-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި މިރޭ ބެންފީކާއާ ދެކޮޅަށް ގަދަބާރު، ރެއާލް މެޑްރިޑުން ކުޅޭ މުހިންމު މެޗުގައި، އެ ޓީމުގެ އިތުބާރު ފޯވާޑް ކީލިއަން އެމްބާޕޭ ނުކުޅޭނެކަން ކަށަވަރުވެއްޖެއެވެ.
މިދިޔަ ހަފުތާގައި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 0-1 އިންނެވެ. އެހެންކަމުން، މިރޭގެ މެޗުގައި އެމްބާޕޭ ނެތުމަކީ ބެންފީކާއަށް ލިބޭނެ ބޮޑު ފައިދާއަކަށްވާއިރު، ރެއާލްގެ ދަނޑު، ސެންޓިއާގޯ ބާނަބިއުގައި ކުޅޭ މި މެޗަކީ ދެ ޓީމަށްވެސް ޔޫރަޕްގެ އުންމީދުތައް ދެމެހެއްޓުމަށްޓަކައި ނުހަނު މުހިންމު މެޗެކެވެ.
ފާއިތުވި ދުވަސްތަކުގައި އެމްބާޕޭގެ ކަކުލުގެ މައްސަލައެއް އުޅޭކަން ފާހަގަކުރެވިފައިވާއިރު، އެ މައްސަލަ އިތުރަށް ގޯސްވީ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގެ ތެރޭގައެވެ. އެއާއެކު އެ ކުލަބާ ގާތް މަސްދަރުތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމްބާޕޭ މިރޭގެ މެޗުން ބާކީކުރިކަން ކަށަވަރުކޮށް، ރިޕޯޓުކޮށްފައިވެއެވެ.
މެޑްރިޑުން އެންމެ ފުރަތަމަ އުންމީދު ކުރީ މެޗުގެ ކުރިން އޭނާ ފިޓްވާނެ ކަމަށެވެ. ނަމަވެސް ކަކުލުގެ ރިހުން ކުޑަނުވުމުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޯޗިން ސްޓާފުން ނިންމީ އޭނާ ސްކޮޑުން ބާކީ ކުރުމަށެވެ.
އެމްބާޕޭ ނެތުމުން މެޑްރިޑްގެ އެޓޭކިން ލައިނަށް ބަދަލުތަކެއް ގެންނަން ޖެހޭނެއެވެ. އޭނާގެ ބާރުމިނާއި ލަނޑު ޖެހުމުގެ ގާބިލުކަން ނެތުމަކީ މިރޭގެ މެޗުގައި މެޑްރިޑަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
އެހެން ނަމަވެސް، ކުރިއަށް ހުރި ލީގު މެޗުތަކާއި ޔޫރަޕްގެ މުހިންމު މެޗުތަކަށް އޭނާ ފިޓްކޮށް ބެހެއްޓުމަށްޓަކައި މިއީ އެންމެ ރަނގަޅު ނިންމުން ކަމަށް ކްލަބުން ގަބޫލުކުރެއެވެ.
އެމްބާޕޭގެ އަނިޔާގެ ހާލަތު ރެއާލް މެޑްރިޑުން ދަނީ ވަރަށް ގާތުން މޮނިޓާ ކުރަމުންނެވެ. އަދި އޭނާ އަލުން ކުޅުމަށް އެނބުރި އަންނާނެ ދުވަހަކާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ބެލެވެއެވެ.

10 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން