-8402fff9.png)
ފާތިމަތު މިޝްކާ

ހުޅުމާލޭގައި ގާއިމްކުރި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އާ އިމާރާތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.
ޖަސްޓިސް ބިލްޑިންގް އެނެކްސްގެ ނަމުގައި ހުޅުވި އެ އިމާރާތަކީ ސުޕީރިއާ ކޯޓްތައް ހިންގުމަށް ހުޅުމާލޭގައި އަޅަން ނިންމާފައި އިމާރާތުގެ މަސައްކަތް ނިމި ޚިދުމަތް ފެށެންދެން ވަގުތީގޮތުން ބޭނުންކުރަން އެޅި އިމާރާތެކެވެ. އެ ދެ ކޯޓު މީގެކުރިން މާލޭގައި ހިންގަމުން އައި އިމާރާތް ބާވެފައިވުމުގެ ސަބަބުން ވާރޭ ވެހޭއިރު ކޯޓުގެ ތެރެއަށް ފެންވަދެ ތަކެއްޗަށް ވެސް ގެއްލުންވެފައިވެއެވެ. އެކަމުގެ ސަބަބުން އެކަށީގެންވާގޮތެއްގައި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަކަށް ނުގެންދެވެއެވެ.
މިއަދު ހުޅުވި އިމާރާތުގައި ޑްރަގް ކޯޓަށް ޚާއްސަ ފަސް ކޯޓު ރޫމާއި ކްރިމިނަލް ކޯޓަށް ޚާއްސަ 10 ކޯޓު ރޫމް ހިމެނެއެވެ. އަދި ފަނޑީޔާރުންނަށް ޚާއްސަ 17 ކޮޓަރީގެ އިތުރުން، ދިފާއީ ވަކީލުންނަށާއި ދައުލަތުގެ ވަކީލުންނަށް ބޭނުން ކުރެވޭނެ ޖާގަތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.
އެޗްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރުއުގެ ދަށުން ތަރައްގީކުރި އާ އިމާރާތުގެ ކޯޓު ރޫމްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް ތަންތަނަށް ވުމުން، ޝަރީއަތްތައް ހިންގުމަށާއި ކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް ކުރުމަށް، ޝަރުއީ ދާއިރާގެ މުވައްޒަފުންނަށް ޖާގައިގެ ތަނަވަސްކަން ލިބޭނެއެވެ.
ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ޙައްލު ހޯއްދަވައިދެއްވުމުގެ ގޮތުން، ހުޅުމާލޭގައި ސުޕީރިއާ ކޯޓު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް، މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރު ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މިކަމުގެ ސަބަބުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެކަމަށާއި، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ފެބުރުއަރީ 6 ވަނަ ދުވަހު ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި، ޝަރުއީ ދާއިރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވަނީ އަރުވާފައެވެ. އަދި ޖަސްޓިސް ބިލްޑިންގް އެނެކްސްގައި ދިވެހި ގައުމީ ދިދައާއި ޖުޑީޝަރީ ދިދަ ނެގުންވެސް މިރަސްމިއްޔާތުގައި އޮތެވެ. މި ރަސްމިއްޔާތުގައި ދިވެހި ދައުލަތުގެ އިސްވެރިންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވައިވެއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން