބަބުން އުފެދޭ 'ސެކަންޑް ހޭންޑް ވޭޕް އޭރޮސޮލް' ނުވަތަ ދުން، އެހެން ފަރާތްތަކުގެ ހަށިގަނޑަށް ވަދެ، އެމީހުންގެ ސިއްހަތަށް ވެސް ނުރައްކާ ކުރެއެވެ. މިކަމަކީ ގިނަ މީހުން އަދިވެސް އެކަށީގެންވާ ވަރަށް ހޭލުންތެރިވެފައި ނުވާ ތެދު ހަޤީޤަތެކެވެ.
ވޭޕްކުރާ މީހާގެ ކައިރީގައި ހުންނަ އެހެން މީހެއްގެ ހަށިގަނޑަށް ވޭޕްގެ ދުމާއި އެކު ކެމިކަލްތައް ވަނުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވޭޕްގެ ދުމުގައި ނިކޮޓީން ފަދަ ދެވިހިފާ މާއްދާތައް ހިމެނެއެވެ. ނިކޮޓީންގެ އިތުރުން އެހެނިހެން ގެއްލުންދެނިވި ކެމިކަލްތައް ވެސް ވޭޕްގެ އޭރޮސޮލްގައި ހުރެއެވެ.
މިކެމިކަލްތައް ކައިރީގައި ހުރި މީހެއްގެ ހަށިގަނޑަށް ވަނުމުގެ ސަބަބުން ސިއްހީ ގޮތުން އެތައް ގެއްލުމެއް ލިބުމުގެ ފުރުސަތު ބޮޑުވެއެވެ. މިގޮތުން، ނޭވާލާ ނިޒާމުގެ ބަލިތަކާއި، ހިތުގެ ބަލިތަކުގެ އިތުރުން، ޚާއްސަކޮށް ކުޑަކުދިންގެ ސިކުނޑީގެ ޑިވެލޮޕްމެންޓަށް ހީނަރުކަން އައުމަކީ އެކަށީގެންވާ ކަމެކެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި، ވޭޕްގެ ސެކަންޑް ހޭންޑް ދުމުގެ ސަބަބުން އެންމެ ބޮޑަށް ރިސްކް އޮންނަނީ ކުޑަ ކުދިންނާއި، ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. ކުޑަކުދިންނަކީ އެމީހުންގެ ހަށިގަނޑުގެ ނިޒާމުތައް އަދި ފުރިހަމައަށް ތަރައްޤީވެފައި ނުވާ ބައެކެވެ. އެހެންކަމުން، ނިކޮޓީން އަދި އެހެނިހެން ކެމިކަލްތަކުގެ އަސަރު އެމީހުންނަށް ވަރަށް ބޮޑަށް ކުރެއެވެ. މިފަދަ ބަޔަކު ތިބި ތަނެއްގައި ވޭޕް ނުކުރުމަކީ، ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި، އެންމެ ބުއްދިވެރި ގޮތެވެ.
ސިނގިރޭޓުގެ ސަބަބުން ދިގު މުއްދަތެއްގައި ލިބޭ ގެއްލުންތައް ހޯދާފައިވަނީ ދިގު ދިރާސާތަކެއް ކުރުމަށްފަހުގައެވެ. ނަމަވެސް، ވޭޕަކީ އަދި ވަރަށް ފަހުގެ އުފެއްދުމަކަށް ވާތީ، ވޭޕްގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނުރައްކާތައް (ލޯންގް ޓާމް ސައިޑް އެފެކްޓްސް) އަދި ފުރިހަމައަށް ދިރާސާ ކުރެވިފައެއް ނުވެއެވެ. ސިއްހީ މާހިރުން ބުނާ ގޮތުގައި، މިފަދަ ދިރާސާތައް ނެތް ކަމަކީ، ސިނގިރޭޓުން ލިބޭ ފަދަ ބޮޑެތި ގެއްލުންތަކެއް ވޭޕުން ނުލިބޭނެ ކަމުގެ ހެއްކެއް ނޫނެވެ. އެހެންކަމުން، ވޭޕްކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށާއި، އެހެން މީހުންގެ ސިއްހަތަށް ވެސް ކުރިމަތިވެދާނެ ނުރައްކާތަކާމެދު ސަމާލުވުން މުހިންމެވެ.
ވޭޕްކުރުމަކީ ހަމައެކަނި އަމިއްލަ ނަފްސަށް ގެއްލުންވާ ކަމެއް ނޫނެވެ. ސެކަންޑް ހޭންޑް ވޭޕްގެ ސަބަބުން، ޚާއްސަކޮށް ކުޑަކުދިންނާއި ބަލި މީހުން ފަދަ ނާޒުކު ފަރާތްތަކަށް ސިއްހީ ނުރައްކާތައް ކުރިމަތިވެއެވެ. ރާއްޖޭގައި ވޭޕް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް، އަދިވެސް މިއީ އާންމު ކަމެކެވެ. އެހެންކަމުން، އަޅުގަނޑުމެންގެ މުޖުތަމަޢުގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، ވޭޕްކުރުމުގެ ނުރައްކާތަކާ މެދު ހޭލުންތެރިވެ، އެހެން މީހުންނަށް ގެއްލުން ނުވާނެ ގޮތަކަށް އުޅުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ.
މަނާކުރިތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައި ވިނަމަވެސް ދިވެހިންގެ މެދުގައި މިއީ އަދިވެސް ވަރަށް އާންމު ކަމެކެވެ.
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

9 މަސް ކުރިން