-8402fff9.png)
އައިޝަތު ހިދާޔާ

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި، 66 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން މިއަދު ދެއްވައިފިއެވެ.
މި ބޭފުޅުންނަށް ބެޖާއި އައްޑަނަ ދެއްވާފައި ވަނީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.
މިއަދު ޝަރަފުގެ ބެޖާއި އައްޑަނަ އާއި ހަނދާނީލިޔުން ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް މި އިނާމު އެރުވުމަށް ރައީސް ނިންމަވައި، އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯއްދެވުމަށްފަހު، ގައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ މައުލޫމާތު، ކޮމިޓީން ދިރާސާ ކުރައްވައި، އެ ބޭފުޅުންނާ ކޮމިޓީން ބައްދަލުކުރައްވައި، އެ ބޭފުޅުންގެ ތެރެއިން އިނާމަށް ޝަރުތު ފުރިހަމަވި ބޭފުޅުންނަށެވެ.
މިއަދުގެ ޖަލްސާގައި ދިވެހި ދައުލަތުގެ މަތިވެރި އިއްޒަތް ކަމުގައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން ހަތަރު ބޭފުޅަކަށް ވަނީ އަރުއްވައިފައެވެ.
މި މަގާމު އަރުއްވާފައި ވަނީ, ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ޑރ. މުހައްމަދު ލަތީފަށާއި ރާއްޖެއަށް ތަފާތު އެކި ރޮނގުރޮނގުން ޚިދުމަތް ކުރައްވައިފައިވާ އިބްރާހީމް ރަޝީދު މޫސާއަށާއި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ހުސައިން އަފީފް އަދި ވިޔަފާރިވެރިޔާ މުޙައްމަދު މޫސާއަށެވެ.
މީގެއިތުރުން މިއަދުގެ ޖަލްސާގައި ދިވެހި ބަހާއި ސަގާފަތާއި ފަންނާ ބެހޭ ވަޒީރު ހީނާ ވަލީދާއި ރައީސް މުއިއްޒު ވަނީ ވާހަކަ ދައްކަވައިފައެވެ.
އެގޮތުން, މީގެ ކުރިން އެމްޑީޕީގެ ވެރިކަންތަކުގައި އޮތީ އަރަބި އިސްލާމީ ގައުމުތަކާ ގުޅުން ކުޑަ، ދިވެހިންނާއި ބީރައްޓެހި ޚާރިޖީ ސިޔާސަތުތަކެއް ކަމަށް މި ޖަލްސާގައި ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން, އިސްރާއީލު ފިޔަވައި ދުނިޔޭގެ ހުރިހާ ގައުމަކާއި ރާއްޖެއިން ގުޅުން ބާއްވާނެ ކަމަށާއި އޭގެ ސަބަބކީ ކޮންމެ މީހެއްގެ ވެސް ހިތުގެ އެންމެ ފުން ނާރުތަކާ ގުޅިފައިވަނީ ފަލަސްތީނުގެ ރައްޔިތުންގެ ޖިހާދާކަމަށް ރައީސް ވިދާޅުވި އެވެ.
މިއަދު މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރާއިރު, މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ސިފައިންނާއި ކެޑޭޓުގެ ޕެރޭޑު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން