-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ރާއްޖޭގެ ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) -- ފޮޓޯ: އެމްއެންޔޫ
ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) އިން ބާއްވާ "ވަން ސްޓޮޕް އެޑްމިޝަން" އިވެންޓު މިއަދާއި މާދަމާ އެ ޔުނިވަސިޓީގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެފިއެވެ.
އެމްއެންޔޫއިން ބުނީ މި އިވެންޓުގައި އެ ޔުނިވަސިޓީގެ ހުރިހާ ފެކަލްޓީ ނުވަތަ ސެންޓަރުތަކާބެހޭ މައުލޫމާތު ފޯރުކޮށްދޭނެކަމަށާއި އަދި މިއަދު ހަވީރު އެވެންޓު ފަށާއިރު މި އިވެންޓު އޮންނާނީ މިއަދާއި މާދަމާގެ ހަވީރު 4:00 ން ފެށިގެން ރޭގަނޑު 10:00 ޖަހަންދެންކަމަށެވެ.
މި އިވެންޓު ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ތައުލީމީ ހުވަފެން ހަގީގަތަކަށް ހަދަން ބޭނުންވާ ދަރިވަރުންނަށް، އެއް ތަނަކުން، އެއް ފަހަރާ ޔުނިވަސިޓީއަށް ވަނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުންކަމަށް އެ ޔުނިވަސިޓީން ފާހަގަކުރިއެވެ.
އެގޮތުން، މި އިވެންޓުގެ ތެރޭގައި، ޔުނިވަސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޯލެވެލް އަދި އޭލެވެލް ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ދަރިވަރުންނަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދޭނެކަމަށް ގައުމީ ޔުނިވަސިޓީން ބުންޏެވެ.
ވީމާ، އެ ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި، އިވެންޓަށް ދާއިރު ނަތީޖާ ކަރުދާހުގެ އަސްލާއި އައިޑީ ކާޑު ގެންދިޔުމަށް އެމްއެންޔޫއިން އެދުނެވެ. ނަމަވެސް، ކޯސްތަކުން ޖާގަ ދޫކުރެވޭނީ ލިބެން ހުރި މިންވަރަކަށް ބަލައިގެންކަން އެ ޔުނިވަސިޓީން ފާހަގަކުރިއެވެ.
މީގެ އިތުރުން، އެމްއެންޔޫއިން ބުނީ މި އިވެންޓް ކުރިއަށްދާ ވަގުތު، އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ އެޓެސްޓްކޮށްދޭނެކަމަށެވެ.
އެމްއެންޔޫއަކީ ފަންނީ ގާބިލު ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތައުލީމާއި ތަމްރީނު ޕްރޮގްރާމުތަކެއް ހިންގަމުން އަންނަ ޔުނިވަސިޓީއެއްކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން، ޔުނިވަރސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތުގެ އިތުރުން މަތީ ތައުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މައުލޫމާތު މި އިވެންޓުގައި ބައިވެރިވާ ދަރިވަރުނާ ހިއްސާކުރައްވާނެކަމަށް ޔުނިވަސިޓީން ބުންޏެވެ.
މި ޔުނިވަރސިޓީން ތައުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިން، ފިޝަރީސް، ނާސިން ސައިކޮލޮޖީ ހިމެނެއެވެ.
މީގެ އިތުރުން، ހެލްތު ސައިންސަސް، އާކިޓެކްޗާ، އިންޓީރިއަ ޑިޒައިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިން، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ، އަދި މެޑިސިން ހިމެނެއެވެ.
އަދި އެމްއެންޔޫއަކީ ދިރާސާކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން ފަންނީ އިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޔުނިވަސިޓީއެއްކަމުން، ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މައުލޫމާތުވެސް މި އިވެންޓުން ލިބޭނެއެވެ.
އެހެންކަމުން، މިފަދަ ރަނުގެ ފުރުސަތެއްގެ ބޭނުން ހިފުމަށް ޝައުގުވެރިވާ ހުރިހާ ދަރިވަރުން ބައިވެރިވުމަށް އެ ޔުނިވަސިޓީން ދައުވަތުދިނެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން