-8402fff9.png)
މިރާޝް މޫސާ

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލުމުގައި ބައިވެރިވިކަން ސާބިތުވެ، ހަލީމަތު ލަމްހާ އަބްދުއްރަހްމާން 15 އަހަރާއި 4 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
އޮކްޓޯބަރު 2021 ގައި މޭރީއަށް ހަމަލާދީ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލިއިރު، ލަމްހާގެ މައްޗަށް ދައުލަތުން އުފުލީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި މާވިންގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު، ލަމްހާގެ މައްޗަށް ކުށް ސާބިތުވެ އިއްވާފައިވަނީ ޖުމުލަ 15 އަހަރާއި 4 މަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް، ލަމްހާ ބަންދުގައި ހޭދަކުރި 3 އަހަރާއި 5 މަހާއި 25 ދުވަސް އޭނާ ތަންފީޒު ކުރަން ޖެހޭ އަދަބުން އުނިކުރެވޭނެއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން އެދިފައިވަނީ ލަމްހާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައަޅައިދިނުމަށެވެ. ދައުލަތުން ފާހަގަކުރި ގޮތުގައި، ލަމްހާ ނަރުހެއްގެ ގޮތުގައި މަސައްކަތްކުރި ދުވަސްވަރު ދުރާލާ ރާވައިގެން ހިންގި މި އަމަލުގެ ސަބަބުން މޭރީގެ ދަރިފުޅު ބޭރު ގައުމެއްގައި ނިކަމެތިވެ، މަންމަގެ ލޯބިން ވަނީ މަހުރޫމުވެފައެވެ. އަދި މޭރީ މަރާލުމުގެ މައިގަނޑު މަގުސަދަކީ މާވިންއާއި ލަމްހާއާ ދެމެދު އޮތް ލޯބީގެ ގުޅުން ކުރިއަށް ގެންދިއުން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ. މޭރީ މަރާލި ވަގުތު އޭނާގެ ދަރިފުޅު ބެލެހެއްޓުމާ ލަމްހާ ހަވާލުވެ، އެ ކުއްޖާ ގޮވައިގެން އެހެން ގެއަކަށް ގޮސްފައިވާކަންވެސް ދައުލަތުން ކޯޓުގައި ސާބިތުކޮށްދިނެވެ.
ލަމްހާގެ ފަރާތުން ކޯޓުގައި އެދުނީ ޖަލު އަދަބުގެ ބަދަލުގައި ގޭ ބަންދަށް ނުވަތަ ޖޫރިމަނާގެ އަދަބަކަށް ލުއިކޮށްދިނުމަށެވެ. އެގޮތަށް އެދުނީ އޭނާގެ 58 އަހަރުގެ މަންމައަކީ އެކަނި ދިރިއުޅޭ މީހަކަށްވުމާއި، ލަމްހާއަކީ އާމްދަނީ ހޯދައި މަންމައަށް އެހީތެރިކަން ފޯރުކޮށްދެވޭނެ މީހަކަށް ވާތީކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. ނަމަވެސް، މައްސަލަ ބެއްލެވި ގާޒީ މުޒައްމިލް ނާސިރު ނިންމެވީ ލަމްހާގެ މައްޗަށް އަދަބު ލުއިކޮށްދޭންޖެހޭ އެއްވެސް ހާލަތެއް ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ މޭރީ މަރާލުމުގެ ގަސްތު ލަމްހާގެ އޮތްކަމާއި، އެކަމުގައި އެންމެ މަތީ ދަރަޖައަށް އޭނާ ބައިވެރިވެ، މަރު ފޮރުވަން މަސައްކަތްކޮށްފައިވާތީ އަދަބުގެ ދަރަޖަ މަތިކުރަންޖެހޭ ކަމަށެވެ.

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން