-8402fff9.png)
ސައިފުﷲ އަލީ

ގޭގައި ތިބެގެން ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެ މަސައްކަތް ކުރެވޭނީ ރަށްރަށަށް ދަތުރުކޮށްގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީއެންސީގެ ކޮންގްރެސްގެ ދެވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރުމަށްޓަކައި މަގުމައްޗަށް ނުކުންނަންޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި ކަނޑުމައްޗަށް އަރައި ފަރުމަތީގައި ވެސް ހިނގައިގަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ސިޔާސީ މަސައްކަތް ކުރުމަށްޓަކައި ރަށްރަށް ވެސް ދަތުރުކުރަންޖެހޭ ކަމަށާއި ޕީއެންސީއަށް 80،000 ވަރަކަށް މެންބަރުން ލިބުނީ އެގޮތުގައި މަސައްކަތް ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި، ކައުންސިލްތަކާ ބައްދަލުކުރައްވާ، ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ، އިސްރަށްވެހީންނާ ބައްދަލުކުރައްވާ އެ މީހުންގެ ވާހަކަތައް އަޑުއަހާ، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއަހާ، އެ މީހުންގެ އިހްސާސްތަކަށް ހުރުމަތްތެރިކޮށް ހިތައި، އެ މީހުންގެ ޚިޔާލާއި މަޝްވަރާ ހޯއްދަވައި އޭގެ އަލީގައި ރައްޔިތުންނަށް ޚިދުމަތްކުރުމުގެ ނަތީޖާއަކީ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތިން ހާހުން އަށްޑިހަ ހާހަށް ދިޔުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސިޔާސީ މީހުންނަކީ ކިބުރުވެރި ބޮޑާ ބަޔަކަށް ވެގެންނުވާނެ ކަމަށާއި އެ މީހުން ވާންވާނީ ކޮންމެ ބަޔަކާ ވެސް ވާހަކަ ދެއްކޭ ބަޔަކަށް ކަމަށެވެ. އަދި އެކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނަމޫނާ ދައްކަވަމުންގެންދަވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮންގްރެސް ނިންމާލަންވާނީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޑރ. މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށް ކަމަރު ބަނދެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވިގޮތުގައި އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދައި އިތުރު ތަރައްގީ ގެނެވޭނީ 10 އަހަރުގެ މުއްދަތަކަށް އެކަކު ވެރިކަންކޮށްގެން ކަމަށްވާތީއެވެ.
"ދިވެހިރާއްޖެއަށް ހަމަޖެހުން އަނަން އެބަޖެހޭ. ތަރައްގީގެމަގުން ކުރިއަރައިގެންދާން އެބަޖެހޭ. ދިވެހި ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދޭންއެބަޖެހޭ. ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހަދަން އެބަޖެހޭ. މިކަން ކުރެވޭނީ މަދުވެގެން 10 އަހަރު އެއް ވެރިއަކު ރާއްޖޭގެ ވެރިކަމުގައި ހުންނަވައިގެން." އޭނާ ވިދާޅުވިއެވެ.
ބޭރު ގައުމަކަށް ބަރޯސާ ނުވެ އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ގައުމަކަށް ރާއްޖެ ހަދަން ޕީއެންސީ އޮތީ ތައްޔާރަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން