-8402fff9.png)
ސައިފުﷲ އަލީ

އިދިކޮޅު ފަރާތްތަކުން ގައުމުގައި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ސަރުކާރު ހިންގާ ޕީއެންސީގެ ބަދަހި ލަޝްކަރުގެ ތެރެއަށް އެފަދަ ކަންކަން ވެއްދުމަށް އެއްވެސް ފުރުސަތެއް ދީގެން ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެ ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕީއެންސީގެ މަތީ މަޖިލިސް އިފްތިތާހުކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ މައިދާނުގައި އިދިކޮޅު ފަރާތްތަކުން ވަރަށް ޒިންމާދާރުކަން ކުޑަގޮތެއްގައި އަދި އިމެއްނެތި ހަމަނުޖެހުން އުފެއްދުމަށް މަސައްކަތްކުރާ ތަން ފެންނަމުންދާ ކަމަށެވެ. އެހެންކަމުން ޕީއެންސީގެ މެންބަރުންގެ މައިގަނޑު އަމާޒަކަށް ވާންވާނީ ގައުމަށް ތަރައްގީއާއި ހަމަޖެހުން ގެނެސްދިނުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ޕީއެންސީގެ ދައުރު އިތުރަށް ފުޅާކޮށް، ޕާޓީގެ ހުރިހާ ގުނަވަންތަކެއް ގުޅިގެން އެއް އާއިލާއެއްގެ ގޮތުގައި، އެއް ރޫހެއްގައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ގައުމީ މަސްލަހަތު އިސްކޮށް "އެންމެ ފުރަތަމަ ގައުމު" މިއީ އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭ ޝިއާރުކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ސިޔާސީ މައިދާން އެހެން ހާލަތަކަށް ބަދަލުކޮށް ފުރިހަމަކުރުމުގައި ޕީއެންސީން ލާމަސީލު މިސާލެއް ދައްކާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޕީއެންސީގެ މައިގަނޑު ފަލްސަފާއަކީ ގައުމަށް ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ހޯދައިދިނުން ކަމަށާއި، ސަރުކާރުގެ ރިޔާސީ މެނިފެސްޓޯއާއި ހާރިޖީ ސިޔާސަތު ވެސް ބައްޓަންވެފައިވަނީ މި އަސާސްތަކުގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ޕީއެންސީއަށް ލިބެމުންދާ ބޮޑު ކުރިއެރުމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ނޮވެމްބަރު 17، 2023 ގައި ވެރިކަމާ ހަވާލުވި އިރު ޕާޓީގައި ތިބީ އެންމެ 3000 މެންބަރުން ކަމުގައި ވިޔަސް، އާންމު މެންބަރުން ކުރި ބުރަ މަސައްކަތުން މިއަދު އެ އަދަދު 80،000އަށް އަރާފައިވާކަން އުފަލާއެކު ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދިވެހި ތާރީހުގައި ސިޔާސީ ޕާޓީއަކުން މިހާ ކުރު މުއްދަތެއްގެ ތެރޭގައި ހޯދި އެންމެ ބޮޑު ކާމިޔާބީކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންގްރެސްގައި ހާހަކަށްވުރެ ގިނަ މަންދޫބުން ބައިވެރިވެ އެވެ. މި ބައްދަލުވުމުގެ ތެރެއިން ޕާޓީގެ ހަ ނައިބު ރައީސުންނާއި މަތީ މަޖިލީހުގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕީއެންސީ އަކީ 2019 ވަނަ އަހަރު އުފެއްދި ސިޔާސީ ޕާޓީއެކެވެ. މިއީ އޭރުގެ އިދިކޮޅު ކޯލިޝަން ވަރުގަދަކުރުމުގެ ގޮތުންނާއި ޕީޕީއެމްއަށް ކުރިމަތިވެދާނެ ގާނޫނީ ގޮންޖެހުންތަކުން ރައްކާތެރިވުމަށް އުފެއްދި ޕާޓީއެކެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މުހައްމަދު މުއިއްޒު ވާދަކުރައްވައި އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން، ޕީއެންސީ ވެގެންދިޔައީ ރާއްޖޭގެ ވެރިކަން ކުރާ މައި ޕާޓީއަށެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން