-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ވ. އަތޮޅުގައި ހިނގި ނުރައްކާތެރި ޑައިވިންގ ހާދިސާއަކާ ގުޅިގެން، އެ ހާދިސާ ހިނގިއިރު ބޭނުންކުރި "އެމް.ވީ. ޑޫކް އޮފް ޔޯކް" ސަފާރީގެ އޮޕަރޭޓިންގ ލައިސަންސް ޓޫރިޒަމް މިނިސްޓްރީން ސަސްޕެންޑްކޮށްފިއެވެ.
މި ހާދިސާގައި ގެއްލުނު ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވާއިރު، އިތުރު ހަތަރު ފަތުރުވެރިއަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، 2026 މެއި 14 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި އެ އުޅަނދުގެ ލައިސަންސް ވަކި މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައިވާ ކަމަށެވެ.
ސިފައިން މައުލޫމާތު ދޭ ގޮތުގައި، ޑައިވިންގ އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑިން، ހޮހަޅައެއްގެ ބޭރުންނެވެ. އަދި ގެއްލިގެން ހޯދަމުންދާ ހަތަރު ފަތުރުވެރިން ތިބީ 200 ފޫޓު ދިގު ހޮހަޅައެއްގެ ތެރޭގައި ކަމަށް ސިފައިން މިހާރު ލަފާކުރެއެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ އެމީހުން ހޯދުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުންނެވެ.
ހާދިސާގެ ސީރިއަސްކަމަށް ރިއާޔަތްކޮށް، މިނިސްޓްރީން ވަނީ މި ދަތި ދަނޑިވަޅުގައި ފަތުރުވެރިންގެ އާއިލާތަކަށް ހަމްދަރުދީ ފޮނުވާފައެވެ. އަދި މީހުން ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް މިނިސްޓްރީން ވަނީ ބަލައިގެންފައެވެ.
ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަން ފާހަގަކޮށް، ކަނޑައެޅިފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި ސަލާމަތީ މިންގަނޑުތައް ދެމެހެއްޓުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ދީފައެވެ.

11 ދުވަސް ކުރިން

22 ދުވަސް ކުރިން
-20600e4e.jpg)
24 ދުވަސް ކުރިން
-ccce5dd5.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން