-8402fff9.png)
ސައިފުﷲ އަލީ

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އެންމެހައި އިސްލާހުތަކާއެކު އެ ގަވާއިދު އެ ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި ބައިވެރިވި މަންދޫބުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
މިއަދު ހެނދުނު ފެށުނު ކޮންގްރެސް ޕާޓީގެ މަތީ މަޖިލީހުގެ ދެވަނަ ދަންފަޅީގައި އަސާސީ ގަވާއިދު އެންޑޯސްކުރުމުގެ މަސައްކަތް ކުރިއަށްދިޔައިރު، ފާއިތުވި މުއްދަތުގައި ގަވާއިދަށް ގެނެސްފައިވާ ހުރިހާ އިސްލާހުތަކެއްގެ ތަފުސީލު ވަނީ މަތީ މަޖިލީހުގެ ބައްދަލުވުމަށް ހުށަހަޅައިފައެވެ.
އަސާސީ ގަވާއިދަށް ގެނެވުނު އިސްލާހުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފަތުހީ އާދަމް ވިދާޅުވީ، މިއީ ޕާޓީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މިންވަރަށް ބަލައި ގެންނަންޖެހޭ ބަދަލުތަކެއް ކަމަށެވެ. އަދި އެކި ދާއިރާތަކަށް އަމާޒުކޮށްގެން ޕާޓީގެ ހަރަކާތްތައް ފުޅާކުރުމާއެކު، ގައުމަށް ލާބަހުރި ގޮތަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި މުހިންމު އިސްލާހުތަކެއް ހިމަނާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕާޓީގެ އިސްސަފުން މެންބަރުންނަށް އޮންނަ ޖާގަ ފުޅާކުރުމުގެ ގޮތުން ދީނީ އިލްމުވެރިންގެ މަޖިލީހާއި، އަންހެނުންގެ ހަރަކާތުގެ އިތުރުން ޒުވާނުންނާއި އިސްރަށްވެހިންގެ ހަރަކާތްތައް ވަނީ އުފައްދައިފައެވެ. މީގެ އިތުރުން އިގުތިސާދީ މުހިންމު ދާއިރާތަކާއި، ގައުމީ ސަލާމަތާއި، ސިއްހަތާއި، އިޖުތިމާއީ ކަންކަމާއި، ސައިންސާއި ޓެކްނޮލޮޖީ ހިމެނޭހެން ޖުމްލަ 15 ކޮމިޓީއެއް ވަނީ އެކުލަވައިލައިފައެވެ.
ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބުރައީސުންގެ ދައުރާއި ސްޓިއަރިން ކޮމިޓީތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައްވެސް އާ އިސްލާހުތަކާއެކު އަސާސީ ގަވާއިދުގައި ވަނީ ހިމަނައިފައެވެ.
އަސާސީ ގަވާއިދު ފާސްކުރުމަށް ބޭއްވި މި ސެޝަނުގައި 1064 މަންދޫބުން ބައިވެރިވެވަޑައިގެންނެވިއިރު، ހުރިހާ އިސްލާހުތަކާއެކު ގަވާއިދު ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ މަންދޫބުންގެ އިއްތިފާގުންނެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން