-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހި ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމާއި މިނިވަންކަމުގެ ދާއިރާ ފުޅާކުރުމަށް އެންމެ އިސްކަމެއް ދެއްވާ ރައީސަކީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށް ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ, މިއަދު ފާހަގަކުރާ 61ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ, މިފަދަ މުނާސަބަތެއް ފާހަގަކުރާއިރު ލިބޭ އެންމެ ބޮޑު އުފަލަކީ އަދުގެ ރައީސް މުއިއްޒަކީ މިނިވަންކަން ހިމާޔަތްކުރެއްވުމާއި ގައުމިއްޔަތު އާލާކޮށް ދެމެހެއްޓެވުމުގެ ވައުދުފުޅާއެކު އިންތިޚާބުވެވަޑައިގަތް ރައީސަކަށް ވުން ކަމަށެވެ.
"މިއިން ކަށަވަރުކޮށްދެނީ މިގައުމުގެ މިނިވަންކަން ދެމެހެއްޓުމާއި އޭގެ ދާއިރާ ފުޅާކޮށް ކުރިއެރުމުގައި އެންމެ އިސްކަމެއް ދެއްވަނީ އެމަނިކުފާނުކަން," ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ, ގައުމެއްގެ މިނިވަންކަމަކީ ހަމައެކަނި ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއް ނޫންކަމަށެވެ. ގައުމެއްގެ މިނިވަންކަމަކީ އެބައެއްގެ ކިބައިގައި ހުންނަ ވަކި ޚާއްސަ ސިފަތަކެއް މުޅި ދުނިޔެ ވެސް ބަލައިގަތުން ކަމަށާއި އެހެންމީހުން ވެސް ގައުމެއްގެ މިނިވަންކަން ބަލައިގަންނަ ބަލައިގަތުން ކަމަށް ހީނާ ވިދާޅުވިއެވެ. މިއަދު ރާއްޖޭގެ 61ވަނަ މިނިވަންދުވަސް ފާހަގަކުރި ނަމަވެސް ރާއްޖޭގެ މިނިވަންކަމަކީ ހާސް އަހަރުން ގުނޭ ދިގު ތާރީޚެއް އޮތް ކަމެއްކަން ހީނާ ފާހަގަކުރެއްވިއެވެ.
އެތައްހާސް އަހަރަކަށް ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުނީ ޖީލުން ޖީލަށް އަމާނާތްތެރިކަމާއެކު މިނިވަން ފިކުރެއް ވާރުތަ ކުރެވުމުންކަމަށް ހީނާ ވިދާޅުވިއެވެ.
"މާޒީގެ ހިތްދަތި ތަޖުރިބާއާއި މުސްތަގުބަލުގެ ހިރާސްތައް ޒުވާން ޖީލުތަކުގެ ސިކުނޑިއަށް ވާސިލްކޮށްދެވުނުކަން, ހުޅުވެމުން ގުޅުވެމުންދާ ދުނިޔެއެއްގައި ގައުމީ ޝަހްސީ ސިފަތަކަށް އަމާނާތްތެރިވުމުގެ ޒިންމާ ޖީލުން ޖީލަށް ރާއްދުކުރެވުނުކަން . ޖާރީވަމުންދިޔަ މި މާޒީގައި އަޅުގަނޑުމެންގެ މިނިވަންކަމަސް އައި ހަރީފު ދުވަސްތަކަކީ މިދެންނެވި ކަންކަމާ ޚިލާފުވި ދިވެހީން ތަކެއްގެ ބައިވެރިވުން އޮވެގެން އައި ދުވަސްތަކެއް," ހީނާ ވިދާޅުވިއެވެ.
ދިވެހީންގެ މިނިވަންކަން ގެއްލޭ ކޮންމެ ފަހަރަކު އެކަމުގެ ފަހަތުގައި ވަނީ ހަމަ ދިވެހީންކަން ވެސް ހީނާ ވަނީ ފާހަގަކުރައްވައިފައެވެ.
"އެހެންކަމުން ގައުމުގައި މިނިވަން ފިކުރު އުފައްދައި ދެމެހެއްޓުމާއި ގައުމީ މިނިވަންކަން ނެގެހެއްޓުމުގައި އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން އިންތިހާއަށް ބޭނުންވޭ," ހީނާ ވިދާޅުވިއެވެ.
ގައުމުގެ ނަމުގައި ގޮވާލެވޭހިނދު ލޯތްބާއެކު އިޖާބަދިނުމަށާއި ދެބަސްވާ ކަންކަމުގައި ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބައިވަންތަ ވުމަށް ހީނާ ވަނީ ދިވެހީންނަށް އިލްތިމާސްކުރައްވައިފައެވެ.
3 މަސް ކުރިން
4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން