-8402fff9.png)
އައިޝަތު ހިދާޔާ

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ
އިދިކޮޅު މައި ސިޔާސީ ޕާޓީ, އެމްޑީޕީ މިހާރު އޮތީ އެއްކޮށް ފެއިލްވެފައި ކަމަށާއި އެ ޕާޓީން ގައުމުގެ އިގްތިސާދުގެ ވާހަކަ ދައްކަން ހެޔޮނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ ޕާޓީ ޕިއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله މިއަދު ވިދާޅުވެއްޖެއެވެ.
މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ, ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ވަނީ ފަށައިފައެވެ. މި އިންތިޚާބުގައި ވޯޓުލުމަށްފަހު އެމްއެމްޓީވީއަށް ވަޑައިގެން ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ, 2008ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު ރާއްޖެއަށް ޑޮލަރު ވަންނާނެ ހުރިހާ ދޮރުތަކެއް ބަންދުކުރިކަމަށެވެ.
"ޑޮލަރުގެ ވާހަކަ ދައްކާއިރު މިއީ ފާހަގަކުރަންޖެހޭ ކަންކަން. ރާއްޖޭގެ މައި އެއާޕޯޓް ވިއްކާލީ," އެމަނިކުފާނު ވިދާޅުވިއެވެ. ރައްޔިތުންނަށް ދަތިވާނެ އެތައް ކަމެއް އޭރު އެމްޑީޕީން ކުރިކަމަށާއި އޭރު ވެސް އިދިކޮޅުން މިފަދަ ކަންކަމާ ދެކޮޅަށް މަގުމައްޗަށް ނުކުމެ އަޑުއުފުލިކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައި ޑޮލަރު ހުރީ 12.45ގައިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, ޑޮލަރުގައި ބޭންޑު އަޅުވަން އެ ސަރުކާރުން ނިންމުމުން ޑޮލަރުގެ އަގު 16 އާއި 17 ރުފިޔާއަށް އުފުނު ކަމަށެވެ. މިހެންވުމުން އޭރުވެސް ޑޮލަރު ހޯދަން ދަތިވިކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ, 2018ވަނަ އަހަރު ވެރިކަމާ ހަވާލުވުމަށްފަހު އެމްޑީޕީން ފައިސާ ޗާޕުކުރީ ވެސް ގާނޫނާ ޚިލާފަށް ކަމަށެވެ.
"8 ބިލިއަން ރުފިޔާ ޗާޕުކޮށްފައި އިގްތިސާދުގެ ތެރެއަށް ދޫކޮށްލީމައި ދެން ވާނެގޮތް ނޭންގޭ ކަމަށްވަންޏާ އެވަރުގެ ބަޔަކު ވެރިކަން ހޯދަން ނޫޅެ, ރީއްޗަށް މަހަށް ފުރިއްޔާ މާ ރަނގަޅުވާނެ," އަބްދުއްރަހީމް ވިދާޅުވިއެވެ.
އެމްޑީޕީގެ އަތްމައްޗަށް 2018ވަނަ އަހަރު ވެރިކަން އެރިއިރު ރާއްޖޭގެ އިގްތިސާދީ ހާލަު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް, އިގްތިސާދު އިތުރަށް ހަރުދަނާކުރަން އެ ސަރކާރުން ކުރި އެއްވެސް ކަމެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީން އިގްތިސާދުގެ ވާހަކަ ދައްކަން ލަތުގަންނަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ގައުމެއްގެ އިގްތިސާދު ހަރުދަނާ ނުކޮށް އޭގައި ހުރި އެއްޗެއް ބޭނުންކުރީމައި ދެންއަންނަ ބަޔަކު އުފުލަންޖެހޭނެ ތަކުލީފު އެއީ ހަމަބުއްދި ހުރި ކޮންމެ އިންސާނަކަށް ވެސް ވިސްނޭނެ އެއްޗެއް," އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން އަބްދުއްރަހީމް ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް ލޯނު ނަގާނެ ކަމަށެވެ. ނަމަވެސް, މިދިޔަ ސަރުކާރުން ލޯނުތައް ވެސް ނަގާފައި ވަނީ އެއްވެސް ވިސްނުމެއް ނެތިކަމަށާއި ލޯނު ނަގަންޖެހޭނީ އެ ލޯނު އަނބރާ ލިބޭފަދަ މަޝްރޫއުތަކަށްކަން މިދިޔަ ސަރުކާރަށް ނުވިސްނުނުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެހެންވެގެން ރާއްޖޭގެ އިގްތިސާދު މިހާހިސާބަށް ދިޔައީ," އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން މިހާތަނަށް އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކޮށްފައިވާކަން ފާހަގަކުރައްވައި އަބްދުއްރަހީމް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދު ހަރުދަނާވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ. އެހެންކަމުން މިއަދު މަގުތަކަށް ނުކުމެ އިގްތިސާދުގެ ވާހަކަ ދައްކަން އެ ޕާޓީން ލަދުގަންނަން ޖެހޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އެހެންކަމުން, އެމްޑީޕީ މިހާރު އޮތީ ފެއިންވެފައި ކަމަށާއި އެ ޕާޓީން ވެރިކަންކުރަން އުޅުމުގެ ބަދަލުގައި އެހެންކަމެއް ކުރަން މަސައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު އަބްދުއްރަހީމް މިފަދައިން ވިދާޅުވިއިރު, ޑޮލަރުގެ މައްސަލަ ހައްލު ނުވެގެން އުޅެނީ އެމްޑީޕީގެ ދެ ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވަނީ ވިދާޅުވެފައެވެ.
ޑޮލަރުގެ ކަޅު ބާޒާރު ނައްތައިލުމާއި ޑޮލަރުގެ އަގު ހިފެހެއްޓުމަކީ މި ސަރުކާރުގެ ވައުދެކެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން