-8402fff9.png)
ފާތިމަތު މިޝްކާ

ހައި ކޯޓުގެ ހުކުމަކާ ގުޅިގެން ވޯޓު އެއްވަރުވެފައިވާތީ މިއަދު ބޭއްވި ބައި އިލެކްޝަން ކާމިޔާބުކޮށް، ދ. މީދޫ ކައުންސިލްގެ ރައީސްކަމުގެ ގޮނޑި ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކަށަވަރުކުރައްވައިފިއެވެ.
މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ސުހާ ވާދަކުރެއްވިއިރު، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވީ މުހައްމަދު ޝާހިދެވެ. މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކުރިއަށްދިޔަ މި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، 529 ވޯޓާއެކު އިންތިހާބު ކާމިޔާބުކުރެއްވީ ސުހާއެވެ. ޝާހިދަށް ލިބިވަޑައިގަތީ 449 ވޯޓެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1409 މީހުންގެ ތެރެއިން 978 މީހުން ވޯޓުލާފައިވެއެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި މީދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވި ސުހާ އަދި ޝާހިދުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން މައްސަލަތަކެއް އުފެދުނެވެ. ފުރަތަމަ ނަތީޖާއިން ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބިފައިވާއިރު، އަމިއްލަ ގޮތުން ވާދަކުރެއްވި އިބްރާހިމް ނަސީމަށް ލިބިވަޑައިގަތީ 100 ވޯޓެވެ. އެ ނަތީޖާގައި އޮއްވައި، ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަށް ވޯޓުލުމުގެ ހައްގު ނެތް މީހަކު ވޯޓުލާފައިވާކަން ސާބިތުވެ، ސުހާގެ ވޯޓެއް ބާތިލުކުރެވުނެވެ. މިއާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމުން، ފޮނަދޫ ފޮށި އަލުން ގުނައިގެން އެމްޑީއޭގެ ކެންޑިޑޭޓް އެއް ވޯޓުގެ ތަފާތުން ކުރި ހޯއްދެވިއެވެ.
ނަމަވެސް، ސުހާއަށް ލިބުނު ދެ ވޯޓު ކަރުދާހެއް ގޯސްކޮށް ބާތިލްކޮށްފައިވާ ކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން، އޭގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށް މިދިޔަ މަހު ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މި ހުކުމާއެކު ދެ ކެންޑިޑޭޓުންގެ ވޯޓު އަލުން އެއްވަރުވެ، ބައި އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވީއެވެ. މިއަދުގެ އިންތިހާބު ސުހާ ކާމިޔާބުކުރެއްވުމާއެކު، މީދޫ ކައުންސިލްގެ ހުރިހާ ގޮނޑިއެއް މިހާރު ވަނީ ޕީއެންސީއަށް ކަށަވަރުވެފައެވެ.
Follow-up

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން